ނަޝީދު މިނިވަން ކުރާނެ ކަމަށް ބުނެފައެއް ނުވާނެ: އުމަރު

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކޮށްދެއްވާނެ ކަމަށް އެއްވެސް އިރެއްގައި ބުނެފައި ނުވާނެ ކަމަށް ހޯމްމިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ވީނިއުސްއާ ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވީ، އެމްޑީޕީއާއެކު ސަރުކާރުން ކުރަމުންދާ އެއްވެސް މަޝްވަރާއެއްގައި ކުރީގެ ރައީސް މިނިވަންކޮށްދެއްވާނެ ކަމަށް ބުނެފައެއް ނުވާނެ ކަމަށާއި އަދި އެމޭރުމުންވެސް ވާހަކަ ދައްކާފައި ނުވާނެ ކަމަށެވެ.
"އެމްޑީޕީއާއެކު ސަރުކާރުން ކުރަމުންދާ އެއްވެސް މަޝްވަރާއެއްގައި ކުރީގެ ރައީސް ނަޝީދު މިނިވަންކޮށްދެއްވާނެ ކަމަށް ބުނެފައެއް ނުވާނެ. އެމޭރުމުންވެސް ވާހަކަ ދައްކާފައި ނުވާނެ" އުމަރު ވިދާޅުވި އެވެ.
އުމަރު މިހެން ވިދާޅުވި ނަމަވެސް، އެމްޑީޕީއިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސަރުކާރުން އެދުނު ގޮތަށް، ނައިބު ރައީސް ވަކިކުރުމާއި ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭން ބިން މިލްކުކުރެވޭ ގޮތަށް ހަދަން އެހީ ވެދީފައިވާނެ ކަމަަށާއި އޭގެ ބަދަލުގައި، ސަރުކާރުން އެއްބަސްވެފައިވާ ގޮތަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަންކޮށް ދޭން ޖެހޭނެ ކަމަށެވެ.
އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ސަރުކާރާ އެކު މަޝްވަރާކުރަން ފެށީ ސަރުކާރުން ކުރިމަތިކުރަމުން ދިޔަ ޝަރުތުތަކަށް ދޫދިނުމަށް ފަހު އެވެ. އަދި މަޝްވަރާތަކުގައި ސަރުކާރުން އެދުނު ކަންކަން އެމްޑީޕީން މިހާތަނަށް ފުރިހަމަކޮށްދީފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.
ނަޝީދު މިނިވަންކުރުމަށް އެމްޑީޕީން އަނެއްކާ ވެސް ރޭ ގޮވާލާފައި ނޫސްބަޔާޏެއް ނެރިފައި މިވަނީ އެ މަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ޖަލު ހުކުމް، ޕްރޮސެކިއުޓަ ޖެނަރަލް (ޕީޖީ) މުހުތާޒް މުހުސިން މިދިޔަ ބުރާސްފަތި ދުވަހު އިސްތިއުނާފްކުރައްވާފައި ވަނިކޮށެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި ނަޝީދު ޓެރަރިޒަމްގެ ކުށުން ކުށްވެރިވެ 13 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ މާޗު މަހުގެ 13 ވަނަ ދުވަހު އެވެ. މައްސަލަ ނިންމި ގޮތުގެ ލިޔުންތައް ނުލިބޭ ކަމަށާއި އިސްތިއުނާފްކުރަން އޮންނަ މުއްދަތު ގަސްދުގައި ކުރުކޮށްފައިވާ ކަމަށް ވިދާޅުވެ ނަޝީދު އޭރު ނިންމެވީ ހުކުމް އިސްތިއުނާފް ނުކުރައްވާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ