އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި ހަރުކަށި އިމިގްރޭޝަން ސިޔާސަތެއް ގެންގުޅޭތީ ބައިނަލްއަގްވާމީ ފަތުރުވެރިންނަށް އެގައުމުގެ ޝައުގުވެރިކަން ކުޑަވެގެންދާތީ އެމެރިކާއަށް މިއަހަރު ބޭރުގެ ފަތުރުވެރިންގެ ފަރާތުން ލިބޭ އާމްދަނީން 12.5 ބިލިއަން ޑޮލަރު ގެއްލޭނެ ކަމަށް ލަފާކުރެވޭކަމަށް ބުރާސްފަތި ދުވަހު އާންމުކުރި ސިނާއަތުގެ އާ ރިޕޯޓެއްގައި ބުނެފައިވެ އެވެ.
އޮކްސްފޯޑް އިކޮނޮމިކްސްއާ ގުޅިގެން ވޯލްޑް ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލް (ޑަބްލިއުޓީޓީސީ) އިން ކުރި ދިރާސާގައި ބުނެފައި ވަނީ 2025 ވަނަ އަހަރު ބޭރުގެ ފަތުރުވެރިންގެ ހަރަދު ދަށްވާނެ ކަމަށް ލަފާކުރެވޭ ހަމައެކަނި ގައުމަކީ އެމެރިކާ ކަމަށެވެ. އެ އަދަދަކީ މީގެ ދިހަ އަހަރު ކުރިން ރެކޯޑްކުރި އެންމެ މަތީ އަދަދަށްވުރެ ވުރެ %22.5 ދަށްވުމެކެވެ.
"މިއީ ޖުމްލަކޮށް އެމެރިކާގެ އިގްތިސާދަށް ލިބުނު ސީދާ ގެއްލުމެއް، ކޮމިއުނިޓީތަކަށާއި ވަޒީފާތަކަށާއި ވިޔަފާރިތަކަށް ... އަސަރުކުރާ ކަމެއް،" ޑަބްލިއުޓީޓީސީން ނެރުނު ބަޔާނެއްގައިވެ އެވެ.
ޑަބްލިއުޓީޓީސީގެ ރައީސް ޖޫލިއާ ސިމްޕްސަން ވަނީ ޓޫރިޒަމްގެ ކުރިއެރުން އަލުން އާލާކުރުމަށް ސަރުކާރުގެ އެއްބާރުލުން އިތުރުކުރުމަށް ގޮވާލައްވާފަ އެވެ. "އެހެން ގައުމުތަކުން މަރުހަބާކިޔަމުންދާއިރު އެމެރިކާ ސަރުކާރުން ދަނީ 'ބަންދު' ނިޝާން ޖަހަމުން،" ސިމްޕަސަން ވިދާޅުވި އެވެ.
ދަ ނިއުޔޯކް ޓައިމްސް ނޫހާ އަށް ވާހަކަ ދައްކަވަމުން ސިމްޕަސަން ފާހަގަކުރެއްވީ އިމިގްރޭޝަން ތަންފީޒު ކުރުން އިތުރުވުމާއި ވިސާގެ ޔަގީންކަން ނެތުމުން ބޭރުގެ ދަތުރުވެރިން ބިރުގަންނަމުންދާ ކަމަށެވެ.
"ވިސާއާ މެދު ވެސް ކަންބޮޑުވުންތަކެއް އެބަހުރި، އެމީހުންނަށް ރަނގަޅު ވިސާއެއް ލިބިފައިވޭތޯ ނުވަތަ އެކްސިޑެންޓެއްގައި ހައްޔަރުވެދާނެތޯ، އެކަމުގެ ސަބަބުން މީހުން ފުދޭވަރަކަށް ބިރުގަނެފައިވޭ،" ސިމްޕަސަން ވިދާޅުވި އެވެ.
މި ރިޕޯޓުގައި އެމެރިކާގެ ޑިޕާޓްމަންޓް އޮފް ކޮމާސްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2020 ވަނަ އަހަރުގެ މާޗް މަހު މުހިންމު މާކެޓްތަކުން ފަތުރުވެރިން އަންނަ މިންވަރު ވަރަށް ބޮޑަށް ދަށްވެފައިވެ އެވެ. އިނގިރޭސިވިލާތާއި ދެކުނު ކޮރެއާ އިން އައި މީހުންގެ އަދަދު %15 އާއި ގާތްކުރާ އަދަދަކަށް ދަށްވެފައިވާއިރު، ޖަރުމަނާއި އަޔާލޭންޑް އަދި ސްޕެއިންގެ އަދަދު ވަނީ %20 އަށްވުރެ ދަށްވެފަ އެވެ. ކެނެޑާއިން ހޫނު މޫސުމުގެ ކުރީކޮޅު ބުކިންތައް ވެސް %20 ދަށްވެފައިވާ ކަމަށް ވެސްވެ އެވެ.
"މިއީ ކުޑަކޮށް ދަށްވުމަށްވުރެ މާ ބޮޑު ކަމެއް. މިއީ ހޭއެރުމެއް،" ޑަބްލިއުޓީޓީސީން ބުންޏެވެ. "އެމެރިކާއިން މަރުހަބާ ކިޔާ އަވަށްޓެރި ގައުމުތަކާއި ދުރު ގައުމުތަކުން ޒިޔާރަތްކުރާ މީހުން މަދުވުމުން، މިއީ އެމެރިކާގެ ދުނިޔޭގެ ޝައުގުވެރިކަން ކުޑަވަމުންދާ ކަމުގެ ސާފު ނިޝާނެއް."
ހަމައެއާއެކު، އެމެރިކާގެ އިތުރު ރައްޔިތުން ބޭރަށް ދަތުރުކުރަން އިޚްތިޔާރު ކުރަމުންދާތީ، އެތެރޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރަށް ބުރޫއަރާފައިވެ އެވެ.
ޓޫރިޒަމުން 2024 ވަނަ އަހަރު އެމެރިކާގެ އިގްތިސާދަށް 2.6 ޓްރިލިއަން ޑޮލަރު ލިބުނުއިރު، 20 މިލިއަނަށްވުރެ ގިނަ ވަޒީފާއަށް އެހީތެރިވެދީ، ޓެކްސްގެ ގޮތުގައި 585 ބިލިއަން ޑޮލަރަށްވުރެ މަތީގެ އާމްދަނީއެއް ލިބިފައިވެ އެވެ.
ބޭރުގެ ދަތުރުފަތުރު ދަށަށް ގޮސްފައިވަނީ ޓްރަމްޕްގެ ލީޑަޝިޕްގައި ގަވާއިދާ ހިލާފަށް އުޅޭ މީހުންނާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ސިޔާސަތުތަކާއި ބޭރު ގައުމުތަކާ ބެހޭ ގޮތުން ސިޔާސީ ގޮތުން ވާހަކަ ދެއްކުމާއި އިމްޕޯޓް މުދަލުން ޓެރިފް ނެގުމުން އެމެރިކާގެ އުފެއްދުންތަކާއި ދަތުރުތަކުން ދުރުހެލިވުމަށް ގޮވާލާ ދަނޑިވަޅެއްގަ އެވެ.
ހަރުކަށި އިމިގްރޭޝަން ސިޔާސަތުގެ ސަބަބުން އެމެރިކާއަށް ބޭރުގެ ފަތުރުވެރިންގެ ފަރާތުން ލިބޭ އާމްދަނީން 12.5 ބިލިއަން ޑޮލަރު ގެއްލޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ