މަކަރާ ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް ގިނަ. ރައްޔިތުން ސަމާލުވޭ - ފުލުހުން

ޒަމާނީ ވަސީލަތްތަކުގެ އެހީގައި މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް ގިނަ ވެފައިވާކަމަށާއި، މިކަމަށް ރައްޔިތުން ހޭލުންތެރިވެ ސަމާލުވުމަށް ފުލުހުން އިލްތިމާސް ކުރައްވައިފިއެވެ.
ޒަމާނީ ގޮތުން އައިސްފައިވާ ކުރިއެރުންތަކާއެކު ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ އެހީގައި ފައިސާ ނުވަތަ ވަކި މަންފާއަށް ހޯދައިދޭނެކަމަށްބުނެ މަކަރާއި ހީލަތުން ގިނަ ޢަދަދެއްގެ ފައިސާ މީސް މީހުންގެ އަތުން ހޯދާފައިވާ ތަފާތު އެތައް މައްސަލައެއް ފުލުހުންނަށް ހުށަހެޅި ފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މިފަދަ މައްސަލަތައް ފުލުހުން ތަހުގީގުކުރަމުން ދާކަމަށް ފުލުހުން ވިދާޅުވެއެވެ.
އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި، އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް މިހާރަކަށް އައިސް އިތުރުވަމުން އަންނަކަން ފާހަގަކުރެވިފައިވާއިރު ވޭތުވެދިޔަ ދިހަ ދުވަހުގެ ތެރޭގައި، މަކަރާއި ހީލަތުން ރީލޯޑް އަދި ރާސްޓަސްގެ ގޮތުގައި 26,600 އަށް ވުރެ ގިނަ ރުފިޔާއާއި އެކައުންޓް ޓްރާންސްފަރގެ ގޮތުގައި 90,625 ރުފިޔާ ޓްރާންސްފަރ ކޮށްފައިވާކަމަށް ފުލުހުން ހާމަކުރެއެވެ.
އެގޮތުން މީސްމީހުންނަށް ފޯނުން ގުޅައި ފޯނުން ކުރިއަށް ގެންދާ ކުއިޒެއްގައި ބައިވެރިވެވިފައިވާ ކަމަށް ބުނެ ތަފާތު އެކި ސުވާލުތައް ކުރިމަތި ކުރުވައި އަދި އިތުރަށް ކުރިއަށް ގެންދިއުމަށް، ކޮންމެވެސް ނަމްބަރަކަށް ރީލޯޑް ނުވަތަ ރާސްޓަސް ފޮނުވަންޖެހޭ ކަމަށް ނުވަތަ ވަކި އެކައުންޓަކަށް ފައިސާ ޖަމާކޮށްދިނުމަށް އެދިފައި ހުންނަކަން ފުލުހުންގެ ތަހުގީގުތަކުން އެނގިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
އަދި އެއްވެސް މީހެއްގާތުގައި ނުބުނުމަށާއި ފޯންކޯލްގައި ހުރެގެން ފައިސާ ޖަމާކޮށްދިނުމަށް މިފަދަ ފޯންކޯލްތަކުގައި އެދެމުންދާކަންވެސް ފުލުހުން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ސޯޝަލް މީޑިއާގެ ބައެއް ވަސީލަތްތައް ބޭނުންކޮށްގެންނާއި ފޯނުން ގުޅައިގެން ކްރެޑިޓް ކާރޑް ނުވަތަ ޑެބިޓް ކާރޑްގެ މަޢުލޫމާތު ހިއްސާކޮށްދޭން އެދެމުންދާކަމަށާއި، ކާރޑް ނަމްބަރާއި ސެކިއުރިޓީ ކޯޑް ފަދަ މުހިންމު މަޢުލޫމާތު ހޯދުމަށް އެދިފައި ހުންނަކަމަށް ފުލުހުން ހާމަކުރެއެވެ.
އެހެންކަމުން މިފަދަ ކަންކަމަށް ހޭލުންތެރިވެ މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އެއްވެސް ކުންފުންޏެއްގެ ނަމުގައި ޕްރޮމޯޝަނެއް ހިންގާކަމަށް ބުނެ ފޯނުކޯލެއް އަތުވެއްޖެނަމަ އެންމެ ކުޑަމިނުން އެ ފޯންކޯލު އައި ނަންބަރުގެ ސައްޙަކަން ދެނެގަތުމަކީވެސް ކުރެވިދާނެ ކަމެކެވެ. އަދި ޝައްކުވާފަދަ އެއްވެސް ކޯލެއް އައިސްފިނަމަ އެކަން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަކީވެސް މުހިންމުކަމެކެވެ. ހަމައެހެންމެ ހިންގާ އެއްވެސް ޕްރޮމޯޝަނެއްގައި ނުވަތަ ލަކީ ޑްރޯއެއްގައި ފޯނުން ގުޅައި ވަކި ޢަދަދަކުން ރީލޯޑްކޮށް ނުވަތަ ރާސްޓަސް ކޮށްދިނުމަށް ނުވަތަ އެކައުންޓަކަށް ފައިސާ ޖަމާކޮށްދިނުމަކަށް ނުވަތަ ކޭޝް ކާޑުގެ މުހިންމު މަޢުލޫމާތުތައް ހިއްސާކޮށްދިނުމަށް އެއްވެސް ކުންފުންޏަކުން ނޭދޭނެކަން ހަނދާނުގައި ބެހެއްޓުމަށް ފުލުހުން އިލްތިމާސްކުރައްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ