ރައީސް ހިންގަވާ އަނިޔާތަކުން ސަބަބުން، މައުމޫން ހުންނެވީ ހިތްހަލާކުވެފައި - އިމްރާން

ރައީސް އަބްދުﷲ ޔާމިން ހިންގަވާ އަނިޔާތަކުގެ ސަބަބުން، ރައީސް މައުމޫން ހުންނެވީ، ހިތްހަލާކުވެފައި ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިޙް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
"އަނިޔާވެރިކަމާ ދެކޮޅަށް ދިވެހިން"ގެ ނަމުގައި ހއ. ބާރަށުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ، ރައީސް ޔާމީންގެ އަމަލުތަށް ހުންނެވި ގޮތުން އެ ބޭފުޅުންނެކޭ އެއްގޮތަށް މި ހިތާމައިގައި ރައީސް މައުމޫން ވެސް ހުންނެވީ "ހިތްހަލާކުވެފައި" ކަމަށެވެ. އަދި ބުރާސްފަތި ދުވަހުގެރޭ ޕީޕީއެމް އާއި އެމްޑީއޭއިން ބޭއްވި ޖަލްސާއަށް ރައީސް މައުމޫން ވަޑައިގެންނެވީ ބޮލުގައި ބަޑިޖެއްސެވުމުން ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.
"ރައީސް މައުމޫން އެހުންނަވަނީ ޔާމިން ހިންގަމުންގެންދާ އަނިޔާވެރި ޖަރީމާތަކާއި އެކުގައި ހިތްކުދިކުދިވެ ޒަހަމްވެފައި. އަޅުގަނޑުމެންނެކޭ އެއް ފަަަދައިން މިއަނިޔާތަކުގެ ހިތާމައިގައި ރައީސް މައުމޫން އެ ހުންނަވަނީ ހިތްހަލާކުވެފައި،" އިމްރާން ވިދާޅުވިއެވެ.
ރައީސް ޔާމިންގެ އަނިޔާވެރިކަމާއި ގުޅިގެން ޖަލަށް ލެވިފައިވާ ސިޔާސީ ބޭފުޅުން ޖަލަށް ލުމަކީ އެއްގޮތަކުން ހެވެއް ކަމަށާއި، އެ ބޭފުޅުން ޖަލަށް ނުލެއްވިނަަމަ މިއަދުވެސް ގިނަ ބަޔަކު ރައީސް ޔާމިންގެ އަނިޔާވެރިކަމުގެ ކުރިމަތީގައި ހިމޭނުން ތިބޭނެ ކަަމަށް އިމްރާން ވިދާޅުވިއެވެ. އަދި އަނިޔާވެރިކަމާ ދެކޮޅަށް ކުރިއަށްދާ ހަރަކާތްތަކުގެ ކުރީ ސަފުގައި ތިއްބެވި ސިޔާސީ ލީޑަރު ހައްޔަރުކުރި ނަމަވެސް މިހަރަކާތް ދެން ހުއްޓުވާ ނުލެވޭނެ ކަމުގައި ވެސް ވިދާޅުވިއެވެ.
ރައީސް ޔާމީންއަށް އެނގިވަޑައިނުގެންނެވި ކަމުގައިވިޔަސް މިއަދު މިގައުމުގެ 80 ޕަސެންޓްހާ މީހުން މިތިބީ ރައީސް ޔާމީންގެ އަނިޔާވެރިކަމާ ދެކޮޅަށް ތެދުވެ ވަރަށް ސާބިތުކަމާއެކު ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.
"ރައީސް ޔާމިންގެ އަނިޔާވެރިކަން މިއަދު ދިވެހިންނަށް އޮޅުވާނުލެވޭނެ. ރައްޔިތުން ގޮވައިގެން ކުރިއަށް ވަޑައިގަންނަވަން ތިއްބެވި ސިޔާސީ ލީޑަރުންނަށް އަނިޔާކޮށްފައި ރައީސް ޔާމިނަށް ގޭގައި "ތާސްކުޅެން ނޯވެވޭނެ" " އިމްރާން ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ވެސް އިމްރާން ވަނީ މެއި އެއްވަނަ ދުވަހު އަނިޔާވެރިކަމާ ދެކޮޅަށް ބާއްވާ ބޮޑު އެއްވުމަށްފަހު ސުލްހައިގެ މޭޒަށް ރައީސް ޔާމީން ސުލްހައިގެ މޭޒަށް ގެންނަވާނެ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ