މައްސަލަ ބައްލަވާ ގާޒީ ޗުއްޓީގައި ހުންނެވުމުން ލަމްހާގެ ބަންދަށް 10 ދުވަސް
އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސްގެ ނަރުހަކު މަރާލި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި ދިވެހި ނަރުސް ހަލީމަތު ލަމްޙާ އަބްދުއްރަހްމާނުގެ ބަންދަށް ކުރިމިނަލް ކޯޓުން އިތުރު ދިހަ ދުވަސް ޖަހައިފިއެވެ. އެނގިފައިވާ ގޮތުގައި މައްސަލަ ބައްލަވާ ގާޒީ ޗުއްޓީގައި ހުންނެވުމުން ލަމްހާގެ ބަންދާމެދު ގޮތެއް ނިންމެވީ އެހެން ގާޒީއެކެވެ. ނަރުސް މޭރީ މަރާލި މައްސަލައިގައި ދެން ހައްޔަރުކުރީ އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސްއެވެ. އޭނާ އަކީ ވެސް އައިޖީއެމްއެޗުގައި މަސައްކަތްކުރާ ނަރުހެކެވެ. އެ މައްސަލައިގެ ތުހުމަތުގައި މާވިން ހައްޔަރުކުރީ މިދިޔަ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހުއެވެ. އަދި ލަމްހާ ހައްޔަރުކުރީ ޑިސެމްބަރު 16 ވަނަ ދުވަހުއެވެ. އެ މައްސަލައާ ގުޅިގެން މާވިންގެ މައްޗަށް ވަނީ އެނގިހުރެ މީހަކު މެރުމުގެ ދައުވާ އުފުލައިފައެވެ. އަދި ލަމްހާގެ މައްޗަށް ވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އުފުލައިފައެވެ. އެ ދައުވާގެ އިތުރުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާ ވެސް ވަނީ އުފުލައިފައެވެ. ލަމްހާގެ މައްޗަށް އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ދައުވާ އުފުލީ ލަމްހާ ދިރިއުޅުނު ކޮޓަރި ބަލައި ފާސްކުރިއިރު ހޮސްޕިޓަލުން ބޭރަށް ގެންދިޔުން މަނާ، އަދި އައިޖީއެމްއެޗްގެ ބޭނުމަށް އެކަނި ދޫކުރެވޭ އިންޖެކްޝަންތަކެއް ފެނިފައިވާތީއެވެ. ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާ އުފުލީ ލަމްހާ ދިރިއުޅުނު ކޮޓަރި ބަލައި ފާސްކުރި އިރު، ހޮސްޕިޓަލް އަދި ފަރުވާދޭ މަރުކަޒުތަކުގެ ބޭނުމަށް އެކަނި ދޫކުރެވޭ ބާވަތުގެ ބޭސްތަކެއް ފެނިފައިވާތީއެވެ. މާވިންގެ މައްޗަށް ކުރި ދައުވާ ސާބިތުވެއްޖެނަމަ އަންނާނީ 10 އަހަރުގެ ޖަލު ހުކުމެކެވެ. އަދި ލަމްހާގެ މައްޗަށް ކުރި ދައުވާތައް ސާބިތުވެއްޖެނަމަ ހަ އަހަރަށްވުގެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އަންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ