ދިވެހިރާއްޖެއާއި ސްރީލަންކާއަކީ، ވަރަށް ޒަމާންވީ ގާތް އެކުވެރި ދެ ގައުމުކަމަށާއި، އެއްގައުމަކަށް ލިބޭ އުފަލާއި، ހިތާމައަކީ އަނެއް ގައުމަކަށްވެސް ލިބޭ އުފަލާއި، ހިތާމައެއްކަމަށް ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެންވިދާޅުވީ، ޒާހިރާ ކޮލެޖުގެ ޖީސީއީ އެޑްވާންސް ލެވެލް މިއަހަރު ފަށާ ކުދިންނަށް މަރުހަބާ ކިޔުމުގެ ގޮތުންނާއި، ހާޒިރީން އެންމެ މަތީ ވަނަތައް ހާސިލުކުރި ކުދިންނަށް އިނާމުދިނުމަށްޓަކައި އެ ކޮލެޖުގައި އިއްޔެ ބޭއްވި ޚާއްސަ ޖަލްސާގެ ޝަރަފުވެރި މެހުމާނެއްގެގޮތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.އެ
ރައީސް މައުމޫންގެ ވާހަކަފުޅުގައި މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ޓެރަރިސްޓުންގެ ބަޔަކު ސްރީލަންކާގައި ދިން ނުރައްކާތެރި ހަމަލާގައި، އެތައް ސަތޭކަ ބަޔަކު މަރުވި ހާދިސާއަށް އިޝާރާތްކުރައްވައި އެ މައްސަލައިގައި ދިވެހި ރައްޔިތުންގެ ފުރިހަމަ ތާއީދު ސްރީލަންކާގެ ރައްޔިތުންނާއެކުގައިވާކަމަށް ވިދާޅުވިއެވެ. އަދި ޓެރަރިޒަމްގެ އަމަލުތަކަކީ، އިސްލާމްދީނާ ޚިލާފު އަމަލުތަކެއްކަމަށާއި، އިސްލާމްދީނަކީ، ސުލްހައަށް ލޯބިކުރާ އަދި އެންމެންގެ މެދުގައި އެކުވެރިކަމާއި ރަހްމަތްތެރިކަން ބަދަހިކުރުމަށް ވަރަށް ބޮޑަށް ބާރުއަޅާ ދީނެއް ކަމުގައި ވިދާޅުވިއެވެ.
ޒާހިރާ ކޮލެޖަކީ، މިހާރު ސަތޭކަ އަހަރަށްވުރެ ދިގު މުއްދަތެއްގައި ސްރީލަންކާގެ މުސްލިމުންނަށް ޚިދުމަތްކޮށްދީފައިވާ ވަރަށް މަޝްހޫރު ކޮލެޖެއްކަމުގައިވެސް މައުމޫން ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭގެ ބައެއް މަޝްހޫރު ބޭފުޅުން އެ މަދްރަސާއިން ތައުލީމު ހާސިލުކުރެއްވިކަމަށްވެސް ވިދާޅުވިއެވެ.
އެޑްވާންސް ލެވެލްގައި އަލަށް ބައިވެރިވާ ދަރިވަރުންނަށް ހިތްވަރު ދެއްވުމުގެގޮތުން ރައީސް މައުމޫން ވިދާޅުވީ އެކަމުގައިވެސް އަޅުގަނޑުމެން އިލްހާމު ލިބިގަންނަންވީ މާތްވެގެންވާ އިސްލާމްދީނުން ކަމުގައެވެ. ކީރިތި ގުރްއާނުގައި މުއުމިނުން ގަދައަޅައި މަސައްކަތްކުރުމަށް އަންގަވާފައިވާކަމަށާއި އެބައިމީހުން ކުރާ މަސައްކަތް މާތް ﷲ ދެކެވޮޑިގެންވާނެކަމަށާއި، އެކަލާނގެ ރަސޫލާވެސް ދެކެވަޑައިގަންނަވާނެކަމަށާއި އަދި މުއުމިނުންވެސް ދެކޭނެކަމަށް ކީރިތި ޤުރްއާނުގައި އަންގަވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލެއްވީ ޝަރަފުވެރި މެހުމާނެއްގެ ގޮތުގައި މި ޙަފްލާއަށް ދަޢުވަތު ދެއްވިކަމަށްޓަކައި ކޮލެޖުގެ ޕްރިންސިޕަލް މިސްޓަރ ޓްރެޒްވީ މަރިކާރއަށާއި ބޯޑު އޮފް ގަވަރނަރސްގެ ޗެއާރމަން މިސްޓަރ ފައުޒުލްޙަމީދަށް ޝުކުރު އަދާކުރައްވަމުންނެވެ. އަދި ދަރިވަރުންނަށް ތަޢުލީމީ ހަޔާތުގައިވެސް އަދި އޭގެ ފަހުންވެސް ކާމިޔާބީއަށް އެދިވަޑައިގަންނަވަމުންނެވެ.
ރައީސް މައުމޫނަށް މަރުޙަބާ ދެންނެވުމުގެގޮތުން ޗެއާރމަން ފައުޒުލްހަމީދު ވިދާޅުވިގޮތުގައި ރައީސް މައުމޫނަކީ އެމަނިކުފާނުގެ ޒުވާން އިރުއްސުރެ ނަމޫނާ ޝަޚްސިއްޔަތެއް ކަމުގައި ބައްލަވަމުން ވަޑައިގެންނެވި ބޭފުޅެކެވެ.
މި ޖަލްސާގައި ރައީސް މައުމޫން ބައިވެރިވެވަޑައިގެންނެވިކަމަށްޓަކައި އެމަނިކުފާނަށް ޚާއްޞަ ހަނދާނީ ފިލައެއް އެރުވުނެވެ.
ޓެރަރިޒަމްގެ އަމަލުތަކަކީ، އިސްލާމްދީނާ ޚިލާފު އަމަލުތަކެއް: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ