ފުޓްބޯޅަ މެޗުގެ ކެޕްޓަނުން ނަކީ އިބޫ އާއި ގާސިމް

"ދުޅަހެޔޮ ހަށިހެޔޮ އީދު" ގެ ނަމުގައި ކުރިޔަށްގެންދާ ކުޅިވަރުގެ ބޮޑު އީދު ކުޅިވަރު ފެސްޓިވަލްގައި ކުޅޭ ފުޓްބޯޅަ މެޗުގެ ކެޕްޓަނުގެ ގޮތުގައި އިންތިހާބީ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ހަމަޖައްސައި ޓީމު އެކުލަވާލައިފިއެވެ.
ހަތަރު ބަޔަކަށް ބަހާލައިގެން ކުރިޔަށްގެންދާ ފުޓްބޯޅަ މެޗުގެ ތެރެއިން ރާއްޖޭގެ ސިޔާސީ ފަރާތްތަކުގެ ހާއްސަ ފުޓުބޯޅަ މެޗުގެ ކެޕްޓަނާއި ޓީމު އެކުލަވާލުމަށް ބުދަ ދުވަހު ހަވީރު ހެންވޭރު ދަނޑުގައި ބޭއްވި ހަރަކާތުގައި ދެ ޓީމަށް ނިސްބަތްވާ ކުޅުންތެރިންނާއި ކުޅިވަރުގެ ދާއިރާގެ ފަރާތްތައް އަދި އާއްމުން ބައިވެރިވިއެވެ.
އިބޫ އާއި ގާސިމްއަށް ޓީމުގެ ޖާޒީ އާއި ކެޕްޓަން ބޭންޑް ހަވާލުކޮށްދެއްވީ ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން އަހްމަދު ލަތީފް އެވެ.
ކޮންމެ ޓީމެއްގައި 30 ކުޅުންތެރިން ތިބި އިރު އޮފިޝަލުންގެ ގޮތުގައި އަންހެން ބޭފުޅުން ހިމެނޭގޮތައް ހަތަރު އޮފިޝަލުން ކޮންމެ ޓީމެއްގައި ތިބެއެވެ. ސިޔާސީ ބޭފުޅުންގެ ގޮތުގައި ލިސްޓްގައި ހިމަނާފައިވާ 60 ކުޅުންތެރިން ދެ ޓީމަށް ވެސް ބަހާލާފައި ވަނީ ކުޅުންތެރިންގެ ނަންތައް ދެ ޓީމުގެ ކެޕްޓަނުން ނެގުމުންނެވެ.
މި މެޗުގައި ހަތަރު ލީޑަރުންގެ ތެރެއިން ގާސިމް އާއި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުޅުއްވައެވެ.
ޖާޒީ ހަވާލުކުރުމަށް ފަހު ދެ ޓީމުގެ ކުޅުންތެރިން ވަނީ ފުރަތަމަ ފަރިތަކުންތައް ހެންވޭރު ދަނޑުގައި ކުރިޔަށްގެންގޮސްފައެވެ.
ހާއްސަ ފުޓްބޯޅަ މެޗާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ މިއީ ވަރަށް މުހިންމު ކަމެއް ކަމަށާއި ކުޅިވަރަކީ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާ ވެގެންދާނެ ކަމެއް ކަމަށެވެ.
ސިޔާސީ ބޭފުޅުން ކުޅިވަރުގެ ކަންކަމުގައި ބައިވެރިވަނީ ވެސް މުޅި ގައުމު އެއްބައިވަންތަ ކުރުވަން ކަމަށާއި އެހެން ކަމުން މި ހަރަކާތުން ވެސް އަންގައިދެނީ ކުޅިވަރުގެ މުހިންމުކަން، ކަމަށް ގާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ