އުމަރު ބާއްވަން އުޅުނު އެއްވުން ކުޑަ ހަފްލާ އަކަށް ބަދަލުކޮށްފި

1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގެ އިސް މޭސްތިރިޔާ ހ. ހާޖަރާގޭ ބާޣީ އަބްދުﷲ ލުތުފީ ރާއްޖެ ގެނެވުމަށް ކުރެވުނު މަސައްކަތުގެ ކާމިޔާބީ ފާހަގަކުރަން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ބާއްވަން އުޅުނު ޖަލްސާ ކުޑަ ހަފްލާއަކަށް ބަދަލުކޮށްފިއެވެ.
ކުރިން އުމަރު ނިންމަވާފައިވަނީ "19 ޝަހީދުންގެ ހަނދާނެއް ނުނެތޭ" ނަމުގައި ބުރާސްފަތި ދުވަހު ބޮޑު އެއްވުމެއް ބޭއްވުމަށެވެ.
އެއްވުމުގެ ބަދަލުގައި މާދަމާރޭ ކުޑަ ހަފްލާއެއް ބާއްވަން އުމަރު ނިންމީ އެ ތާރީހުގައި ޖަލްސާ ބޭއްވުމަށް އެއްވެސް ތަނެއް ނުލިބުން ކަމަށް އުމަރު ވިދާޅުވިއެވެ. މީގެ އިތުރުން މިނިވަން ދުވަހުގެ ހަފްލާތަކަށް ފުށުއަރާތީ ކަމަށްވެސް އުމަރު މިއަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވިއެވެ.
މި އިވެންޓު ކުޑަ ހަފްލާ އަކަށް ބަދަލުކޮށް މާދަމާ ރޭ 9 ޖަހާއިރު ބޭއްވުމަށް ހަމަޖެހިފައިވަނީ ސަލްސާ ރޯޔަލްގައެވެ.
ލުތުފީ މިހާރު މާލެ ގެނެސްފައިވާއިރު ކަރެކްޝަނަލް ސާވިސް އިން ވިދާޅުވީ ލުތުފީ ވަނީ ކަރެކްޝަނަލް ސާވިސް އާއި ހަވާލު ކޮށްފައި ކަމަށާއި އޭނާގެ ޙުކުމުގެ މުއްދަތު މިހާރު ގުނަމުންދާ ކަމަށެވެ.
ލުތުފީގެ 25 އަހަރުގެ ޖަލު ޙުކުމުގެ ތެރެއިން ބާކީ އޮންނާނީ ހަތަރު އަހަރާއި ދުވަސް ކޮޅެކެވެ.
ލުތުފީ އެމްބަސީ އަށް ހާޒިރު ވުމުން ވެސް ސަރުކާރުން ފުރަތަމަ ނިންމާފައި އޮތީ ލަންކާގެ ހާލަތު ހަމަޔަކަށް އެޅުމުން އަނެއްކާ އޭނާ ލަންކާގެ ތެރެއަށް ދޫކޮށްލާށެވެ.
ނަމަވެސް އޭގެ ކުރިން ލުތުފީ އެމްބަސީގައި ހުރިކަން ބޭޒާރުވީއެވެ.
ސަރުކާރުން ލުތުފީ ރާއްޖެ ގެނެސްފައި ވަނީ ސަރުކާރަށް އިތުރު ގޮތެއް ނެތި ގޮތް ހުސްވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ