އެމެރިކާގެ މައްޗަށް 1-2 ގެ ނަތީޖާއަކުން ކުރި ހޯދާ ބެލްޖިއަމް މުބާރާތުގެ ކުއާޓާފައިނަލަށް ދަތުރުކޮށްފި އެވެ.
ބްރެޒިލްގެ ސަލްވަޑޯގެ އެރީނާ ފޮންޓެ ނޯވާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގިނަވަގުތު ބޯޅަ ގެންގުޅެ ބެލްޖިއަމް އިން ވަނީ އެމެރިކާގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފަ އެވެ.
އެގޮތުން މެޗު ފެށިގެން މާގިނައިރުތަކެއް ނުވެ އެޓީމުގެ ޒުވާން ފޯވާޑް އޮރީގީ ކުރިއަށް ފޮނުވާލި ބޯޅަ އެމެރިކާގެ ކީޕަރު ހޮވަޑް ދިފާއުކުރިއިރު އެޓީމުގެ މިޑްފިލްޑަރ ހަޒާޑް ކުރިއަށް ފޮނުވާލި ބޯޅަ ވެސް ހޮވަޑް ވަނީ ދިފާއުކޮށްފަ އެވެ. އަދި ބެލްޖިއަމް ޓީމުގެ ޒުވާން މިޑްފިލްޑަރ ޑެ ބްރޫން ކުރިއަށް ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ދަޑިކައިރިން ބޭރަށެވެ.
މެޗުގެ ފުރަތަމަ ހާފްގައި އެމެރިކާ ޓީމަށް ގޯލްޖަހާނެ މާ ރަނގަޅު ފުރުސަތުތަކެއް ލިބިފައިނުވި ނަމަވެސް އެޓީމުގެ ކެޕްޓަން އަދި ފޯވާޑް ކްލިންޓް ޑެމްޕްސީއަށް ލިބިގެންދިޔަ ފުރުސަތު ފާހަގަކޮށްލަންޖެހެ އެވެ. ނަމަވެސް ޑެމްޕްސީ ކުރިއަށް ފޮނުވާލި ބޯޅަ ބެލްޖިއަމް ޒުވާން ކީޕަރު ކޯޓުއާ ވަނީ ދިފާއުކޮށްފަ އެވެ.
މެޗުގެ ދެވަނަ ހާފްގައި ބެލްޖިއަމް ޓީމުން ވަނީ މޮޅު ކުޅުމެއްދައްކާ ގޯލްޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. އެގޮތުން ދެވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއްނުވެ ބެލްޖިއަމްގެ މިޑްފިލްޑަރ މާޓެންސް ކުރިއަށް ފޮނުވާލި ބޯޅަ އެމެރިކާގެ ތަޖުރިބާކާރު ކީޕަރު ހޮވަޑް ދިފާއުކުރިއިރު އެޓީމުގެ ޒުވާން ފޯވާޑް އޮރީގީ ބޮލުން ކުރިއަށް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަޑިއަށެވެ.
މީގެއިތުރުން ވެސް ބެލްޖިއަމްގެ މިރާލޭސް، ހަޒާޑް، ވެންބޫޓޭން އަދި އޮރީގީ މެންދަފަ ކުރިއަށް ފޮނުވާލި ބާރު ހަމަލާތަށް މި މެޗުގައި އާދަޔާހިލާފް މޮޅު ކުޅުމެއް ދެއްކި އެމެރިކާގެ ކީޕަރު ޓިމް ހޮވަޑް ވަނީ ހުޝިޔާރުކަމާއެކީ ދިފާއުކޮށްފަ އެވެ.
މި މެޗުގެ ދެވަނަ ހާފްގައި އެެމެރިކާއަށް މާގިނަ ފުރުސަތުތަކެއް ލިބިގެން ގޮސްފައިނުވި ނަމަވެސް މެޗުގެ އެންމެ ފަހު މިނެޓްގައި އެޓީމަށް ވަނީ މެޗުން މޮޅުވާން ރަނުގެ ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް ހުހަށް އޮވެ އެޓީމުގެ ވޮންޑޮލޯވްސްކީ ކުރިއަށް ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަޑިމަތިން ބޭރަށެވެ.
މެޗުގެ 90 މިނެޓް ހަމަވިއިރުވެސް ވެސް ނަތީޖާއަށް ބަދަލެއް ނައުމާ ގުޅިގެން ދެން ކުޅުނީ 15 މިނެޓްގެ ދެ ހާފެވެ. އިތުރުވަގުތުގެ ދެ ހާފްގެތެރެއިން ފުރަތަމަ ހާފް ފެށީގެން މާގިނަ އިރުތަކެއް ނުވެ ބެލްޖިއަމް އިން ވަނީ މެޗުގެ ފުރަތަމަ ގޯލްޖަހާ ލީޑްނަގާފަ އެވެ. މި ގޯލް ކާމިޔާބުކޮށްދިނީ މި މެޗުގައި ރަނގަޅު ކުޅުމެއްދެއްކި އެޓީމުގެ މިޑްފިލްޑަރ ކެވިން ޑެ ބްރޫން އެވެ.
ބެލްޖިއަމްގެ ދެވަނަ ގޯލްޖެހީ 15 މިނެޓްގެ ފުރަތަމަ ހާފް ނިމެން ކުޑަވަގުތުކޮޅަކަށް ވެފައިވަނިކޮށެވެ. ޑެ ބްރޫން ދިން ޕާހަކުން މި ގޯލް ބެލްޖިއަމް އަށް ކާމިޔާބުކޮށްދިނީ މި މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ރޮމެލޫ ލުކާކޫ އެވެ.
15 މިނެޓްގެ ފުރަތަމަ ހާފް 2 ގޯލުގެ އެޑްވާންޓޭޖާ އެކީ ބެލްޖިއަމް އިން ނިންމާލި ނަމަވެސް 15 މިނެޓްގެ ދެވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއް ނުވެ އެމެރިކާއިން ވަނީ ގޯލެއްޖަހާ ނަތީޖާގެ ފަރަގު ކުޑަކޮށްފަ އެވެ. ބްރެޑްލީ ދިން ޕާހަކުން މި ގޯލް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އުމުރުން އެންމެ 19 އަހަރުގެ ޖޫލިއަން ގްރީން އެވެ. ގްރީން އަކީ ވޯލްޑްކަޕްގެ ތާރީހުގައި ވެސް އެމެރިކާއަށް ކުޅެދިން އެންމެ ޒުވާން ކުޅުންތެރިޔާކަން ވެސް ފާހަގަކޮށްލަންޖެހެ އެވެ. އަދި ގްރީން ވެގެންގޮސްފައިވަނީ މި މުބާރާތުގައި މިހާތަނަށް ގޯލްޖެހި އެންމެ އުމުރުން ހަގު ކުޅުންތެރިޔާ ވެސް މެ އެވެ.
މި ގޯލް ޖެހިތާ މާގިނަ އިރުތަކެއް ނުވެ އެމެރިކާގެ މިޑްފިލްޑަރ ޖޯންސް އަށް ވަނީ ނަތީޖާ އެއްވަރުކޮށްލަން ވެސް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. އެގޮތުން ޖޯންސް ކުރިއަށް ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ. އަދި އެޓީމުގެ ފޯވާޑް ކްލިންޓް ޑެމްޕްސީ ހުހަށް އޮވެ ކުރިއަށް ފޮނުވާލި ބޯޅަ ބެލްޖިއަމްގެ ޒުވާން ކީޕަރު ކޯޓުއާ ވަނީ ދިފާއުކޮށްފަ އެވެ.
15 ވަނަ މިނެޓްގެ ދެވަނަ ހާފްގައި އެމެރިކާއިން މޮޅު ކުޅުމެއް ދެއްކި ނަމަވެސް އެޓީމަށް ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްލެވޭ ގޮތް ނުވެފަ އެވެ.
ކުއާޓާފައިނަލްގައި ބެލްޖިއަމް ބައްދަލުކުރަން ޖެހޭނީ މިރޭ 0-1 ގެ ނަތީޖާއަކުން ސްވިޒަލޭންޑްގެ މައްޗަށް ކުރި ހޯދި އާޖެންޓީނާއާ އެވެ. އެ މެޗު ކުޅޭނީ މި މަހުގެ 5 ވަނަ ދުވަހުގެރެ އެވެ.
އެމެރިކާގެ މައްޗަށް ކުރި ހޯދާ ބެލްޖިއަމް ކުއާޓާފައިނަލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ