ބިދޭސީން ލައްވައި މުޒާހަރާ ކުރުމުގައި ސިޔާސީ ކަންކަން ހިމެނޭ: ފައްޔާޒް

ބިދޭސީން ލައްވާ މުޒާހަރާކުރުމުގައި ސިޔާސީ ކަންތައްތަކެއް ހިމެނޭކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ.
ފައްޔާޒް އެގޮތަށް ވިދާޅުވީ، ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބ. ބޮޑުފިނޮޅުގައި މަސައްކަތް ކުރާ ބިދޭސީންނާއި ހުޅުމާލޭގައި ސިފައިންނާއި ފުލުހުންނަށް ހާއްސަކޮށްގެން ފްލެޓުތައް ހަދަމުން އަންނަ އައިލެންޑް އެކްސްޕާޓްގެ މުވައްޒަފުންނަށް މުސާރަ ނުދީ އެތައް މަހެއް ވަންދެން ގެންގުޅެމުންދާތީ އެކަމާ ދެކޮޅަށް މުޒާހަރާކޮށް، ފުލުހުންނަށާއި ބައެއް މުދަލަށް ގެއްލުންތަކެއް ދީފައިވާ ދަނޑިވަޅެއްގައެވެ.
ރައްޔިތުންގެ މަޖިލިހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގައި ފައްޔާޒް ވިދާޅުވީ ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސައަލަކީ ރާއްޖޭގައި އޮތް ސީރިއަސް މައްސަލައެއް ކަމަށެވެ.
އަދި އެކަން ހުއްޓުވުމަށް އެތައް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ގަވާއިދާއި ޚިލާފަށް ބިދޭސީން މަސައްކަތް ކުރުން ހުއްޓުވަން ސަރުކާރުން މަސައްކަތް ކުރުމުން އެކަމާއި ދެކޮޅަށް މަސައްކަތް ކުރަމުންދާ ބަޔަކު ތިބި ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ކޮވިޑް-19 އާއި ގުޅިގެން އިގްތިސާދަށް އައި ހީނަރުވުމާއި އެކު މުސާރަ ދިނުމުގައި ވިޔަފާރިވެރިންނަށް އިތުރު ދަތިތަކާއި ދިމާވެފައިވާކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ބިދޭސީންނަށް ރާއްޖޭގައި ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ދިމާވެފައި ވަނީ ފައިސާގެ ދަތިކަން ކަމަށާއި އެ މައްސަލަ ހައްލުކުރެވޭނީ ފައިސާ ހުރެގެން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
މީގެ އިތުރުން މަސައްކަތްތެރިންގެ ހައްގުތައް ހޯދައިދޭ ލޭބަ އޮތޯރިޓީގެ ވަސީލަތްތައް މަދުކަން ފައްޔާޒް ވަނީ ފާހަގަކުރައްވައިފައެވެ.
އަދި ވަޒީރުކަމުގައި ލޭބަ އޮތޯރިޓީގެ މަސައްކަތްތަކަށް ނުފޫޒު ފޯރުވާ، އެ މަސައްކަތްތަކާ ބެހި ނޫޅުއްވާ ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް އެގޮތަށް ވިދާޅުވި އިރު، ބިދޭސީން ރާއްޖޭގެ އެކި ހިސާބުތަކުގައި މުޒާހަރާކޮށް، ބިދޭސީންނަށް މުސާރަ ނުދޭ މައްސަލަ ސީރިއަސްވުމާއި ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ