މާމިގިލި ދާއިރާގެ ތިން ފޮއްޓެއްގެ ބާތިލު ވޯޓުތައް އަލުން ގުނަނީ

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލި މާމިގިލި ދާއިރާގެ ތިން ފޮއްޓެއްގެ ބާތިލު ވޯޓު އަލުން ގުނަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަހުމަދު އަކުރަމް ވިދާޅުވީ މާމިގިލި ދާއިރާއަށް ވާދަކުރެއްވި ކެންޑިޑޭޓެއްގެ މަންދޫބަކު ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ދާއިރާގެ ތިން ފޮއްޓެއްގެ ބާތިލު ވޯޓުތައް އަލުން ގުނަން ނިންމާފައިވާ ކަމަށް،، އެއީ ކޮން ކެންޑިޑޭޓެއް ކަމަށް އަކުރަމް ވިދާޅެއް ނުވެ އެވެ.
މި ތިން ފޮއްޓަށް ވެސް ލާފައިވާ ވޯޓުތަކުގެ ތެރެއިން ސައްހަ ވޯޓުގެ ގޮތުގައި ކަނޑައަޅާފައިވާ ވޯޓު ކަރުދާސްތައް ގުނަން ނިންމާފައިވާ ނުވާ ކަމަށް އަކުރަމް ވިދާޅުވި އެވެ.
މި ތިން ފޮށީގެ ވޯޓުތައް ގުނިއިރު ގިނަ އަދަދެއްގެ ވޯޓު ވަނީ ބާތިލު ވޯޓުގެ ގޮތުގައި ގުނާފައި،، މިގޮތުން 190 އަށްވުރެ ގިނަ ވޯޓު ބާތިލު ވޯޓުގެ ގޮތުގައި ގުނާފައިވާ ކަމަށް އެނގިފައިވެ އެވެ.
އަކުރަމް އިތުރަށް ވިދާޅުވީ މިހާތަނަށް ހުށަހެޅި މައްސަލަތަކުގެ ތެރޭގައި ނަތީޖާއަށް އަސަރު ކުރާނެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ މާވަށު ދާއިރާގެ މައްސަލައާއި ކެންދޫ ދާއިރާގެ މައްސަލައިގެ އިތުރުން މާމިގިލި ދާއިރާގެ މައްސަލަ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، މާމިގިލި ދާއިރާގައި ކުރިހޯއްދަވަނީ މިހާރު ވެސް އެ ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް،، އެމަނިކުފާނާ އެންމެ ގާތުން ވާދަކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓް އަލީ އަމީޒް އެވެ. ގާސިމާއި އަމީޒުގެ އިތުރުން އެ ދާއިރާއަށް ވާދަކުރައްވަނީ ލޭބާ ޕާޓީގެ ކެންޑިޑޭޓް އަހުމަދު އިބްރާހިމް އެވެ.
އާ ގާނޫނު އަސާސީގެ ދަށުން މިހާތަނަށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ތިން އިންތިހާބުގައި ވެސް މާމިގިލި ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް،، މާމިގިލި ދާއިރާ ފާހަގަކުރެވިފައި ވަނީ ވެސް ޖުމްހޫރީ ޕާޓީއަށް ތާއީދު ބޮޑު ދާއިރާއެއްގެ ގޮތުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ