ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އާ ދެކޮޅަށް ސުޕްރީމްކޯޓުގައި ބެއްލެވި ސުމޯޓޯ މައްސަލައިގައި ނެރުނު ގައިޑްލައިންގައިވާ ކަންތައްތަކުގެ ސަބަބުން އެކޮމިޝަނުގެ މަސައްކަތްތަކަށް ހުރަސް އެޅިފައިނުވާ ކަމަށް އެކޮމިޝަނުން ބުނެފިއެވެ.
ސުޕްރީމް ކޯޓުގެ ގައިޑްލައިނަކީ އެ ކޮމިޝަނުގެ މަސައްކަތްތަކަށް އޮތް ހުރަހެއް ކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރާ ހަބަރާ ގުޅިގެން އެކޮމިޝަނުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ގައިޑްލައިނަކީ އެ ކޮމިޝަނުގެ މަސައްކަތްތަކަށް އޮތް ހުރަހެއް ކަމަށް ބުނެ މި ކޮމިޝަންގެ މުސްތަގިއްލު ކަމާމެދު ސުވާލު އުފެދޭގޮތަށް ބައެއް ފަރާތްތަކުން މީޑިއާއާއި ތަފާތު އެކި ފޯރަމް ތަކުގައި ވާހަކަ ދައްކަމުންދިޔަ ނަމަވެސް އެކަމުގައި ހަގީގަތެއް ނެތް ކަމަށެވެ.
މިއަހަރުގެ މާޗް މަހުގެ 22 ވަނަ ދުވަހު ސުޕްރީމް ކޯޓްގެ 11 ނުކުތާގެ ގައިޑްލައިން މާނަ ކުރުމަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާއެކު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށްވެސް އެކޮމިޝަނުން ބުނެއެވެ.
އަދި އެބައްދަލުވުމަށް ފަހު އެކޮމިޝަނުން ނިންމާފައިވަނީ، ރާއްޖޭގެ އިންސާނީ ހައްގުތަކާ ގުޅޭ ގޮތުންނާއި އެހެން ކަންކަމުގައި ތައްޔާރު ކުރާ ރިޕޯޓްތަކާއި ބޭރުގެ ފަރާތްތަކަށް ކޮމިޝަނުން ފޮނުވާ މައުލޫމާތުތައް އިތުރު ފަރާތްތަކާ ހިއްސާނުކޮށް ސީދާ އެފަދަ ފަރާތްތަކަށް ފޮނުވުމަށް ކަމަށް އެޗްއާރުސީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.
"އެ ބައްދަލުވުމަށްފަހު ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރެއިން އދ އާއި އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ރިޕޯޓްތަކާއި މައުލޫމާތުތައް ފޮނުވުމުގައި އިތުރު އެހެންފަރާތެއް ބައިވެރިކޮށް ނުވަތަ އެހެން ފަރާތަކުން މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް އޭގެކުރިން ކޮމިޝަނުން ކުރަމުންއައި މަސައްކަތްތައް ހުއްޓާލައި، އެއްވެސް އިދާރާއަކަށް ހުށަނާޅައި، ރިޕޯޓްތަކާއި މައުލޫމާތުތައް އދ އާއި އަދި އެހެނިހެން ފަރާތްތަކަށް ހުރަހެއްނެތި ފޮނުވަމުންދެ އެވެ،" އެޗްއާރުސީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.
އެޗްއާރުސީއެމްއިން ބުނީ ސުޕްރީމް ކޯޓުގެ ގައިޑްލައިނުގައި ބަޔާން ކޮށްފައިވާ 11 ނުކުތާއަކީ އެ ގައިޑްލައިން ނެތް ނަމަވެސް އެ ކޮމިޝަނުން އަމަލުކުރަމުން ގެންދާ ގޮތް ކަމަށެވެ.
ސުޕްރީމް ކޯޓުގެ ގައިޑްލައިނަކީ ވޭތުވެދިޔަ 2015 ވަނަ އަހަރުގެ ޖޫން މަހު އެ ކޯޓުން ސުމޯޓޯ އުސޫލުން ބެއްލެވި މައްސަލައެއްގައި ނެރުއްވާފައިވާ ގައިޑްލައިނެކެވެ.
އެޗްއާރުސީއެމުން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެ ކޮމިޝަނުގެ މަސައްކަތްތައް ހިނގާގޮތް ބެލުމެއްނެތި، ކޮމިޝަނުގެ މުސްތަޤިއްލުކަމާ މެދު ސުވާލު އުފެދޭގޮތަށް ވާހަކަ ދެއްކުމަކީ ޒިންމާދާރުކަން ކުޑަ ޢަމަލެއް ކަމަށެވެ.
ސުޕްރީމް ކޯޓުގެ ގައިޑްލައިންގެ ސަބަބުން ހުރަހެއް ނެތް:އެޗްއާރުސީއެމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ