ގާތްގަޑަކަށް 30000 އެއްހާ މީހުން ދިރިއުޅެމުން އަންނަ ހުޅުމާލެއިން ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑޭތީ އެރަށުގައި ދިރިއުޅޭ ރައްޔިތުން ރުޅިގަދަވެއްޖެ އެވެ.
ވީނިއުސްއާ ވާހަކަ ދައްކަމުން ސްޓެލްކޯގެ މީޑިއާ ކޯޑިނޭޓަރު އިބްރާހިމް ރައުފް މިއަދު ވިދާޅުވީ ދޭތެރެ ދޭތެރެއިން ހުޅުމާލެއިން ކަރަންޓް ކެނޑެނީ ކަރަންޓް ދެމުން ގެންދިޔަ ޖަނެރޭޓަރު ތަކަށް ދިމާވަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ. އެހެންނަމަވެސް ޖަނަރޭޓަރު ތަކަށް ދިމާވަނީ ކޮން މައްސަލައެއް ކަމެއް އޭނާ ވިދާޅުވެފައެއް ނުވެ އެވެ.
"ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑެމުން ދަނީ. އެހެން ވަނީ ދިމާވެގެން އުޅޭ މައްސަލައެއްގެ ސަބަބުން. އިއްޔެ ރޭވެސް އަދި ރޭވެސް ވަނީ ކަރަންޓް ގޮސްފައި. ކަރަންޓް ދާ މައްސަލަ މިއަދު ހައްލަު ކުރެވޭނެ،" ރައުފް ވިދާޅުވި އެވެ.
ވީނިއުސްއާ ވާހަކަ ދައްކަމަުން ހުޅުމާލެ ޗައިނާ ޓައުނުގައި ދިރިއުޅޭ ދެ ކުދިންގެ ބައްޕައަކު ބުނީ ކޮންމެ ރެއަކުވެސް ކަރަންޓް ކެޑޭ ކަމަށެވެ. އެހެންކަމުން ކަރަންޓް ކެޑިފައި ކުއްލިއަކަށް ކަރަންޓް އަންނާތީވެ، ގޭގައި ގެންގުޅޭ ބައެއް ކަރަންޓުގެ ސާމާނުތަކަށް ގެއްލުން ވަމުންދާ ކަމަށެވެ.
"ކަރަންޓް ކެޑޭތީ ފްރިޖުވެސް މިއަދު ވަނީ ހަލާކުވެފައި. ކަރަންޓް ކެނޑޭކަން ކުރިން ސްޓެލްކޯއިން ނާންގައި. ކުއްލިކުއްލިއަކަށް ކަރަންޓް ކެޑޭތީ މިސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ތިބީ ވަރަށް ރުޅިގަދަވެފައި. ސަކުވާ ބޮޑުވެފައި." ރުޅިގަދަވެފައި ހުރި އެމީހާ ބުންޏެވެ.
ހުޅުމާލޭގައި ދިރިއުޅޭ ވިޔަފާރިވެރިޔަކު ބުނީ އަވަސް އަވަހަށް ކަރަންޓް ދާތީ ފިނިކުރި މަހާއި ބައެއް ކަހަލަ ތަރުކާރީއާ މޭވާގެ ބާވަތްތައް މިހާރުވެސް ހަލާކުވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ ކަމަށެވެ. އެމީހާ ވެސް ބުނީ ކަރަންޓަށް ދިމާވެގެން އުޅޭ މައްސަލަ ސްޓެލްކޯ އިން ނުބުނާ ކަމަށާއި ކަރަންޓް ދަނީ ގޭގައި ގެންގުޅޭ ތަކެއްޗަށް ވެސް ބޮޑެތި ގެއްލުންތަކެއްވާ ގޮތަށެވެ.
ހުޅުމާލެ ސްޓެލްކޯގައި މަސައްކަތް ކުރާ މުވައްޒަފަކު ބުނީ ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑެނީ ޖަނަރޭޓަރު ތަކަށް ބާރު ބޮޑުވެގެން ކަމަށެވެ. އަދި ހުޅުމާލޭގައި ކަރަންޓް ބޭނުން ކުރާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް ވުރެ އިތުރުވަމުން ދާތީ ޖަނަރޭޓަރު ތަކަށް ދޭތެރެ ދޭތެރެއިން ބާރު ބޮޑުވާކަން ވަނީ ފަހަގަ ކުރެވިފައި ކަމަށް ވެސް އޭނަ ބުންޏެވެ.
ވީނިއުސްއަށް އެނގިފައިވާ ގޮތުގައި ސްޓެލްކޯއިން ހުޅުމާލެއަށް ކަރަންޓް ދިނުމަށް ހަތް ޖަނަރޭޓަރެއް ބޭނުން ކުރަމުންދެ އެވެ.
ކަރަންޓް ކެޑޭތީ ހުޅުމާލޭ ރައްޔިތުން ރަތަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ