ޖޭއެސްސީގައި ވަކީލުން ތަމްސީލުކުރާ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ބާ ކައުންސިލް ގާނުނު އައުމުން ވަކީލުން ތަމްސީލު ކުރުމަށް ޖޭއެސްސީގައި އިންނެވި މެމްބަރު ލަތީފާ ގާސިމްގެ މެމްބަރުކަން ގެއްލުމާއެކު އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ބާ ކައުންސިލް އިންތިޚާބު ވުމަށްފަހު 15 ދުވަސް ތެރޭގައި ޖޭއެސްސީގައި ވަކީލުން ތަމްސީލު ކުރާނެ މެމްބަރަކު އައްޔަން ކުރުން ބާ ކައުންސިލްގެ ގާނޫނުން ކައުންސިލަށް ލާޒިމް ކުރެއެވެ.
ބާ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ޖޭއެސްސީގައި ވަކީލުންގެ ފަރާތުން އިންނަވާނެ މެމްބަރަކު އައްޔަންކުރުމަށް ކައުންސިލުން ބާއްވާ އިންތިޚާބު މި މަހުގެ 27 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ ކަމަށެެވެ. މި މަހުގެ 27 ވަނަ ދުވަހަކީ ބާ ކައުންސިލު އިންތިޚާބުވިތާ 14 ވަނަ ދުވަހެވެ.
އިންތިޚާބު ބާއްވާނެ ތާރީޚާއެކު ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ކުރިމަތިލާ މެމްބަރުންގެ ލިޔުންތައް ބަލައިގަތުމަށް ހަމަޖައްސާފައިވަނީ މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށެވެ.
ޖޭއެސްސީގައި މިވަގުތު ހުސްވެފައިވާ ވަކީލުން ތަމްސީލުކުރާ މެމްބަރު ކަމަަށް ކައުންސިލުން ބާއްވާ އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުގެ އިންތިޚާބާއި ބެހޭ މަރުކަޒު ބާ ޖަމާލުއްދީނުގައި ޚާއްސަ މަރުކަޒެއް ގާއިމުކޮށްފައިވާއިރު މި އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމު ދުކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ މި މަރުކަޒުންނެވެ. ޖޭއެސްސީގެ މެމްބަރުކަމަށް ކުރިމަތިލެވޭނީ އެ ކޮމިޝަން އުފެއްދި ގާނޫނު (ގާނޫނު ނަމްބަރު 10/2008) ގައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.
ޝަރުތުތަކުގައި ވާގޮތުން އެމީހަކީ ދިވެހި ރައްޔިތެއް، އަދި ބުއްދި ސަލާމަތުން ހުރި މުސްލިމެއް ކަމުގައިވާން ޖެހެއެވެ. އަދި މީގެ އިތުރަށް އެމީހަކީ އުމުރުން 25 އަހަރު ފުރިހަމަވެފައިވާ މީހަކަށްވާން ޖެހެއެވެ. އަދި އެމީހަކީ އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ ނުވަތަ އައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުމުގެ އިތުރަށް ސިޔާސީ ޕާޓީއެއްގެ މެންބަރު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހެއް ކަމުގައި ވެގެން ނުވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ