ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި ރައީސް މައުމޫން ދިރިއުޅުއްވި އޭރުގެ ރިޔާސީ ގަނޑުވަރު ތީމުގޭގެ އޮޑިޓް ރިޕޯޓްގައި ހުރި މައްސަލަތަކާއި ގުޅިގެން ރައީސް މައުމޫން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހާޒިރުކުރަން ނިންމާފައިވަނިކޮށް މައުމޫންގެ ދިފާއުގައި ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ލީޑަރާއި ޕާޓީގެ ނާއިބް ރައީސް ވާހަކަފުުޅު ދައްކަވައިފި އެވެ.
މައުމޫން އޭސީސީއަށް ހާޒިރުކުރުމަށް ނިންމުމާއި ގުޅިގެން ނިހާން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ތީމުގޭ އޮޑިޓް ރިޕޯޓަކީ ނައީމްގެ ސިޔާސީ ޓައިމް ބޮމެއްކަަމަށެވެ. އެހެންކަމުން އެ މައްސަލައާއި ގުޅިގެން ރައީސް މައުމޫން އޭސީސީއަށް ހާޒިރުކުރަން ނުޖެހޭކަމަށް ނިހާން ވަނީ ވިދާޅުވެފައެވެ.
މިމައްސަލައާއި ގުޅިގެން ޕީޕީއެމްގެ ނާއިބް ރައީސް އަބުދުއްރަހީމް އަބުދުﷲ ވިދާޅުވީ ރައީސް މައުމޫންގެ މައްޗަށް ތުހުމަތުކޮށް ނެރުނު ރިޕޯޓަކީ ސިޔާސީ ރިޕޯޓެއްކަމަށާ އެފަދަ ސިޔާސީ ރިޕޯޓަކަށް އަމާޒްކޮށް ތަހްގީގެއް ހިންގަން ނުޖެހޭނެކަމަށެވެ.
ރައީސް މައުމޫންގެ ދިފާއުގައި ނިހާންއާއި އަބުދުއްރަހީމް ވާހަކަފުޅު ދައްކަވާފައިމިވަނީ ޕީޕީއެމްގެ ތެރޭގައި ބޮޑެތި ހިޔާލް ތަފާތުވުންތަކެއް އުފެދި ރައީސް މައުމޫން ނިހާނަށް ފާޑުވިދާޅުވެ ވާހަކަފުޅުތަކެއް ދައްކަވާ އަބުުދުއްރަހީމްގެ އަތުން ބާރުތައް ނަންގަވާފައިވަނިކޮށެވެ. އަދި ޕީޖީ ގުރޫޕުން ހުކުރު ދުވަހު ބޭއްވި ބައްދަލްވުމެއްގައި ނިހާނާއި އަބުދުއްރަހީމް ރައީސް މައުމޫނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވަނިކޮށެވެ.
އޭސީސީއަށް ރައީސް މައުމޫން ހާޒިރުކުރަނީ ތީމޫގޭގެ އޮޑިޓް ރިޕޯޓްގައި އޮޑިޓާ ޖެނަރަލް ފާހަގަކުރައްވާފައިވާ މައްސަލަތަކާއި ގުޅިގެން އޭސީސީގެ ތަހުގީގަށް ބޭނުންވާ ސުވާލުތައް ކުރުމަށެވެ.
މިމައްސަލައާއި ގުޅިގެން އޭރު ރައީސް މައުމޫން ވިދާޅުވެފައިވަނީ މިއީ ސިޔާސީ ރިޕޯޓެއް ކަމަށާ މިއީ އެވަގުތުގެ ސިޔާސީ ކަންކަމުން ވަކި ބަޔަކަށް ފައިދާ ހޯދާދިނުމަށް ނައީމް ގޮއްވާލާފައިވާ "ޓައިމް ބޮމެއް" ކަމަށެވެ.
މައުމޫން އޭސީސީއަށް ހާޒިރުކުރާތީ އެކަމާއި ދެކޮޅަށް ނިހާނާއި އަދުރޭ ވާހަކަދައްކައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ