ކޮންމެ މަންޒަރެއް ދެއްކިޔަސް ރައްޔިތުން ތިބީ އަނިޔާވެރިކަމާ ދެކޮޅަށް ކަަމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓާއި ރަނިންމޭޓަށް ތާއީދު ހޯއްދެވުމަށް ހއ، ހދ އަދި ށ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ހދ.ހަނިމާދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އައިޝާ ވިދާޅުވީ ސެޕްޓެމްބަރު 23 އަކީ އަޅުގަނޑުމެންގެ ހަޔާތަށް އަންނަ ވަރަށް މުހިންމު ދުވަހެއް ކަމަށެވެ. ފަރުދީ ޒިންމާއާއި ފަރުދީ ހައްގުތަކެއް އުފުލަންޖެހޭ ދުވަހެއް ކަމަށާއި އެހެންކަމުން ރައްޔިތުންގެ ބޮލުގައި އެޅިފައިވާ ހައްގު އެދުވަހު ފުރިހަމައަށް އަދާކުރުމަށް ގޮވާލައްވާ ކަމަށެވެ.
އައިޝާ ވިދާޅުވީ އިއްތިހާދުން މަސައްކަތް ކުރަނީ ގައުމުގެ އިސްލާހަށް ކަމަށާއި އެއީ އެތައް ރައްޔިތުންނެއްގެ ބުރަ މަސައްކަތް ކަމަށެވެ. އަނިޔާއާ ދެކޮޅަށް ކުރާ މަސައްކަތުގައި ރައްޔިތުން ސާބިތުވެ ތިބެންޖެހޭ ކަމަށާއި ވަށައިގެން ކޮންމެ މަންޒަރެއް ދެއްކިޔަސް ރައްޔިތުން ތިބީ އަނިޔާއާ ދެކޮޅަށް ކަމަށް އައިޝާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ކުޑަކުދިންނާއި ޖީލުތަކަށް އަމާން ވެއްޓެއް ގާއިމުކުރުމަށްޓަކައި ކެންޑިޑޭޓް ނަމްބަރު ދޭއް އިބްރާހީމް މުހައްމަދު ސޯލިހަށް ވޯޓު ދެއްވާ. މިއީ އަޅުގަނޑުގެ އެކަނި ނުވަތަ ތިބޭފުޅުންގެ އެކަނި މަސައްކަތެއް ނޫން. މިއީ އިސްލާހަށް ކުރެވޭ، އަނިޔާއާ ދެކޮޅަށް ކުރެވޭ ވަރަށް ބޮޑު މަސައްކަތެއް. މިއަދު ފައިތިލަ ސާބިތުކޮށް މިކަން ކާމިޔާބު ނުކޮށްފިނަމަ މާދަމާ ހިތާމަކުރަން ޖެހޭނެ. ވަށައިގެން މިއިވޭ އަޑުތަކާއި ޖަހާ ލަވަތަކުން ކޮންމެ މަންޒަރެއް ފެނުނަސް އަޅުގަނޑުމެން މިތިބީ އަނިޔާއަށް ނޫނެކޭ ބުނަން" އައިޝާ ވިދާޅުވިއެވެ.
އައިޝާ ވިދާޅުވީ ދިވެހި ރައްޔިތުންނަކީ އަނިޔާ ތަހަންމަލް ކުރާނެ ބައެއް ނޫން ކަމަށާއި އަނިޔާއާ ދެކޮޅަށް ދޫނުދީ މަސައްކަތް ކުރާނެ ކަމަށެވެ. ރައްޔިތުންގެ ކެންޑިޑޭޓު ހޮވުމަށް ސެޕްޓެމްބަރު 23 ގެ ހެނދުނު ހެނދުނާ ވޯޓުލުމަކީ އެކަމަނާއާއި ފިރިކަލުން ގާސިމް އިބްރާހީމްގެ ވަރަށް ބޮޑު އެދިވަޑައިގަތުމެއް ކަމަށް އައިޝާ ވިދާޅުވިއެވެ.
އައިޝާ ވިދާޅުވީ ހެނދުނު ވޯޓުނުލައިފިނަމަ ވޯޓުލުމުގެ ފުރުސަތު ނުލިބިދާނެ ކަމުގެ ބިރު މިހާރު ވަރަށް ބޮޑު ކަމަށެވެ. ވޯޓު އޮޅުވާލާނެ ވާހަކައާއި ހަމަނުޖެހުން ހިންގާނެ ކަމުގެ ވާހަކަ ފަދަ އެތައް ވާހަކައެއް ދެކެވެމުން ދިޔަ ނަމަވެސް އެފަދަ ކަމަކަށް ފުރުސަތު ނުދޭނެ ކަމަށެވެ. ހައްގު ހޯދުމަށް ރައްޔިތުން ތިބީ ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން އަދި ދާން ޖެހުނު ކޮންމެ ތާކަށް ދިޔުމަށް ތައްޔާރަށް ކަމަށް ވިދާޅުވިއެވެ.
"އަނިޔާގެ ވާހަކަ ދައްކާއިރު އަޅުގަނޑު ފަށާނީ އަޅުގަނޑާ ހަމައިން. އަޅުގަނޑުގެ 10 އަހަރުން ދަށުގެ ހަ ކުދިންގެ ރުއިމުގެ އަޑުން. އެކުދިންގެ ބައްޕަ މިއަދު އެކުދިން ކައިރީ ނެތުމުން އެކުދިން އެކުރާ ހިތާމަ، އެހެން މަޔަކު އަދި އެހެން ބަފަޔަކު، އަދި އެހެން އާއިލާއަކުން ތަހަންމަލް ކުރަން އަޅުގަނޑު ބޭނުމެއް ނޫން. ފިސާރި ކެރިގެން ޖޯޝާއި ފޯރީގައި ނުކުމެ ރައްޔިތުން އިބޫއަށް ވޯޓު ދެއްވާ" އައިޝާ ވިދާޅުވިއެވެ.
އައިޝާ ވިދާޅުވީ ރައްޔިތުންގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހަކީ ހިތްތިރި، ސާދާ ބޭފުޅެއް ކަމަށާއި ޖަޒީރާ ދިރިއުޅުމުގެ ތެރެއިން ވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށެވެ. އަތޮޅުތަކުގެ ރައްޔިތުންގެ އިހުސާސް އެއަށްވުރެ ރަގަޅަށް އެނގިވަޑައިގަންނަވާނެ ބޭފުޅަކު ނެތް ކަމަށެވެ. މިސަބަބަށްޓަކައި ވެސް އެމަނިކުފާނަށް ވޯޓު ދޭންޖެހޭ ކަމަށް ވިދާޅުވިއެވެ.
މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ ވިދާޅުވީ ހަނިމާދޫ ރައްޔިތުންގެ އުންމީދަކީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ޚިދުމަތްތައް ފުޅާވެ، ސިޓީ ހޮޓަލާއި ފަތުރުވެރިކަން ފުޅާވެ، ބޭރުގެ އެހެނިހެން ގައުމުތަކުން އެއާޕޯޓަށް ދަތުރު ފެށުން ކަމަށެވެ. އިއްތިހާދުގެ ކެންޑިޑޭޓު ވަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ބޭރުގެ ފްލައިޓްތައް ޖައްސައިދޭނެ ކަމަށް ވައުދުވެވަޑައިގެންފައި ކަމަށާއި އަދި މިއީ މުޅި ބޮޑު ތިލަދުންމައްޗަށް ކުރެއްވި ވައުދެއް ކަމަށް ޝަހުދީ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ މިރަށަށް ދިމާވެފައި ހުރި މައްސަލަތައް ހައްލުކުރާނެ. އަދި މުޅި ގައުމަށް ދިމާވެފައި ހުރި މައްސަލަތައް ވެސް ހައްލުކުރާނެ. އިޖުތިމާއީ ގޮތުން އަދި މާލީ ގޮތުން އަޅުގަނޑުމެންގެ ދަރިންގެ ދަރިން ދަރަނިވެރިވެގެން ނުދާނެ ގޮތަކަށް ހެދުމަށް މިފަހަރު ތިޔަ ހުރިހާ ރައްޔިތުން ވެސް އިބޫއާއި ފައިސަލަށް ވޯޓު ދެއްވާނެ ކަމަށް އުންމީދު ކުރަން" ޝަހުދީ ވިދާޅުވިއެވެ.
ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އަދި ޖޭޕީގެ ކައުންސިލް މެމްބަރު އާއިޝަތު ނަހުލާ އުތުރުގެ އަތޮޅުތަކަށް ކުރައްވާ މިދަތުރުފުޅުގައި ހަނިމާދޫއަށް ވަޑައިގަތުމުން އެކަމަނާއަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ހަނިމާދޫއަށްފަހު އެކަމަނާ ވަޑައިގަތީ ހދ.ކުޅުދުއްފުއްޓަށެވެ. އެރަށުން ވެސް ވަަރަށް ހޫނު މަރުހަބާއެއް ދެންނެވިއެވެ. މިރޭ އިއްތިހާދުގެ ޖަލްސާއެއް ވެސް ކުޅުދުއްފުށީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ކޮންމެ މަންޒަރެއް ދެއްކިޔަސް ރައްޔިތުން ތިބީ އަނިޔާވެރިކަމާ ދެކޮޅަށް: އައިޝާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ