އިދިކޮޅު ޕާޓީތަކަށް ފައިސާ ނުދިނުމަށް ގޮވާލައި، ޕާޓީތައް އުވާލާނެ ކަމުގެ އިންޒާރުދީފި

ސިޔާސީ ޕާޓީތަކަށް ދައުލަތުންދޭ ފައިސާ އިދިކޮޅު ޕާޓީތައް ނުދިނުމަށް ގޮވާލައި ޕާޓީތައް އުވާލާނެކަމުގެ އިންޒާރު ޕީޕީއެމުން ދީފިއެވެ.
ރޭ ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެޕާޓީގެ ނައިބުރައީސް އަބުދުއްރަހީމު ޢަބުދުﷲ ވިދާޅުވީ، އިދިކޮޅު ޕާޓީތަކުން ދަނީ ޤައުމަށް ޤައްދާރުވަމުން ކަމަށާއި، އިދިކޮޅު ޕާޓީތައް އުވާލެވޭނެ ގޮތެއް ޤާނޫނުގެ ތެރެއިންހޯދަން ޖެހޭ ކަމަށެވެ. އަދި އެޕާޓީތައް އުވާލުމަށް ކަމާއި ބެހޭ އިދާރާތަކަށް ގޮވާލައްވާކަމުގައިވެސް އަބުދުރަހީމް ވިދާޅުވިއެވެ.
މީގެ އިތުރުން އަބުދުއްރަހީމް ވިދާޅުވީ، އެމްޑީޕީ އާއި ޖުމުހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ މަސައްކަތް ކުރަނީ ދިވެހި ޤައުމުގެ ލާބަޔާއި މަންފާއަށް ކަމުގައި ޤަބޫލު ނުކުރެއްވޭ ކަމަށާއި އެހެން ކަމުން އެޕާޓީތައް އުވާލުމަށް ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތްތަކުގައި އިލެކްޝަންސް ކޮމިޝަނަށް ގޮވާލައްވާ ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޫކުރާ ފައިސާވެސް ދޫނުކުރުމަށް އަބުދުއްރަހީމް ގޮވާލެއްވިއެވެ.
"އަޅުގަނޑު ހަމަ މިރޭ އިލެކްޝަންސް ކޮމިޝަނަށް ގޮވާލަން، ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ބައްލަވާފައި މިޕާޓީތަކާއި މެދު އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވައި ދެއްވާށޭ! އަދި ހަމަ އެއާއި އެކު މިހާރު މިއޮތީ، ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރަންޖެހޭ ހިސާބަށް އައިސްފައި. އަޅުގަނޑު ޤަބޫލެއް ނުކުރަން މިފަދަ ޕާޓީތަކަށް ފައިސާ ދޫކުރަން ޖެހޭނެ ކަމަކަށް ދައުލަތުން." އަބުދުއްރަހީމް ވިދާޅުވިއެވެ.
އަބުދުއްރަހީމް ވިދާޅުވީ، ދައުލަތުން ދޭ ފައިސާ ބޭނުންކޮށްގެން، މިޤައުމުގެ ހަމަޖެހުންނަގާލައި މިޤައުމުގެ ރައްޔިތުންނަށް ގެއްލުންދީ، މިޤައުމުގެ ޤާނޫނުތައް މުގުރާލަން މަސައްކަތް ކުރާ ޕާޓީތަަކަށް، ދައުލަތުން ފައިސާ ދީގެން ނުވާނެ ކަމަށާއި، އެމްޑީޕީ އާއި ޖުމުހޫރީ ޕާޓީ އާއި އަދާލަތު ޕާޓީއަށް ފައިސާ ނުދީ ހިފެހެއްޓުމަށް ގޮވާލައްވާ ކަމަށެވެ.
ގުޅިފައިވާ ޕާޓީތަކުން ސަރުކާރާއި ދެކޮޅަށް ހިންގާ ހަރަކާތްތަކާއި ގުޅިގެން ސަރުކާރުން ދަނީ އެތައް ބަޔަކު ހައްޔަރުކޮށް ފިޔަވަޅުތައް އަޅަމުންނެވެ. މިގޮތުން ހައްޔަރުކުރަމުންދާ މީހުންގެ ތެރޭގައި އިދިކޮޅު ޕާޓީތަކުގެ އިސްލީޑަރުންނާއި އާއްމު މެމްބަރުންގެ އިތުރުން ސަރުކާރުގެ އެކި މަޤާމުތަކުން ވަކިވެވަޑައިގެންފައިވާ ބޭފުޅުންނާއި ސަލާމަތީ ޚިދުމަތްތަކުގެ އިސް އޮފިސަރުންވެސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ