ކުރިއަށް އޮތް ރިޔާސީ އިންތިހާބު ރައީސް އަބްދުﷲ ޔާމީނާއި، ރައީސް މުހައްމަދު ނަޝީދާއި ދެ ބޭފުޅުންގެ އަތްމައްޗަށް ދޫކޮށްލައިގެން ނުވާނެ ކަމަށާ ގައުމާއި ރައްޔިތުންނަށްޓަކައި ތިންވަނަ ކެންޑިޑޭޓެއް އިންތިހާބުގައި ވާދަކޮށް ކާމިޔާބު ހޯދަންޖެހޭ ކަމަށް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ވީޓީވީން ރޭ ގެނެސްދިން ފަސްމަންޒަރު ޕްރަގްރާމްގައި ވާހަކަ ދައްކަވަުން އުމަރު ވިދާޅުވީ ރިޔާސީ އިންތިހާބު ރައްޔިތުން ތަޖުރިބާކޮށްފައިވާ ދެ ބޭފުޅެއްގެ އަތްމައްޗަށް ދޫކޮށްލައިގެން ނުވާނެކަމަށާ އެއީ ގައުމާއިމެދު ވިސްނަވާ ލީޑަރުން މިއަދު ވިސްނަންޖެހޭކަމެއްކަމަށެވެ.
ތިންވަނަ ކެނޑިޑޭޓެއްގެ ގޮތުގައި ރައީސް ޔާމީނާއި، ރައީސް ނަޝީދާއި ވާދަކުރައްވަން ތައްޔާރަށް ހުންނެވި ކަމަށާ ތިންވަނަ ކެނޑިޑޭޓެއް ނެރުމަށް މި ދެބޭފުޅުންނަށް ތާއީދު ނުކުރާ ސިޔާސީ ބޭފުޅުންގެ ތާއީދު ބޭނުންވާ ކަމަށްވެސް އުމަރު ވިދާޅުވި އެވެ.
މިހާތަނަށް ކޮންމެ އިންތިހާބެއްގައިވެސް ރައްޔިތުންނަށް ނިންމަންޖެހުނީ ވަރަށް އުދަގޫ ނިންމުންތަކެއް ކަމަށާ އިންތިހާބުގައި ރަނގަޅު ނޫން ދެ ކެންޑިޑޭޓުން ދެއްކުމަކީ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު މާޔޫސްކަމެއް ކަމަށްވެސް އުމަރު ވިދާޅުވި އެވެ.
"2013ގެ ރިޔާސީ އިންތިހާބުގައިވެސް ރައްޔިތުން ވޯޓްލާން ނިކުތް އިރު ފެންނަން މިއޮތީ ދެ ބޮން. ދެން ކިހިނެތްތޯ ގޮތް ނިންމާނީ. އިނގޭ މިވެސް ބޮމެއްކަން އަދި އެވެސް ބޮމެއްކަން. ދޭތިވެސް ގޮވާނީކަން." ރައީސް ޔާމީނާއި ރައީސް ނަޝީދަށް އިޝާރަތް ކުރައްވާ އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ރިޔާސީ އިންތިހާބުގައި އޭނާގެ ނަން އޮންނާނެ ކަމަށާ އަދި އެ އިންތިހާބުގައި ރައްޔިތުންނަށް ފެންނާނެ އެންމެ ރަނގަޅު ކެންޑިޑޭޓަކަށް ވާނީ އޭނާ ކަމަށެވެ. އަދި ކުރިން ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކޮށް ރިޔާސީ ރޭހަށް ނިކުންނަން ކުރި މަސައްކަތް ބަދަލުކުރީ ރައީސް ޔާމީންގެ ބާރުވެރިކަމުގައި ޕާޓީ ހިންގާއިރު، އިންސާފުވެރި ޕްރައިމަރީއެއް ނުބޭއްވޭނެތީ ކަމަށް އުމަރު ވިދާޅުވި އެވެ.
"މި ނިންމުން ނިންމަންޖެހުނު ސަބަބު ވަރަށް ސާފު. ޔާމީން ފެކްޝަނުން ބާއްވާ ޕްރައިމަރީއެއް އިންސާފުވެރި ނުވާނެކަަން މިއަދު އެންމެ ކުޑަކުއްޖާއަށްވެސް އިނގޭނެ،" އުމަރު ވިދާޅުވި އެވެ.
ކުރީގެ ހޯމް މިނިސްޓަރު އުމަރު ވިދާޅުވީ ރައީސް ނަޝީދާއި އަދި ރައީސް ޔާމީން ވެސް ވެރިކަމަށް ގެންނަން ދެން ދުވަހަކުވެސް އޭނާ ތާއީދު ނުކުރައްވާނެ ކަމަށާ އެއީ ދިވެހި ރައްޔިތުން ޓެސްޓް ކޮށްފައިވާ ރަނގަޅު ނޫން ދެ ބޭފުޅުން ކަމަށެވެ.
"އަޅުގަނޑު ދުވަހަކުވެސް އެ ދެބޭފުޅުން ވެރިކަމަށް ގެނައުމަށް އިނގިއްޔެއްވެސް ހިއްލާ ނުލާނަން. އެއީ ހަމަ ދެ ބޮން. ދެ ބޮންވެސް ގޮވާނީ. ބޮމަކީ ނުރައްކާތެރި އެއްޗެއް،" އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެއް ކެންޑިޑޭޓަކު ނެރުމަކީ ވަރަށް ރަނގަޅު ފޯމިއުލާއެއް ކަމަށެވެ. ނަމަވެސް އެ ބޭފުޅަކީ ނަޝީދަށް ވެގެން ނުވާނެ ކަމަށާ ނަޝީދަކީ މީގެކުރިން ވަރަށް ހަޑިކޮށް ވެރިކަން ކުރައްވާ ފެއިލްވެފައިވާ ބޭފުޅެއް ކަމަށެވެ.
ނަޝީދާއި ރައީސް ޔާމީނަށްވެސް ދިމާވީ އެއް މައްސަލައެއް ކަމަށާ އެއީ ދެ ބޭފުޅުންގެ ކިބައިގައި އިހްލާސްތެރިކަމެއް ނެތުން ކަމަށް އުމަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ ކޯލިޝަނެއްގެ ތެރެއިން ވެރިކަމަށް އައި ދެ ބޭފުޅުންނަށްވެސް އެކުގައި އެހީތެރިވެދިން ބައިވެރިންނާއިއެކު ވެރިން ނުކުރެވުނީ އިހްލާސްތެރިކަން ނެތުމުން ކަމަށެވެ.
އުމަރު ވިދާޅުވީ އޭނާ ކެމްޕޭން ފެށީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ނަމަވެސް ކޯލިޝަނެއްގެ ތެރެއިން އިންތިހާބުން ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި އޭނާ ނިކުންނަ ޓީމެއްގައި ވަރުގަދަ ބޭފުޅުން ތިއްބަވާނެ ކަމަށާ އެއީ ޔަގީންކަމެއް ކަމަށްވެސް ވިދާޅުވި އެވެ.
"އަދި ބަދަލުވާނެ ދެއްތޯ ވަރަށް ގިނަ ކަންކަން. އަޅުގަނޑު ވެދާނެ ޕީީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަށްވެސް. ޖޭޕީގެ ރިޔާސީ ކެންޑިޑޭޓަށްވެސް. އަދި އަދާލަތު ޕާޓީގެ ކެންޑިޑޭޓަށްވެސް. ނުވަތަ ކޯލިޝަން ކެންޑިޑޭޓަކަށްވެސް،" އުމަރު ވިދާޅުވި އެވެ.
ދާދިފަހުން އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅަކީވެސް އެފަދަ ބޭފުޅުންގެ ތާއީދު ހޯދުމަށް ކުރެއްވި ދަތުރުފުޅެއް ކަމަށް އުމަރު ވިދާޅުވި އެވެ. އެ ދަތުރުގައި ބައްދަލުކުރެއްވީ އެމްއޯޔޫގެ އިސް ބޭފުޅުންނާއި ނޫން ކަމަށާ އެމްއޯޔޫ އަކީ ހަމައެކަނި ނަން ފިލާގަނޑެއް ކަމަށެވެ. އޭނާ ބޭނުންވަނީ އެމްއޯޔޫގެ ތާއީދު ނޫން ކަމަށާ ބޭނުންވަނީ އޭގައި ތިބި ގައުމަށް ހެޔޮއެދޭ ލީޑަރުންގެ ތާއީދު ކަަމަށްވެސް ވިދާޅުވި އެވެ.
"އެމްއޯޔޫއަކީ ނަޝީދު އޭނާގެ ސިޔާސީ މަގުސަދެއް ހާސިލުކުރަން އުފެއްދި އިއްތިހާދެއް. އެއީ ހަމައެކަނި ނަން ފިލާގަނޑެއް ދެއްތޯ. އަޅުގަނޑު މި އުޅެނީ އެމްއޯޔޫގެ ތާއީދު ހޯދާކަށް ނޫން. އަޅުގަނޑު ބޭނުންވަނީ އެމްއޯޔޫގައި ތިބި ބޭފުޅުންގެ ތާއީދު،" އުމަރު ވިދާޅުވި އެވެ.
އުމަރު އިތުރަށް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި އެމްޑީޕީވެސް ހިމެނޭ ގޮތަށް ގައުމުގައި ހެޔޮވެރިކަމެއް ގާއިމުކޮށް، އަދުލުވެރި އިހްލާސްތެރި ވެރިކަމެއް ގާއިމުކުރައްވާނެ ކަމަށެވެ.
ފުރުސަތު އޮތީ ތިންވަނަ ކެންޑިޑޭޓަކަށް: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ