ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެކަމަށާއި، އެހެންކަމުން އެކަމަށް އާންމުން ސަމާލުވުމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރ، މެޓް އޮފީހުން ބުނެފިއެވެ.
މިއަދު ހެނދުނު 10 ން މާދަމާ ހެނދުނު 10 އަށް މޫސުން ބެލުމަށްފަހު މޫސުމާބެހޭ އިދާރާއިން ބުނީ، ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށާއި، ބައެއް ހިސާބުތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހޭނެކަމަށެވެ.
މިރޭ އުތުރާއި މެދު ތެރޭގެ އަތޮޅުތަކަށް ބޮޑަށް ވިއްސާރަ ކުރާނެކަމަށް މެޓް އޮފީހުން ލަފާކުރާއިރު، މާދަމާއާއި އަނެއް ދުވަހު ދެކުނުގެ އަތޮޅުތަކަށް ވިއްސާރަ ކުރާނެކަމަށް މެޓު އޮފީހުން މަޢުލޫމާތު ދެއެވެ.
"ލ. އަތޮޅުން ފެށިގެން ދެކުނުގެ އަތޮޅުތަކަށް އިރު ދެކުނާއި، ދެކުނުން ގަޑިއަކު 5 މޭލާ 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ. އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 8 މޭލާ 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ" މެޓް އޮފީހުން ބުނެއެވެ.
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ މައި އިދާރާއިން މަޢުލޫމާތު ދެއެވެ.
ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް، ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށް ލަފާކުރެވޭތީ ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކުރެއެވެ.
ކުރިއަށް އޮތް 3 ދުވަހު މޫސުން ގޯސް، ސަމާލުވޭ – މެޓް އޮފީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ