ޕާޓީތަކުގެ އޮފީހަށް ވަދެ އޮޑިޓް ކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ: ފުއާދު ތައުފީގް

ސިޔާސީ ޕާޓީތަކުގެ އޮފީހަށް ވަދެ އޮޑިޓް ކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން ފަށާނެ ކަމަށް އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވެއްޖެއެވެ.
އަންނަ މަހުގެ ފަސްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަނާ ގުޅޭގޮތުން ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ފުއާދު ތައުފީގް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ އޮފީހަށް ވަދެ އޮޑިޓް ކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގަ އެ މަސައްކަތް ފެށުމަށްޓަކައި ހުރިހާ ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކޮށްފައިވާ ކަމަށެވެ.
އަދި މިކަމަށް ސިޔާސީ ޕާޓީތަކުންވެސް މަރުހަބާ ކިޔާ ކަމަށާއި ޕާޓީތަކުން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ކޮމިޝަނަށް ދޭނެ ކަމަށް ޕާޓީތަކުން ބުނެފައިވާ ކަމަށްވެސް ފުއާދު ވިދާޅުވިއެވެ.
ފުއާދު ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ކޮމިޝަނުން ދޫކުރާ ފައިސާ ހޭދަކުރާގޮތް ބެލުމުގެ ފުރުސަތު އޮންނަ ކަމަށާއި ޕާޓީތަކުން ފޮނުވާ އޮޑިޓް ރިޕޯޓްތައް އާންމުގޮތެއްގަ ހަދާފަ ހުންނަނީ ރަނގަޅަށް ކަމަށެވެ.
ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމާއި ގުޅޭ އުސޫލާގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ފުއާދު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 35 ވަނަ މާއްދާގައި ބުނެފައިވަނީ ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ދޭން ޖެހޭ ފައިސާ ކޮންމެ އަހަރެއްގެ ފުރަތަމަ ތިންމަސް ނިމުމުގެ ކުރިން ދޭންވާނެ ކަމަށެވެ.
އަދި އެގޮތުން ދޫކުރެވޭ ފައިސާ އަކީ ދައުލަތުގެ ބަޖެޓުގެ 0.1 އިންސައްތަ އާއި 0.2 އިންސައްތައާއި ދެމެދުގެ އަދަދަކަށް ވާންޖެހޭނެ ކަމަށްވެސް ގާނޫނުގައި ބުނެފައިވާ ކަމަށްވެސް ފުއާދު ވިދާޅުވިއެވެ.
ސިޔާސީ ޕާޓީ ތަކުގެ ގާނޫނުގެ 34 ވަނަ މާއްދާގައި ބުނެފައިވަނީ ދައުލަތުގެ ބަޖެޓުން ދޭ ފައިސާގެ އެހީ ސިޔާސީ ޕާޓީތަކުގެ މެދުގައި ބަހާނީ ސިޔާސީ ޕާޓީގެ ދަފްތަރުގައި އެ ޕާޓީގެ މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީ ކުރެވިފައިވާ މެމްބަރުންގެ އަދަދުގެ ނިސްބަތުންނެވެ.
އެގޮތުން ރަޖިސްޓްރީވެފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން 10،000 މެމްބަރުން ހަމަނުވާ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ނުލިބޭނެ ކަމަށްވެސް ގާނޫނުގައި ބުނެއެވެ.
މީގެ އިތުރުން ސިޔާސީ ޕާޓީ ތަކުގެ ގާނޫނުގައިވަނީ ދައުލަތުގެ ބަޖެޓުންދޭ ފައިސާގެ އެހީ ސިޔާސީ ޕާޓީތަކުގެ މެދުގައި ބެހުމުގައި އިލެކްޝަނުން އަމަލު ކުރާނެ ގޮތްތައް ވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ފާއިތުވި އަހަރުގެ އޮޑިޓް ރިޕޯޓާއި، އަހަރީ ރިޕޯޓް ކޮމިޝަނަށް ހުށަހަޅާފއި ނުވާ ޕާޓީތަކަށާއި، އަދި ޕާޓީތަކުގެ މަގުސަދުތަށް ހާސިލް ކުރަން މަސައްކަތް ކޮށްފައިވާކަން އަހަރީ ރިޕޯޓުން ފެންނަން ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނަށް ފާހަގަވާ ޕާތީތަކަށް ފައިސާ ނުދީ ހިފެހެއްޓިދާނެ ކަމަށްވެސް ގާނޫނުގައި ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ