އައު ސިޔާސީ ފަލްސަފާއެއް އުފެއްދުމުގެ ފުރުސަތު ރާއްޖޭގައި އެބައޮތް: އަބްދުﷲ ކަމާލުއްދީން

އައު ސިޔާސީ ފަލްސަފާއެއް އުފެއްދުމުގެ ފުރުސަތު ރާއްޖޭގައި އެބައޮތްކަމަށް ކުރީގެ ހޯމް މިނިސްޓަރ، އަބްދުﷲ ކަމާލުއްދީން ވިދާޅުވެއްޖެއެވެ.
އަބްދުﷲ ކަމާލުއްދީން މިފަދައިން ވިދާޅުވީ، ވީޓީވީގެ "ގޮނޑިކޮޅު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުނެވެ.
އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ ވިސްނުން ލިބިވަޑައިގެންނެވީ، ގައުމުގެ ހާލަތަށް ދިމާވެދާނެ ގޮތްތަކަކާއި މެދު ވިސްނަވައި، ރާއްޖެއަށް އައު ސިޔާސީ ފަލްސަފާތަކެއް ބޭނުންވާ ކަމަށް ދެކެވަޑައިގެން ކަމަށް އަބްދުﷲ ކަމާލުއްދީން ވިދާޅުވިއެވެ.
އަދި އެމަނިކުފާނު އުފައްދަވަން މަސައްކަތް ކުރައްވާ ޕާޓީ އުފެއްދެވުމުގައި އުޅުއްވަނީ ސިޔާސީގޮތުން މާބޮޑަށް ފެންނަން ބޭނުންފުޅުވާ ބޭފުޅުން ނޫން ކަމުގައިވިޔަސް، ގާބިލް ބޭފުޅުން އެމަނިކުފާނާއެކު ޕާޓީ އުފެއްދެވުމުގެ މަސައްކަތުގައި އުޅުއްވާ ކަމަށް ވެސް ވިދާޅުވިއެވެ.
އަބްދުﷲ ކަމާލުއްދީން އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވާފައި މިވަނީ މީގެކުރިން، ކުރީގެ ރައީސް މައުމޫން އަރިހުގައި ޑީއާރްޕީއާއި ޕީޕީއެމްގައި މަސައްކަތްކުރެއްވުމަށް ފަހު، ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެން، އެނބުރި ރައީސް މައުމޫންގެ އަރިހުގައި އެމްއާރްއެމްގައިވެސް މަސައްކަތް ކުރެއްވުމަށްފަހުއެވެ.
ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ ނިޔަތުގައި ކަމަށް ކަމާލުއްދީން ވިދާޅުވިއެވެ. ނަމަވެސް، އެމަނިކުފާނު ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންނެވީ ޕާޓީގެ އިންތިޚާބެއް ކާމިޔާބު ނުވުމުން ކަމަށް މީގެކުރިން ވާހަކަތައް ދެކެވިފައިވާ ކަމަށް ވިދާޅުވިއެވެ.
މިކަމާ ގުޅޭގޮތުން ކަމާލުއްދީން ވިދާޅުވީ، ޖުމްހޫރީ ޕާޓީއަށް ވަރަށް އިޙްތިރާމް ކުރައްވާ ކަމަށާއި، އެ ޕާޓީއަކީ ރަނގަޅު މުސްތަގުބަލެއް އޮތް ޕާޓީއެއް ކަމަށެވެ. އަދި، ޕާޓީގެ މެމްބަރުންވެސް ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްއަށް ވަރަށް ބޮޑަށް އިހްތިރާމް ކުރައްވާކަން ފާހަގަ ކުރެއްވިއެވެ.
ނަމަވެސް، ޖުމްހޫރީ ޕާޓީގައި ހުންނަވަން ޖެހިވަޑައިގެންނެވީ އެއްވެސް ކަމެއް ނުކޮށް ކަމަށާއި، ޕާޓީގެ އެޑްވައިޒަރަކަށް މަޑުކޮށްދެއްވުމަށް ގާސިމް އިބްރާހީމް އެދިވަޑައިގެންނެވި ނަމަވެސް، އިންތިހާބުން ނާކާމިޔާބު ވުމަށްފަހު އެޑައިޒަރަކަށް ހުންނެވި ކަމުގައިވިޔަސް ޕާޓީން ވަކިވާން ނިންމެވީ އިތުރަށް ކުރައްވާނެ މަސައްކަތެއް ފެނިވަޑައިނުގެންނެވުމުން ކަމަށް އަބްދުﷲ ކަމާލުއްދީން ވިދާޅުވިއެވެ.
އަބްދުﷲ ކަމާލުއްދީން އުފައްދަވަން މަސައްކަތް ކުރައްވާ "މޯލްޑިވްސް ސޮލިޑާރިޓީ ޕާޓީ" އާ ބެހޭގޮތުން ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ޕާޓީގެ މެމްބަރޝިޕް އެކުލަވާލުމުގެ މަސައްކަތް އަދި ނުފައްޓަވާ ކަމަށާއި، އެހެންނަމަވެސް، ޝައުގުވެރިކަން ހާމަކުރައްވާފައިވާ ބޭފުޅުން އެބަ ތިއްބެވި ކަމަށާއި، ކުރިއަށް އޮތްތަނުގައި ޕާޓީއަށް ސޮއިކުރައްވާ ބޭފުޅުންވެސް ފެނިވަޑައިގަންނަވާނެ ކަމަށެވެ.
ކަމާލުއްދީން އިތުރަށް ވިދާޅުވީ، މި ހިނގާ އޮގަސްޓްމަހުގެ ތެރޭގައި ޕާޓީ ލޯންޗް ކުރެވިގެންދާނެ ކަމަށާއި، އެއަށްފަހު ޕާޓީގެ ވިސްނުން ހުރިގޮތާއި ފިކުރާއި، ފަލްސަފާ އާންމުވެގެން ދާނެ ކަމަށެވެ.
އެމަނިކުފާނު އުފައްދަވަން މަސައްކަތް ކުރައްވާ ޕާޓީގެ އިސް މަގާމަކަށް ވަޑައިގަންނަވާނަންތޯ ސުވާލު ކުރުމުން އަބްދުﷲ ކަމާލުއްދީން ވިދާޅުވީ، އެކަން ބިނާވެފައި އޮންނާނީ ރައްޔިތުންގެ ތާއީދުގެ މައްޗަށް ކަމަށާއި، ޕާޓީގެ ކައުންސިލް އެކުލަވާލުމަށްފަހު ކައުންސިލްގެ މަގާމަކަށް ވާސިލް ވެވިއްޖެނަމަ އެކަން ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ތަފާތު ވިސްނުމުގެ މީހުން ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރެއަށް ގެނެސް، ގިނަ ޕާޓީތައް އުފެދި، ކޯލިޝަންތައް އެކުލަވާލެވިއްޖެނަމަ ދައުލަތް ހިންގުމުގެ ނިޒާމު ރަނގަޅުވެގެންދާނެ ކަމަށް ދެކިވޑައިގަންނަވާ ކަމަށާއި، އެގޮތުން، އެއްބަޔަކު އަނެއްބަޔަކު ދެނެގަންނަން ފަސޭހަވެ، އެކަމުގެ ސަބަބުން މިހާރު ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާ މިންވަރު ކުޑަވެގެންދާނެ ކަމަށްވެސް އަބްދުﷲ ކަމާލުއްދީން ވިދާޅުވިއެވެ.
މީގެއިތުރުން، ސިޔާސީ ބޭފުޅުންނާއި، ދައުލަތުގެ މުއައްސަސާ ތަކާމެދު ރައްޔިތުންގެ މެދުގައި އޮންނަ އިތުބާރު ގެއްލުނީ، އެ މަގާމްތަކުގައި ތިއްބަވާ ބޭފުޅުން އަމަލުކުރައްވާ ގޮތުންކަން ފާހަގަ ކުރައްވާ ކަމާލުއްދީން ވިދާޅުވީ، ކޮންމެ ޕާޓީއަކާއި، ކޮންމެ މުއައްސަސާއެއްގައި ތިއްބަވާ ބޭފުޅުންވެސް އެ އިތުބާރު އަލުން ލިބޭނެ ގޮތަށް މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
އެ މަސައްކަތް ކުރަންޖެހޭނީ ހުރިހާ ބޭފުޅުންވެސް އެއްބަސްވާ އުސޫލްތަކެއްގެ މަތީން ކަމަށް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ