ހިއުމަން ރައިޓްސް ކޮމިޝަނުން އަމަލު ކުރަންޖެހޭ ކަމަށް އަންގައި ސުޕްރީމް ކޯޓުން މިދިޔަ އަހަރު ނެރެފައިވާ ގައިޑް ލައިނުގެ ސަބަބުން އެ ކޮމިޝަނުގެ މަސައްކަތްތަކަށް އެއްވެސް ހުރަހެއް ކުރިމަތި ވަމުން ނުދާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
މިދިޔަ އަހަރު ސުޕްރީމް ކޯޓުން ވަނީ އެޗްއާރުސީއެމުން އަމަލު ކުރަން ޖެހޭ 11 ނުކުތާ ހިމެނޭ ގައިޑް ލައިނެތް ނެރެފައި އެވެ. އެ ގައިޑް ލައިން ނެރުނީ އެ ކޯޓުން އަމިއްލައަށް އިސްނަގައިގެން ބެލި ސުމޯޓޯ މައްސަލަ ނިންމުމަށްފަހު އެވެ..
ސުޕްރީމް ކޯޓުގެ ގައިޑްލައިނަކީ އެ ކޮމިޝަނުގެ މަސައްކަތްތަކަށް އޮތް ހުރަހެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން މީޑިއާއާއި ތަފާތު އެކި ފޯރަމް ތަކުގައި ވާހަކަ ދައްކަމުންދާތީ އެ ކޮމިޝަނުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ގައިޑް ލައިނަކީ ސުޕްރީމް ކޯޓުން އެކަން ކުރުމަށް އެންގުމުގެ ކުރިންވެސް ކޮމިޝަނުން އަމަލު ކުރަމުން އައި ގައިޑް ލައިނެއް ކަމަށެވެ. އެ ގައިޑު ލައިނަކީ ކޮމިޝަނުގެ މަސައްކަތްތަކަށް އޮތް ހުރަހެއް ކަމަށް ބުނެ އެޗްއާރުސީއެމްގެ މުސްތަގިއްލު ކަމާމެދު ސުވާލު އުފެދޭގޮތަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުންދިޔަ ނަމަވެސް އޭގައި އެއްވެސް އަސްލެތް ނެތް ކަމަށެވެ.
އަދި ބުނެފައިވަނީ މިއަހަރުގެ މާޗް މަހުގެ 22 ވަނަ ދުވަހު ސުޕްރީމް ކޯޓްގެ 11 ނުކުތާގެ ގައިޑްލައިން މާނަ ކުރުމަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާއެކު ބައްދަލުވުމެއް ބޭއްވުނު ކަމަށެވެ. އެޗްއާރްސީއެމްއިން ބުނި ގޮތުގައި، ސުޕްރީމް ކޯޓުގެ ގައިޑު ލައިންއާއި ގުޅިގެން، ކޮމިޝަނުގެ ބައެއް މަސައްކަތްތަކަށް ދަތިތަކެއް ދިމާވެފައިވަނީ އެއިރު އެ ގައިޑު ލައިން ކޮމިޝަނަށް ވަކިގޮތަކަށް މާނަކުރެވި، އެ މާނަކުރުމުގެ ތަރަހައިގެ ތެރޭގައި ކޮމިޝަނުން މަސައްކަތް ކޮށްފައި ވާތީ ކަމަށެވެ.
“މި ބައްދަލުވުމުގައި ކުރެވުނު މަޝްވަރާގައި ސުޕްރީމް ކޯޓުގެ ގައިޑު ލައިން އެހެން އޮތުމަކުން މި ކޮމިޝަނުގެ ގާނޫނީ ޒިންމާ އަދާކުރުމަށާއި، މިނިވަންކަމާއި މުސްތަގިއްލުކަމާއެކު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއާއި ހިއުމަން ރައިޓްސް ކޮމިޝަނުގެ ގާނޫނާ އަދި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުގެ ތެރެއިން މި ކޮމިޝަނަށް މަތިކުރެވިފައިވާ މަސްއޫލިއްޔަތުތައް ޒިންމާދާރުކަމާއި މިނިވަންކަމާއެކު ކުރިޔަށް ގެންދިއުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށް ނިންމުނެވެ.،” އެޗްއާރުސީއެމްގެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުން ކޮމިޝަނުން ތައްޔާރު ކުރަންޖެހޭ ރިޕޯޓުތައް ތައްޔާރު ކުރުމަށް ފަހު އެއްވެސް ހުރަހެއް ނެތި އިތުރު ފަރާތަކަށް މައުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމަށް ހުށަނާޅާ ފޮނުވަން ޖެހޭ ފަރާތްތަކަށް ފޮނުވަމުންދާ ކަމަށެވެ. އެޗްއާރުސީއެމުން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެ ކޮމިޝަނުގެ މަސައްކަތްތައް ހިނގާގޮތް ބެލުމެއްނެތި، ކޮމިޝަނުގެ މުސްތަގިއްލުކަމާ މެދު ސުވާލު އުފެދޭގޮތަށް ވާހަކަ ދެއްކުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ.
އެޗްއާރުސީއެމުން މިގޮތަށް ބަޔާން ނެރެފައިވާއިރު އިންސާނީ ހައްގުތަކާ ހިލާފުވެ ރާއްޖޭގައި ހިންގާ ކަންކަމުގެ މައުލޫމާތު އދ. ގެ ސަމާލުކަމަށް ގެންނަން ކުރާ މަސައްކަތަށް ހުރަސްއަޅަމުންދާ ކަމަށް ބުނެ އެކަން ބަލައި ރާއްޖެއާ މެދު ފިޔަވަޅު އަޅައިދޭން އިންޓަނޭޝަނަލް ސާވިސް ފޯ ހިއުމަން ރައިޓްސް (އައިއެސްއެޗްއާރު) އިން އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީ އަށް ވަނީ ހުށަހަޅާފައި އެވެ. މި މައްސަލަ އެ ކޮމިޓީއަށް ހުށަހެޅުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަމުންދަނީ ހިއުމަން ރައިޓްސް ކޮމިޝަންގެ ކުރީގެ ދެ މެމްބަރުން ކަމަށްވާ އަހްމަދު ތޮލާލާއި ޖީހާން މަހްމޫދެވެ.
ތޮލާލް އާއި ޖީހާންގެ ފަރާތުން އެދިފައި ވަނީ، އިންސާނީ ހައްގުތަކާ ގުޅުން ހުރި މައުލޫމާތުތައް ފޯރުކޮށްދިނުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކުން ލިބިދީފައިވާ ހައްގެއް ކަމަށް އަމުރުކޮށްދިނުމަށެވެ. އެކަމަށް ހުރަސްއެޅުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވުން ކަމަށް ކަނޑައަޅައިދޭން ވެސް އެދިފައިވެ އެވެ.
ސުޕްރީމް ކޯޓުގެ ގައިޑު ލައިނުގެ ސަބަބުން އެއްވެސް ހުރަހެއް ނެތް: އެޗްއާރުސީއެމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ