ރޭގެ މުޒާހަރާއިން ހައްޔަރުކުރި މީހުން ދޫކޮށްލަން ކޯޓުން އަމުރުކޮށްފި

އިދިކޮޅު ޕީޕީއެމް/ޕީއެންސީން ރޭ މާލޭގައި ކުރިއަށް ގެންދިޔަ "އިހްތުޖާޖު"ގެ ތެރެއިން ހައްޔަރު ކުރި ދެމީހުން ދޫކޮށްލަން ކޯޓުން އަމުރުކޮށްފިއެވެ. އިހުތިޖާޖުން ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން އެމީހުން ދޫކޮށްލަން އަމުރުކޮށްފައިވާ ކަމަށް އެމީހުންގެ ވަކީލު ވަނީ "ސަން" އަށް ކަށަވަރުކޮށްދެއްވައިފައެވެ. ވަކީލު ވިދާޅުވީ ކޯޓުގެ އަމުރާއެކު ދާދި ދެންމެއަކު ދެމީހުން ވެސް ދޫކޮށްލާފައިވާ ކަމަށެވެ. މިކަމާ ގުޅިގެން ފުލުހުންގެ ކޮމެންޓެއް އަދި ނުލިބެއެވެ. ރޭ 8:30 އެހައިކަންހާއިރު މަޖީދީ މަގާއި ޗާންދަނީ މަގު ގުޅުނު ހިސާބަށް އިދިކޮޅު ފަރާތްތަކުން އެއްވާން މަސައްކަތް ކުރުމުން ފުލުހުން ވަނީ އެ މީހުން އެ ސަރަހައްދުން ފޮނުވާލާފަ އެވެ. ނަމަވެސް ފަހުން މުޒާހަރާގެ ބައިވެރިން ވަނީ މާލެ ތެރޭގައި ޝުއޫރު ފާޅު ކުރަމުން ހިނގާލާފަ އެވެ. މުޒާހަރާގެ ބައިވެރިން އެކި ފަހަރުމަތިން މާލެ ތެރޭގައި ހިނގާލުމަށްފަހު ޗާންދަނީ މަގާއި މަޖީދީ މަގު ގުޅުނު ސަރަހައްދަށް އެއްވާން މަސައްކަތް ކުރިއެވެ. ހައްޔަރުކުރި ދެމީހުންނަކީ އެ ސަރަހައްދުން މީހުން ފޮނުވާލަން އުޅުމުގެ ތެރޭގައި އަމުރަށް ނުކިޔަމަންތެރިކަން ދެއްކި ދެ މީހުން ކަމަށް ފުލުހުން ގެ މީޑިއާ އޮފިޝަލަކު ވިދާޅުވިއެވެ. އޭގެ ތެރެއިން އެކަކު ހައްޔަރު ކުރުމުގެ ތެރޭގައި ފުލުހުން ވަނީ ޕެޕާ ސުޕްރޭ ވެސް ބޭނުން ކޮށްފަ އެވެ. ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ މުޒާހަރާ ރޫޅާލަން ފުލުހުން ހާލަތާ ނުބައްދަލު ބާރު ބޭނުންކުރި ކަމަށެވެ. ގާތްގަނޑަކަށް 100 އާއި 150 އާ ދެމެދުގެ އަދަދަކަށް މީހުން އެއްވި ރޭގެ އެއްވުން ލީޑް ކޮށްފައިވަނީ، އިދިކޮޅުގެ ބައެއް މަޖިލިސް މެންބަރުންނާއި ކުރީގެ މަޖިލިސް މެންބަރުންނާއި މިދިޔަ ސަރުކާރުގެ ސިޔާސީ މަގާމުތައް އަދާކުރެއްވި ބޭފުޅުންނެވެ. އަދި ރޭގެ މުޒާހަރާ ނިންމާލީ މިރޭވެސް މުޒާހަރާއަށް ނުކުންނާނެކަން އިއުލާނު ކުރުމަށްފަހުއެވެ. އެއްވުމުގެ ބައިވެރިންގެ މައިގަނޑު ޑިމާންޑަކީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިނިވަން ކުރުމެވެ. އަދި މިސަރުކާރުގެ އިސްވެރިންގެ އިސްތިއުފާއަށް ވެސް ވަނީ ގޮވާލާފަ އެވެ. ރޭގެ މުޒާހަރާގެ ތެރެއިން ދެ ފުލުހެއްގެ ގަޔަށް ހައްޕުނޑު ޖެހި މައްސަލައެއް ވެސް އަންނަނީ ބަލަމުންނެވެ. އިދިކޮޅު ކޯލިޝަނުން ބުނީ އެއީ އެ ކޯލިޝަންގެ މުޒާހަރާގެ ބައިވެރިންގެ އަމަލެއް ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ