ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މިއަދު ފެމެލީ ކޯޓުން 42 ކައިވެނި ކޮށްދީފި

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މިއަދު އެކަނިވެސް ފެމެލީ ކޯޓުން 42 ކައިވެނި ކޮށްދީފިއެވެ.
ފެމެލީ ކޯޓުން މިރޭ ވިދާޅުވީ މިއަދު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް 42 ކައިވެނި އަޤުދު ކޮށްދެވުނު ކަމަށާއި މިއީ ފެމިލީ ކޯޓުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނި ކޮށްދޭން ފެށިފަހުން، މިހާތަނަށް އެއްދުވަހެއްގައި އެންމެ ގިނަ ކައިވެނި އަޤުދު ކޮށްދެވުނު ދުވަސް ކަމަށެވެ.
ފެމެލީ ކޯޓުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ފުރަތަމަ ކައިވެންޏެއް ކޮށްދިނީ މެއި މަހުގެ 06 ވަނަ ދުވަހު އެވެ.
ކޮވިޑް-19 ގެ ނުރައްކާ ބޮޑު އޭޕްރީލް މަހު މާލެ ފުރަބަންދު ކުރުމާއި ގުޅިގެން ފެމިލީ ކޯޓުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނި ކޮށްދިނުމަށް އުސޫލެއް އެކުލަވާލާ އަމަލު ކުރަން ފެށީ މެއި މަހުގެ 04 ވަނަ ދުވަހު އެވެ.
ފެމިލީ ކޯޓުން ހަމަޖެއްސި އުސޫލުގައިވާ ގޮތުން، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރާ ކައިވެނިތަކުގައި ފުރިހަމަ ކުރަންޖެހޭނެ ކަންކަމާއި މަޖްލިސް ބާއްވާނެ ގޮތާއި ވަގުތު ކަނޑައަޅާނީ ކައިވެނީގެ ރަޖިސްޓްރާ އެވެ. އެގޮތުން ކައިވެނީގެ މަޖްލިސް ބޭއްވުމަށް ކަނޑައަޅާފައިވާ ވަގުތުގެ ކުރިން، ވީޑީއޯ ކޮންފަރެންސް ބާއްވަން ހަމަޖައްސާފައިވާ އޮންލައިން ޕްލެޓްފޯމަށް ލޮގިން ވާންޖެހޭނެ އެވެ.
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނީގެ މަޖިލިސް ބޭއްވުމުގެ ކުރިން، ކައިވެނިކުރާ ދެ މީހުންނާއި ވަލީވެރިޔާ އަދި ހެކިވެރިން އިގުރާރުގައި ސޮއިކުރުމަށް ފަހު ކޯޓަށް ހުށަހަޅަންޖެހެ އެވެ. އަދި ކައިވެނީގެ މަޖިލީހަށް ކޮންމެހެން ހާޒިރުވާންޖެހޭ މީހުން ހާޒިރުވެ ތިބިކަމާއި ހާޒިރުވާންޖެހޭ މީހުންގެ އަޑާއި މަންޒަރު ސާފުކޮށް ލިބެމުންދާކަން، ކައިވެނިކޮށްދޭ މީހާ ކަށަވަރުކުރާނެ އެވެ.
ވީޑިއޯ ކޮންފަރެންސްކޮށް ކައިވެނިކޮށްދިން ކަމުގައި ވިއަސް، ކައިވެނީގެ މަޖިލިސް ފަށާނީ އާއްމު އުސޫލުންނެވެ. ކައިވެނީގެ ޚުތުބާ ކިޔައި، ކައިވެނީގެ އަގުދު ކޮށްދިނުމަށްފަހު "އަނބި ގަބޫލުކޮށްފީމޭ" ބުނާ އަޑު އަހައި އެކަން ކަށަވަރުކުރަން ވެސް ޖެހެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ