ދައުލަތުން ބަދަލު ހޯދުމަކީ މިހާރު އެންމެ ހިނގާ ވައްކަން ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވުމުން، އަނިޔާ ލިބުނު މީހުންނަށް ބަދަލު ލިބެންޖެހޭ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި އދ.ގެ ސްޕެޝަލް ރެޕަޓުއާ ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.
އާޒިމްގެ ޓުވީޓާއި ގުޅިގެން ކުރެއްވި ޓްވީޓއްގައި ޑރ.ޝަހީދު ވިދާޅުވީ، އަނިޔާ ލިބުނު މީހުންނަށް ބަދަލު ލިބެންޖެހޭ ކަމަށެވެ. އެހެންނަމަވެސް އެކަން ކުރަން ޖެހޭނީ އެކަމަށް އުސޫލަކާއި، ނިޒާމެއް، ކަނޑައެޅިގެން ކަމަށް ޑރ.ޝަހީދު ވިދާޅުވިއެވެ.
ޑރ. ޝަހީދު ވިދާޅުވީ މިހާރު ބަދަލު ލިބެނީ، ދިވެހި ސަގާފީ ގާނޫނީ އުސޫލުން ކަމަށެވެ. އޭގެ ތެރެއިން މޮޅަށްތިބި މީހުންނަށް ބަދަލު ލިބޭއިރު، ދެރަމީހުންނަށް އޮންނަނީ ބީރު ކަންފަތެއް ދިނުން ކަމަށްވެސް ވިދާޅުވިއެވެ.
ދައުލަތުން ބަދަލު ހޯދުމަކީ މިހާރު އެންމެ ހިނގާ ވައްކަން ކަމަށް އަލީ އާޒިމް ވިދާޅުވީ އޭނާ ކުރެއްވި ޓުވީޓުތަކެއްގައެވެ.
އެގޮތުން ދައުލަތުން ބަދަލު ހޯދުމަކީ މިހާރު އެންމެ ހިނގާ ވައްކަން ކަމަށް ވިދާޅުވެ، އާޒިމް ވަނީ އެބޭފުޅާގެ އެ ދައްކަވަނީ، ހައްގު ބަދަލު ހޯދަން އުޅޭ ފަރާތްތަކުން ވާހަކަ ނޫންކަމަށް ބުނެފައެވެ.
އާޒިމް އެފަދައިން ވިދާޅުވުމާއި ގުޅިގެން ބައެއް ފަރާތްތަކުން ވަނީ އާޒިމަށް ފާޑުވެސް ވިދާޅުވެފައެވެ.
އެގޮތުން ސަރުކާރު އައިފަހުން ބަދަލު ނަގައިދިނުމަށް އެދި ދައުލަތުން ބޮޑެތި އަދަދުތަކުން ފައިސާ ހޯދަން ބައެއް ކުންފުނިތަކުން ވަނީ ކޯޓަށް މައްސަލަ ހުށަހަޅާފައިވާއިރު، އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާ އިންވެސްޓްމަންޓާ އެކު ދައުލަތުން ހެދި އެއްބަސްވުމެއް ބާތިލްކުރި މައްސަލައިގައި ދައުލަތުން ދީބާޖާ އަށް 348 މިލިއަން ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމް ކުރި މައްސަލަ ބައެއް މީހުން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރަށް ނިއުޕޯޓު ވިއު ރެސްޓޯރެންޓްގެ ކުލި ނުދައްްކާ އޮތްކަމަށްބުނާ މައްސަލައެއްވެސް ފެންމަތިވެފައިވާއިރު، އެ ފައިސާ ނުދެއްކި ވަނީ ދައުލަތުން ނިއުޕޯޓަށް ދޭންޖެހޭ ފައިސާ ނުދައްކާ އޮތުމުން ކަމަށް ބުނާ މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ.
އަނިޔާ ލިބުނު މީހުންނަށް ބަދަލު ލިބެންޖެހޭ: ޑރ. ޝަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ