ހއ. އަތޮޅު 14 ރަށުގެ ކަރަންޓުގެ ނިޒާމް ސޯލާ ހައިބްރިޑް ނިޒާމަށް ބަދަލުކުރަނީ

ހއ. އަތޮޅުގައި މީހުން ދިރިއުޅޭ 14 ރަށުގެ ކަރަންޓުގެ ނިޒާމް ހައިބްރިޑް ސިސްޓަމްތަކަކަށް ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފި އެވެ.
ހައިބްރިޑް ސިސްޓަމަކީ ޑީސަލް ޖެނެރޭޓަރާއި އިރުގެ އަލިން ހަކަތަ އުފައްދާ ސިސްޓަމެކެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ކުރިއަށް އޮތް އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އިއުލާނުގައި ބުނެފައިވަނީ މިމަޝްރޫއުގެ މަސައްކަތް ނިމުމުން ހއ. އަތޮޅުގެ ރަށްތަކުގެ ޑީސަލް ޕަވާ ޕްލާންޓްތައް އޮޓޮމޭޓް ކުރެވި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ ހައިބްރިޑް ސިސްޓަމްތަކަކަށް ބަދަލުކުރެވޭނެ ކަަމަށެވެ. މިކަމުގެ ސަބަބުން ތެލަށް ކުރާ ހަރަދު ކުޑަވެ ކަރަންޓް ޔަގީންކަމާއެކު ފޯރުކޮށްދެވޭނެ ކަމަށް އިއުލާންގައިވެ އެވެ.
މި އިއުލާންގައި ބުނެފައިވަނީ މި މަޝްރޫއުގެ ދަށުން ށ، ނ، ޅ، ކ، އދ، އަދި ވ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފައްދަން ހަދަން ޖެހޭ ދިރާސާތަކުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. މީގެއިތުރުން ގއ. އާއި ގދ. އަދި އއ. އަތޮޅުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފައްދަން ހަދަން ޖެހޭ ދިރާސާތަކުގެ މަަސައްކަތް މާދަމާ ފެށުމަށް ހަމަޖެހިފައިވާ ކަމަށްވެސް އިއުލާންގައިވެ އެވެ.
އިއާދަކުރަނިވި ހަކަތައިން ކަރަންޓް އުފައްދާ ހައިބްރިޑް ނިޒާމްތަކެއް 2014 އަދި 2015 ވަނަ އަހަރު ހަތް ރަށެއްގައި ވަނީ ގާއިމުކޮށްފައިވާއިރު މި އަހަރުގެ ތެރޭގައި އދ. ދިއްދޫއާއި ވ. ރަކީދޫގައި މިފަދަ ނިޒާމެއް ގާއިމުކޮށް މިހާރު ވަނީ ހިދުމަތް ދޭން ފަށާފަ އެވެ. އަދި ބ. ގޮއިދޫ، ޅ. ކުރެންދޫ، ތ. ބުރުނީ، ގއ. ވިލިނގިލި އަދި އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުގައި ވެސް ސޯލާ ޕެނަލް ހަރުކޮށްގެން ކަރަންޓު އުފެއްދުމަށް ކުރަންޖެހޭ މަސައްކަތުގެ ބޮޑު ބައި މިހާރު ނިމިފައިވާ ކަމަށްވެސް އެންވަޔަރަންމަންޓް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެ ރަށަށް ދުވާލު ގަޑީގައި ބޭނުންވާ ކަރަންޓުގެ އެންމެމަތީ ލޯޑުގެ 30 ޕަސެންޓަށް ވުރެ މަދުނުވާ މިންވަރަކަށް އިއާދަކުރަނިވި ހަކަތައިގެ ވަސީލަތް މެދުވެރިކޮށް 2018 ވަނަ އަހަރުގެ ނިޔަލަށް ކަރަންޓް ފޯރުކޮށްދިނުމަކީ މިސަރުކާރުގެ ސިޔާސަތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ