އާ ދެ އިންޖީނު ގުޅުމަށް މާދަމާ އައްޑޫން ކަރަންޓް ކަނޑާލަނީ

މުހިއްމު މަސައްކަތްތަކެއް ކުރުމަށް އައްޑޫ ސިޓީން މާދަމާ ހަތް ގަޑިއިރަށް ކަރަންޓް ކަނޑާލަން ނިންމައިފިއެވެ.
މިކަން އަންގައި ފެނަކަ ކޯޕަރޭޝަނުން އައްޑޫގެ ގެތަކަށް ފޮނުވި ނޯޓިސްގައި ބުނެފައިވަނީ ކަރަންޓު ކެނޑުމަށް ހަމަޖެހިފައިވަނީ އައްޑޫގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް ގުޅިފައިވާ ރަށްރަށަށް ކަރަންޓު ދެމުންގެންދާ ސެންޓްރަލް ޕަވަރހައުސްގެ ޕެނަލް އަޕްގްރޭޑް ކުރުމަށާއި އަދި އަލަށް ގެނައި ދެ އިންޖީނު ކަރަންޓުވިއުގަށް ގުޅުމުގެ މަސައްކަތް ކުރުމަށްޓަކާ ކަމަށެވެ.
އެގޮތުން ކަރަންޓު ކެނޑުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 9:00 އިން ހަވީރު 4:00 އާއި ހަމައަށް ކަމަށް ފެނަކަ އިން ބުނެފައެވެ.
"ކަރަންޓް މެދުކެނޑިފައި އޮންނަ ވަގުތުތަކުގައި ތިޔަ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް މައާދަށް އެދެން" ފެނަކައިން ބުނެއެވެ.
އައްޑޫ އަކީ މާލެސިޓީ ނެގުމަށްފަހު އެންމެ ރާއްޖޭގެ އެންމެ އާބާދީ ބޮޑު އަތޮޅު ކަމަށްވާއިރު އައްޑޫ އަކީ ރާއްޖޭގައި އެންމެ ބޮޑަށް ކަރަންޓުގެ މައްސަލަ ދިމާވާ އެއް އަތޮޅެވެ.
މި މައްސަލަ އަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން އިތުރު ޖަނަރޭޓަރުތައް ހޯދަން ނިންމާފައިވާކަން ފެނަކައިން ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބުނެފައެވެ.
މީގެއިތުރުން އައްޑޫ ސިޓީގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމުގެ ގޮތުން މިދިޔަ އަހަރު އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހު ވަނީ 37 މިލިަން ޑޮލަރު (570 މިލިއަން ރުފިޔާގެ) ބޮޑު މަޝްރޫއެއް ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޑޮންގްފަންގް އިލެކްޓްރިކްއާ ހަވާލުކޮށްފައެވެ.
މި މަޝްރޫއާ އެކު، ކުރިއަށް އޮތް 15 އަހަރަށް އައްޑު އަށް ބޭނުންވާ ކަރަންޓު އުފެއްދޭނެ ކަމަށް ސަރުކާރުން ބުނެއެވެ. ފެނަކައިގެ ބެލުމުގެ ދަށުން ޑޮންގްފަންގުން ކަރަންޓްގެ މަޝްރޫއު ކުރިއަށް ގެންދާ އިރު، އެ ނިމުމުން އައްޑޫގެ ކަރަންޓްގެ ކެޕޭސިޓީ 36 މެގަވޮޓަށް އިތުރުވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ