ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެމްބަރު ކަމަށް އަލްއުސްތާޛު ޢަލީ ސަމީރު އައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް، މައްޗަން ގޮޅި ވޭސައިޑް ފްލެޓް 610، އަލްއުސްތާޛު ޢަލީ ސަމީރު މިއަދު ޢައްޔަން ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ، އަލްއުސްތާޛު ޢަލީ ސަމީރު އެމަގާމަށް މި ހަމަޖެއްސެވީ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ނ) އާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިޚާބުކުރާ ފަނޑިޔާރެއްގެ ހައިސިއްޔަތުންނެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަން ކުރެއްވުމުގެ ކުރިން، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، އަލްއުސްތާޛު ޢަލީ ސަމީރު، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ. އަލްއުސްތާޛު ޢަލީ ސަމީރަށް ހުވައިލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދެވެ.
މިރަސްމިއްޔާތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ، އަލްއުސްތާޛު ޢަލީ ސަމީރާ ވަނީ ޙަވާލުކުރައްވާފައެވެ.
ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ 3 ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް، ފަނޑިޔާރު އަލްއުސްތާޛު ޢަލީ ސަމީރު އިންތިޚާބުކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.
އަލްއުސްތާޛު ޢަލީ ސަމީރަކީ މިޞްރުގެ އަލްއަޒުހަރު ޔުނިވަރސިޓީ އިން ޝަރީޢަތާއި ޤާނޫނުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލު ކުރެއްވުމަށްފަހު، މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން ކޮމްޕަރޭޓިވް ލޯ އިން މާސްޓަރސް ޑިގްރީ ޙާޞިލު ކުރައްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނު އަދާކުރައްވާފައިވާ މަޤާމުތަކުގެ ތެރޭގައި ޖިނާއީ ކޯޓުގެ ސެކްރެޓެރީކަމާއި، މަދަނީ ކޯޓުގެ ސީނިއަރ އެޑްމިން އޮފިސަރކަމާއި، މަދަނީ ކޯޓުގެ ޤާޟީކަމާއި، މަދަނީކޯޓުގެ އިސް ޤާޟީކަމާއި، ސިވިލްކޯޓުގެ އިސް ޤާޟީކަން ހިމެނެއެވެ.
އެމަނިކުފާނު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަނުކޮށް މަޤާމުގެ ހުވާ ކުރައްވާފައިވަނީ 2011 މާރޗް 26 ވަނަ ދުވަހުއެވެ.
ފަނޑިޔާރު އަލްއުސްތާޛު ޢަލީ ސަމީރު، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އިންތިޚާބުކުރީ، ކުރިން އެ މަގާމުގައި ކުރިން ހުންނެވިފަނޑިޔާރު، އަލްއުސްތާޛު ޢަބްދުއްރައޫފު އިބްރާހިމް، 1 ޑިސެމްބަރު 2019 ވީ އާދިއްތަ ދުވަހު ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުން އިސްތިއުފާ ދެއްވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ