ކައުންސިލުގެ މަސައްކަތަށް ހުރަސްނޭޅުމަށް ކޯޓުން އަމުރުކުރުމާ ގުޅިގެން ށ.އަތޮޅު ކައުންސިލް އިދާރާ ފުލުހުން ދޫކޮށްލައިފި

ށ. އަތޮޅު ފުނަދޫގައި ހުންނަ އަތޮޅު އޮފީސް ހިންގި އިމާރާތަކީ ށ. އަތޮޅު ކައުންސިލްގެ އިދާރާކަމަށް ކަނޑައަޅައި، އެއޮފީހުގައި މިއަދު ކައުންސިލުން މަސައްކަތް ފެށުމާ ގުޅިގެން، ފުލުހުން އެތަނަށް ގޮސް، ކައުންސިލަރުން ނުކުމެވަޑައިގަތުމަަށް ތަކުރާރުކޮށް އިންޒާރުދެމުންދަނިކޮށް، ކައުންސިލަރުންގެ މަސައްކަތަށް ހުރަސް ނޭޅުމަށް ފުނަދޫ ކޯޓުން އަމުރު ނެރުމާ ގުޅިގެން، ފުލުހުން އެ އޮފީސް ދޫކޮށް ހިނގައްޖެ އެވެ.
ށ. އަތޮޅު ކައުންސިލުން އިއްޔެ ވަނީ އެ އަތޮޅުގެ ވެރިކަން އަލުން އަނބުރާ ފުނަދޫއަށް ބަދަލުކުރުމަށް ނިންމައިފަ އެވެ. ނަމަވެސް، ކައުންސިލްގެ އިދާރާގެ ގޮތުގައި، ފުނަދޫގައި ހުރި ކުރީގެ އަތޮޅު އޮފީސް ހަމަޖައްސައި، މިއަދު އެތަނުގައި ކައުންސިލަރުން މަސައްކަތް ފެށުމާ ގުޅިގެން، ފުލުހުން ވަނީ އެ އޮފީހަށް ގޮސް، ކައުންސިލަރުން ނުކުމެވަޑައިގަތުމަށް އަންގަވައިފަ އެވެ.
އަދި ކައުންސިލަރުން އެ އިމާރާތުން ނުކުމެ އިމާރާތާއި އިމާރާތުގެ ތަޅުގަނޑި ފުލުހުންނާ ހަވާލު ކުރުމަށް ކައުންސިލްގެ ރައީސް މޫސާ ފަތުހީ އާދަމް ދެކޮޅު ހެއްދެވުމުން، ރައަޓު ގިއަރުގައި ތިބި 50 އަކަށް ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް، އޮފީސް ހިސޯރުކޮށްފަ އެވެ. ކައުންސިލްގެ ރައީސް މޫސާ ފަތުހީ ވިދާޅުވީ، އޮފީހުން ބޭރަށް ވަޑައިނުގެންފިނަމަ، ބާރުގެ ބޭނުންކުރަން ޖެހިދާނެ ކަމުގެ އިންޒާރު ފުލުހުން ދީފައިވާ ކަމަށެވެ.
ނަމަވެސް އަތޮޅުކައުންސިލް މިހާރު ހިނގަމުންދާ އިމާރާތަކީ، ލާމަރުކަޒީ ގާނޫނުގައި، ކައުންސިލްގެ އިދާރާގެގޮތުގައި ބޭނުންކުރަން ކަނޑައަޅާފައިވާ އިމާރާތް ކަމަށް ވެސް ފަތުހީ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ތިބީ 2008 ވަނަ އަހަރު ގާނޫނުއަސާސީ ތަސްދީގު ކުރިއިރުގައި އަތޮޅުވެރިކަން ހިނގަމުންއައި އިމާރާތުގައި. ގާނޫނުގައި ކަނޑައެޅިގެން ބުނޭ ކައުންސިލްގެ އިދާރާއަކީ މި ދެންނެވި އިމާރާތްކަމަށް .އެހެންވީމަ އެ އިމާރާތުގައި އަޅުގަނޑުމެން މިތިބީ. ށ.ފުނަދޫއަކީ 1968 ވަނަ އަހަރުގެ ޖަނަވަރީމަހުގެ އެއްވަނަ ދުވަހުން ފެށިގެން ށ.އަތޮޅުގެ އަތޮޅުވެރިކަންކުރާ ރަށުގެ ގޮތުގައި ހަމަޖެހިފައިވާރަށް. ނަމަވެސް މީގެ އަހަރެއްހާދުވަސްކުރިން، 16 އޮކްޓޫބަރު 2009 ގައި މި އޮފީސް ބަންދުކޮށް އަތޮޅު އޮފީހުގެ ގޮތުގައި މަސައްކަތް ކުރަމުން އައީ ނިލަންދޫގައި. ނަމަވެސް އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނުގައި ބުނަނީ ގާނޫނުއަސާސީ ތަސްދީގު ކުރެވުނުއިރު އަތޮޅު އޮފީސްކަމަށް ބެލެވެމުންއައި ތަންތަނަކީ، ކައުންސިލް އިދާރާކަމަށް،" ފަތުހީ ވިދާޅުވި އެވެ.
ފުނަދޫގައި އަތޮޅުވެރިކަންކުރުމަށް ތާއީދުކުރާ ގިނަ އަދަދެއްގެ ރައްޔިތުން މިއަދު ވަނީ ފުލުހުންނާ ކުރިމަތިލައި، ކައުންސިލަރުން އޮފީހުން ބޭރުނުކުރެއްވޭނެ ގޮތަށް ފުލުހުންނަށް ހުރަސް އަޅައިފަ އެވެ. އަދި އޮފީހަށް ފުލުހުންނަށް ނުވަދެވޭނެ ގޮތަށް ސަފުތައްވެސް ހެދި އެވެ.
ނަމަވެސް، ފުލުހުންނާއި އާއްމުންނާ ދެމެދު މައްސަލަ އިތުރަށް ގޯސްވުމުގެ ކުރިން، ކައުންސިލުން ވަނީ ފުލުހުންގެ އެ ސަރަހައްދުން ދުރުކުރުމުގެ އަމުރަކަށް ކޯޓުގައި އެދިފަ އެވެ. އަދި ފުނަދޫގައި ހުރި ކުރީގެ އަތޮޅު އޮފީހަކީ އަތޮޅު ކައުންސިލްގެ އިދާރާގެ ގޮތުގައި ކަނޑައަޅައިދިނުމަށް ވެސް އެދިފައި ވެއެވެ.
މިއަދު މެންދުރު ފުނަދޫ ރަށު ކޯޓުގެ ސީނިއާ މެޖިސްޓްރޭޓް މުހައްމަދު އިސްމާއީލް، ފުލުހުންގެ މައްޗަށް ނެރުއްވާފައިވާ އެ އަމުރުގައި ވަނީ، ކައުންސިލަރުންގެ މަސައްކަތަށް ފުލުހުންނަށް ހުރަސް ނޭޅޭނެ ކަމަށް ކަނޑައަޅައިފަ އެވެ. އަދި ށ. އަތޮޅު ކައުންސިލްގެ އިދާރާ ހިނގަމުންދާ ކުރީގެ އަތޮޅު އޮފީސް އިމާރަތަކީ ގާނޫނުން ކަނޑައަޅާފައިވާ ތަންތަން ކަމަށް ކަނޑައަޅައިދިނުމަށް އެދިފައިވާތީ، އެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން، އަތޮޅު ކައުންސިލްގެ މަސައްކަތަށް ހުރަސް ނޭޅުމަށް ވެސް ފުލުހުންގެ މައްޗަށް އަމުރުކޮށްފައި ވެއެވެ. އަދި އެ ކައުންސިލަރުންގެ މަސައްކަތަށް ހުރަސްއެޅޭ ފަދަ އެއްވެސް އަމަލެއް ކުރަމުންދާ ނަމަ، އެ އަމަލެއް މި ހިނދުން މި ހިނދަށް ހުއްޓައިލުމަށް ވެސް އެ އަމުރުގައި ވެއެވެ.
ކޯޓު އަމުރު ނެރުނުތާ މާ ގިނައިރުތަކެއް ނުވެ، ފުލުހުން ވަނީ އެ ސަރަހައްދުން ދުރަށް ގޮސްފަ އެވެ.
ފުނަދޫން ވާހަކަދެއްކި މީހަކު ބުނީ، ފުލުހުން އެ ސަރަހައްދު ދޫކޮށް ދިޔައީ، އެމީހުންގެ މަސައްކަތް ނިމުނީ ކަމަށްބުނެ، އެތަނަށް އެއްވެތިބި މީހުންނާ ސަލާމް ކުރުމަށްފަހުގައި ކަމަށެވެ.
-------------------------------
13:30-- ށ. އަތޮޅު ފުނަދޫގައި ހުންނަ އަތޮޅު އޮފީސް ހިންގި އިމާރާތަކީ އަތޮޅު ކައުންސިލްގެ މަސައްކަތްތައް ކުރިއަށް ގެންދެވިދާނެ އިމާރާތެއް ކަމަށާއި އެ އިމާރާތުގައި ތިއްބެވި އަތޮޅު ކައުންސިލަރުން ފުލުހުންނަށް ނުނެރެވޭނެ ކަމަށް، ފުނަދޫ ކޯޓުން އަމުރު ނެރެފި އެވެ.
ފުނަދޫން ވާހަކަ ދެއްކި މީހަކު ބުނީ ކޯޓު އަމުރު ނެރުނު ނަމަވެސް ރައެޓް ގިޔަރުގައި އޮފީސްކައިރީގައި ތިބި ފުލުހުން އެ ސަރަހައްދުން ދުރަށް ނުދާ ކަމަށެވެ.
ށ. އަތޮޅު ކައުންސިލުން ފާސްކުރި ގަރާރުގެ ދަށުން ފުނަދޫގައި ހުންނަ އަތޮޅު އޮފީސް ހިންގި އިމާރާތުގައި ކައުންސިލްގެ މަސައްކަތް ފެށުމާ ގުޅިގެން، އެ އިމާރާތުން ކައުންސިލަރުން ނިކުތުމަށާއި އިމާރާތް ބަންދުކޮށް އެތަނުގެ ތަޅުދަނޑި ހަވާލު ކުރުމަށް ފުލުހުން އެންގުމަށް ފަހު އެކަން އެގޮތަށް ނުކޮށްފި ނަމަ ކައުންސިލަރުން ގަދަކަމުން އެތަނުން ނެރޭނެ ކަމުގެ އިންޒާރު ފުލުހުން އަންނަނީ ދެމުންނެވެ.
ފުލުހުންގެ މި އިންޒާރާ ގުޅިގެން އަތޮޅު ކައުންސިލްގެ ރައީސް ރައީސް މޫސާ ފަތުހީ އާދަމް ވިދާޅުވީ، މީގެ އަހަރެއްހާ ދުވަސްކުރިން ފުނަދޫގައި ހުރި އަތޮޅު އޮފީސް ބަންދުކޮށް ނިލަންދޫ އަށް ބަދަލުކުރި ނަމަވެސް ފުނަދޫގައި އަތޮޅު ކައުންސިލްގެ މަސައްކަތް ފަށާފައި ވަނީ މިހާރު އަމަލު ކުރަމުންދާ ގާނޫނު އަސާސީ 2008ގައި ތަސްދީގު ކުރިއިރު އަތޮޅު އޮފީސް ހިންގި އިމާރާތަކީ އަތޮޅު ކައުންސިލްގެ އިދާރާކަމަށް ގާނޫނު އަސާސީ އާއި ލާމަރުކަޒީ ގާނޫނުން ސާފުކޮށް އެނގެން އޮތުމުން ކަމަށެވެ. އަދި ހޯމް މިނިސްޓްރީގެ އެދުމަކަށް ކަމަށްބުނެ ފުލުހުން ދެމުންގެންދާ އިންޒާރަށް ފަސްނުޖެހޭނެ ކަމަށާއި، ހަމައެކަނި ކިޔަމަންވާނީ ކައުންސިލަރުން ކުރަމުންދާ މަސައްކަތަކީ ގާނު އަސާސީ އާއި ގާނޫނާ ހިލާފް ކަންތައްތަކެއްކަމަށް ކޯޓުއަމުރެއް ހިފައިގެން ފުލުނުން އައުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް ސަބް އިނިސްޕެކްޓަރު އޮފް ޕޮލިސް އަހްމަދު ޝިޔާމު ވިދާޅުވީ، އެ އިމާރާތުން ފުލުހުންނަށް ކައުންސިލަރުން ނުނެރެވޭނެ ކަމަށް ކޯޓުން އަމުރު ނެރުނު ނަމަވެސް އެ އަމުރަށް ކިޔަމަން ވުމާބެހޭ ގޮތުން އަދި ވަކިގޮތެއް ނުނިންމަވާ ކަމަށެވެ. އަދި ފުލުހުން އެ އޮފީސް ދޮށުގައި މަސައްކަތް ކުރަމުންދަނީ ކައުންސިލާއި ސަރުކާރާ ދެމެދު ޖެހިފައިވާ މައްސަލަ ހައްލުކޮށްދެއްވުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ އިމާރާތާއި އިމާރާތުގައިވާ ތަކެއްޗަކީ ސަރުކާރުގެ މިލްކެއް އެހެންކަމުން އެތަނުގެ ކަންތައް ވަކި ގޮތަކަށް ހަމަނުޖެހި ތަނާއި ތަކެތި ބޭނުން ކުރުމުން މައްސަލައަކަށް ވެދާނެ. އެހެންކަމުން އަޅުގަނޑުމެން މަސައްކަތް މިކުރަނީ އެތަން ކައުންސިލުން ބޭނުން ކުރިއަސް ތަނަށް ވަކިގޮތެއް ހަނަޖެހިގެން ތަނާއި ތަކެތި ބޭނުންކުރެވޭ ގޮތަށް" ޝިޔާމު ވިދާޅުވި އެވެ.
13:23 ށ.އަތޮޅު ކައުންސިލްގެ މަސައްކަތް ކުރަމުންދާ ފުނަޑޫގައި ހުންނަ އަތޮޅު އޮފީސް ހިނގި އިމާރާތުން ކައުންސިލަރުން ނުނެރޭވޭނެ ކަމަށް ފުނަދޫ ކޯޓުން ދެންމެ އަމުރު ނެރެފި އެވެ.
11:43--ފުނަދޫ އޮފީހުން ކައުންސިލަރުން ނެރުމަށް ފުލުހުން މަސައްކަތް ކުރާ މަސައްކަތަށް ހުރަސްއެޅުމަށް ގިނަ އަދަދެއްގެ ރައްޔިތުން، ފުނަދޫ އޮފީސް ދޮށަށް އެއްވެ އޮފީސް ގޯތި ތެރެއާއި އޮފީސް ކުރިމަތީގައި ސަފުހަދައި، އެތުރިގެން އެބަތިއްބެވެ. ނަމަވެސް އެ އޮފީހުން ކައުންސިލަރުން ނެރުމަށް ރައަޓް ގިޔައުގައި ތިބި 50 ހަކަށް ފުލުހުން، އޮފީސްކައިރީގައި ތިބި މީހުންނާ ކުރިމަތިލައިގެން އެބަ ތިބިކަމަށް ވެސް އެރަށުން މައުލޫމާތު އެބަ ލިބެއެވެ.
ފުނަދޫން މައުލޫމާތު ލިބުނު ގޮތުގައި ފުނަދޫ އޮފީހުން ކައުންސިލަރުން ނެރުމަށް، ހދ.ކުޅުދުއްފުށީގައި ތިބި ފުލުހުންގެ ތެރެއިން ބަޔަކު ވެސް ވަނީ ފުނަދޫއަށް އައިސް އެރަށުގައި ތިބި ފުލުހުންނާ ގުޅިފައެވެ.
ފުލުހުންގެ މަސައްކަތާ ދެކޮޅަށް އޮފީސްކައިރިއަށް އެއްވި މީހުން ގޮވަމުންދަނީ، ފުލުން އަމަލުކުރަންވާނީ ގާނޫނާ އެއްގޮތަށް ކަމަށާއި ކައުންސިލަރުން މަސައްކަތް ކުރުމަށް ފުރުސަތު ދިނުމަށެވެ.
11:43-- ފުނަދޫ އޮފީހުގައި ށ. އަތޮޅު ކައުންސިލްގެ ބައްދަލުވުން ކުރިއަށްދަނިކޮށް، ރައަޓް ގިއަރުގައި ތިބި 50 ކަށް ފުލުހުން އެ ސަރަހައްދަށް ގޮސް، އޮފީސް ތަޅުދަނޑި ފުލުހުންނާ ހަވާލުކުރުމަށް އަންގައި، އެ ސަރަހައްދުގައި ތިބި ފުނަދޫ ރައްޔިތުންނާ ކުރިމަތިލަމުންދާ ކަމަށް ށ. އަތޮޅު ކައުންސިލްގެ ރައީސް ވިދާޅުވެއްޖެ އެވެ.
ފުނަދޫ ރައްޔިތުން އޮފީސް ބޭރުގައި މަޑުކޮށްގެން ތިބީ، އަތޮޅުވެރިކަން އެރަށަށް ބަދަލުކުރުމާ ގުޅިގެން އުފާފާޅުކުރުމަށް ކަމަށް ކައުންސިލް ރައީސް ވިދާޅުވި އެވެ.
" ހަ ކައުންސިލަރުންނާއެކު މިއަދު ހެނދުނުއްސުރެ ރަސްމީ މަސައްކަތް ފަށައިގެން ކުރިއަށް މިދަނީ. ނަމަވެސް ދެފަހަރެއްގެމަތިން ފުލުހުން އިންޒާރު ދީފި މިތަނުން ނިކުތުމަށާއި، ގަދަބާރު ބޭނުންކޮށްގެން ވެސް މިތަނުން ނެރެވިދާނެ ކަމަށް. ނަމަވެސް އަޅުގަނޑުމެން މި ތިބީ ގާނޫނުގެ ހުދޫދުގެ ތެރެއިން ރައްޔިތު އަޅުގަނޑުމެންނާ ހަވާލުކުރި މަސައްކަތްތައް އަޅުގަނޑުމެން ކުރި ހުވަޔާ އެއްގޮތަށް އަދާކުރުމަށް. އަޅުގަނޑުމެން ތަކުރާރުކޮށް ފުލުހުންނަށް ދަންނަވަމުން މިގެންދަނީ، ގާނޫނާ ގަވާއިދާ ހިލާފު އަމަލެއް އަޅުގަނޑުމެން ކުރަންޏާ، އަޅުގަނޑުމެންނަށް ލިބިގެންނުވާ ހައްގެއް އަޅުގަނޑުމެން ބޭނުން ކުރަންޏާ ކޯޓު އަމުރަކާއެކު ވަޑައިގަތުމުން އެއަމުރަށް ކިޔަމަންވާނަމޭ. އެނޫން ގޮތަކަށް އަޅުގަނޑުމެން މިތަނަކުން ނުނިކުންނާނަން" ފަތުހީ ވިދާޅުވި އެވެ.
ފަތުހީ ވިދާޅުވީ، ފުލުހުން އިންޒާރުދެމުންދަނީ، އެ އިމާރާތަކީ، އަތޮޅު ކައުންސިލްގެ އިދާރާގެ ގޮތުގައި ބޭނުން ކުރެވޭނެ އިމާރާތެއްނޫން ކަމަށް ހޯމް މިނިސްޓްރީން ފުލުހުންނަށް އަންގާފައިވާކަމަށް ބުނެ ކަމަށެވެ. ނަމަވެސް އަތޮޅުކައުންސިލް މިހާރު ހިނގަމުންދާ އިމާރާތަކީ، ލާމަރުކަޒީ ގާނޫނުގައި، ކައުންސިލްގެ އިދާރާގެގޮތުގައި ބޭނުންކުރަން ކަނޑައަޅާފައިވާ އިމާރާތް ކަމަށް ވެސް ފަތުހީ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ތިބީ 2008 ވަނަ އަހަރު ގާނޫނުއަސާސީ ތަސްދީގު ކުރިއިރުގައި އަތޮޅުވެރިކަން ހިނގަމުންއައި އިމާރާތުގައި. ގާނޫނުގައި ކަނޑައެޅިގެން ބުނޭ ކައުންސިލްގެ އިދާރާއަކީ މި ދެންނެވި އިމާރާތްކަމަށް. އެހެންވީމަ އެ އިމާރާތުގައި އަޅުގަނޑުމެން މިތިބީ. ށ.ފުނަދޫއަކީ 1968 ވަނަ އަހަރުގެ ޖަނަވަރީމަހުގެ އެއްވަނަ ދުވަހުން ފެށިގެން ށ.އަތޮޅުގެ އަތޮޅުވެރިކަންކުރާ ރަށުގެ ގޮތުގައި ހަމަޖެހިފައިވާރަށް. ނަމަވެސް މީގެ އަހަރެއްހާދުވަސްކުރިން، 16 އޮކްޓޫބަރު 2009 ގައި މި އޮފީސް ބަންދުކޮށް އަތޮޅު އޮފީހުގެ ގޮތުގައި މަސައްކަތް ކުރަމުން އައީ ނިލަންދޫގައި. ނަމަވެސް އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނުގައި ބުނަނީ ގާނޫނުއަސާސީ ތަސްދީގު ކުރެވުނުއިރު އަތޮޅު އޮފީސްކަމަށް ބެލެވެމުންއައި ތަންތަނަކީ، ކައުންސިލް އިދާރާކަމަށް،" ފަތުހީ ވިދާޅުވި އެވެ.
11:18-- ށ. އަތޮޅު ކައުންސިލްގެ އިދާރާ ހިންގަން އަތޮޅު ކައުންސިލުން ނިންމާފައިވާ ފުނަދޫ އޮފީސް ބަންދުކޮށް، އެ އިމާރާތާއި އެތަނުގެ ތަޅުދަނޑި ފުލުހުންނާ ހަވާލު ކުރުމަށް ފުލުހުން އަންގައިފައިވާ ކަމަށް ށ.އަތޮޅު ކައުންސިލްގެ ރައީސް މޫސާ ފަތުހީ އާދަމް ވިދާޅުވެއްޖެ އެވެ.
މޫސާ ފަތުހީ ވިދާޅުވީ، ފުލުހުން އަންގާ ގޮތަށް އަމަލުނުކުރައްވައިފިނަމަ، އެ އިމާރާތުގައި ތިއްބެވި ކައުންސިލަރުން ގަދަކަމުން އިމާރާތުން ނެރެންޖެހިދާނެކަމަށް ބުނެ ފުލުހުން އިންޒާރުދަމުންދީފައިވާ ކަމަށެވެ.
ޑީއާރްޕީގެ އަޣުލަބިއްޔަތު އޮތް ށ. އަތޮޅު ކައުންސިލުން ވަނީ އެ އަތޮޅުގެ ވެރިކަން އަލުން އަނބުރާ ފުނަދޫ އަށް ބަދަލުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ