މި މަހު ނިއުޔޯކުގައި ބާއްވަން ރާވާފައިވާ ސުލްހައިގެ ކޮންފަރެންސެއް ފަލަސްތީނުގެ ދައުލަތެއް ވަގުތުން ބަލައިގަތުމަށް ނުނިންމާނެ ކަމަށް އިނގިރޭސިވިލާތުގެ ނޫހެއްކަމުގައިވާ 'ދަ ގާޑިއަން' އިން ބުނެފި އެވެ. ޑިޕްލޮމެޓުން ބުނާ ގޮތުގައި މިހާރު އަމާޒު ބަދަލުވެފައިވަނީ ކުރިއަށް އޮތްތަނުގައި ފަލަސްތީނުގެ ދައުލަތް ގަބޫލުކުރެވޭނެ ފިޔަވަޅުތަކެއް އެޅުމުގެ އެއްބަސްވުމަކަށް އައުމަށެވެ.
ޖޫން މަހުގެ 17 އިން 20 އަށް ބާއްވަން ހަމަޖެހިފައިވާ މި ކޮންފަރެންސަކީ ފްރާންސާއި އިނގިރޭސިވިލާތް ފަދަ ގައުމުތަކުން ފަލަސްތީން ރަސްމީކޮށް ބަލައިގަނެފާނެ މުހިންމު ވަގުތެއްގެ ގޮތުގައި ބެލެވިފައި އޮތް ކޮންފަރެންސެކެވެ. އެކަމަކު އެ ލަނޑުދަނޑި މިހާރު ވަނީ ލަސްވެފަ އެވެ.
ސައުދީ އަރަބިއްޔާއާއެކު މި ބައްދަލުވުން ކޯ ހޯސްޓް ކުރައްވާ ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ވަނީ ފަލަސްތީނުގެ ދައުލަތް ގަބޫލުކުރުމަކީ "އަޚްލާގީ ވާޖިބެއް އަދި ސިޔާސީ ޝަރުތެއް" ކަމަށް ވިދާޅުވެފައެވެ. އެކަމަކު ފްރާންސްގެ އޮފިޝަލުން މި ހަފްތާގައި އިސްރާއީލުގެ ވަޒީރުންނާ ބައްދަލުކޮށް ބުނެފައިވަނީ މި ކޮންފަރެންސް ޖޮއިންޓް ޑިކްލެރޭޝަނެއް ހެދުމަށް ބޭނުން ނުކުރާނެ ކަމަށެވެ.
އޭގެ ބަދަލުގައި ގައުމުތަކުން ސަމާލުކަން ދޭން ޖެހޭނީ ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ބޭނުންވާ ޝަރުތުތަކަށެވެ. އޭގެ ތެރޭގައި ގާޒާގައި ދާއިމީ ހަނގުރާމަ ހުއްޓާލުމާއި، ރަހީނުކޮށްފައިވާ އިސްރާއީލު މީހުން ދޫކޮށްލުމާއި، ފަލަސްތީނުގެ އޮތޯރިޓީ އިސްލާހުކުރުމާއި، އިގްތިސާދީ އެހީތެރިކަމާއި، ގާޒާގައި ހަމާސްގެ ވެރިކަން ނިމުމަކަށް ގެނައުން ހިމެނެ އެވެ.
ދެ ދައުލަތުގެ ހައްލަކަށް ބިންގާ އެޅުމަށް ފްރާންސާއި ސައުދީ އަރަބިއްޔާއިން ވަނީ އަށް ވޯކިން ގްރޫޕެއް އުފައްދާފަ އެވެ. އޭގެ ތެރޭގައި އިންސާނީ އެހީއާއި، އާރާސްތުކުރުމާއި، ބައިނަލްއަގްވާމީ ގާނޫނާއި، މިކަންތައްތަކާ ބެހޭ މައުލޫމާތު އާންމުކޮށް ހިއްސާކުރުމުގެ މަސައްކަތްތައް ހިމެނެ އެވެ.
އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ޖަމާއަތުގެ އިސްވެރިޔަކީ އިނގިރޭސިވިލާތެވެ. އެހެން ޖަމާއަތްތަކުން ދަނީ ސުލްހައިގެ ސަބަބުން ދެ ފަރާތަށް ވެސް ފައިދާ ކުރާނެ ގޮތްތައް ބަލަމުންނެވެ.
އެމެރިކާއާއި އިސްރާއީލުން މީގެކުރިން ކުރެވުނު މަޝްވަރާތަކުގައި ބައިވެރިވި ނަމަވެސް އެގައުމުން ތިބީ ހިމޭންވެފަ އެވެ. މިކަމުގެ ސަބަބުން އެމީހުން މައި ޖަލްސާގައި ބައިވެރިވާނެ ކަމާމެދު ވަނީ ޝައްކު އުފެދިފައެވެ.
އިސްރާއީލުން ޒަމާނުއްސުރެ ފަލަސްތީނުގެ ފުރިހަމަ ދައުލަތެއް ގާއިމްކުރުމާ ދެކޮޅުހަދަ އެވެ. ހުޅަނގު އައްސޭރީގައި އިޒްރޭލުގެ ސެޓްލްމަންޓް ޕްލޭންތަކެއް ހެދުމުން ހަމަނުޖެހުން ވަނީ އިތުރުވެފަ އެވެ. ޑިފެންސް މިނިސްޓަރު ޔޯއަވް ގަލަންޓް ވިދާޅުވީ އެންމެ ފަހުން ޔަހޫދީ ސެޓްލްމަންޓްތައް ފުޅާކުރުމުގެ ބޭނުމަކީ ފަލަސްތީނުގެ ދައުލަތެއް އުފެއްދުން ހުއްޓުވުމެވެ.
މެކްރޮންގެ ސުލްހައަށް ކުރައްވާ މަސައްކަތަށް އިސްރާއީލުގެ އޮފިޝަލުން ވަނީ ފާޑުކިޔާފަ އެވެ. ފްރާންސްގައި ހުންނަވާ އިސްރާއީލުގެ ސަފީރު ވަނީ އެއީ "މުސީބާތެއް" ކަމަށް ވިދާޅުވެފަ އެވެ.
މިދިޔަ އަހަރު އަޔަލޭންޑާއި ސްޕެއިން އަދި ނޯވޭއިން ވަނީ ފަލަސްތީން ބަލައިގަނެފަ އެވެ. މެކްރޮން އާއި އިނގިރޭސިވިލާތުގެ ލީޑަރުން ވިދާޅުވަނީ އެކަން ކުރާނީ ހަމާސް ވެރިކަމުން ބާކީ ކުރެވިގެން ކަމަށެވެ.
ކުރީގެ އިސް ޑިޕްލޮމެޓުންގެ ގްރޫޕަކުން ވަނީ ފަލަސްތީން މިހާރު ބަލައިގަތުމަށް މެކްރޮންއަށް އިލްތިމާސްކޮށްފަ އެވެ. އެމީހުން ބުނަނީ އެއީ ކެރިގެން ކޮންމެހެން އަޅަންޖެހޭ ފިޔަވަޅަކަށް ވާނެ ކަމަށެވެ.
މެދުއިރުމައްޗާ ބެހޭ ގޮތުން މެކްރޮންގެ މުޝީރު އޭން ކްލޭއާ ވިދާޅުވީ މި ކޮންފަރެންސަކީ ބަދަލުއައުމުގެ ނިޝާނަކަށް ވާންޖެހޭނެ ކަމަށެވެ. "ބަހުން އަމަލަށް ބަދަލުވާން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
އެކަމަނާ މި ހަފްތާގައި އިސްރާއީލާއި ފަލަސްތީނުގެ އޮފިޝަލުންނާ ބައްދަލުކުރެއްވި އެވެ. އިސްރާއީލުގެ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފްރާންސްގެ ޑިޕްލޮމެޓުން ވިދާޅުވެފައި ވަނީ އަދިވެސް ފަލަސްތީނު ދައުލަތް ބަލައިގަނެވޭނެ ކަމަށާއި ނަމަވެސް ކޮންފަރެންސް ތެރޭގައި އެކަން ނުކުރެވޭނެ ކަމަށެވެ.
އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ޑޭވިޑް ލަމީ މި ސުލްހައިގެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ބެލެވެ އެވެ. އިނގިރޭސިވިލާތުން ފަލަސްތީން ބަލައިގަންނަނީ ކޮން އިރަކު އަދި ކިހިނެއްތޯ ކަނޑައެޅުމަށް އިނގިރޭސިވިލާތުގެ ޕާލަމެންޓް މެމްބަރުންގެ ޕްރެޝަރު އޭނާއަށް ކުރިމަތިވެ އެވެ.
މެދުއިރުމަތީގެ މިނިސްޓަރު ހަމީޝް ފަލްކޮނާ ވިދާޅުވީ އިނގިރޭސިވިލާތުގެ މަގާމު ބަދަލުވަމުންދާ ކަމަށެވެ. ޕާލަމެންޓް މެމްބަރުންނަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ، އިސްރާއީލު ސަރުކާރުގެ ބަސްމަގުގެ ސަބަބުން ބައެއްގެ ވިސްނުން ބަދަލުވެފައިވާ ކަމަށެވެ. "ދެ ދައުލަތުގެ ހައްލަކަށް އިސްރާއީލުން ތާއީދުކުރާކަން މިހާރު ސާފެއް ނުވޭ."
އިނގިރޭސިވިލާތުން ބޭނުންވަނީ ފަލަސްތީނުގެ ކުރިއަށް އޮތް ލީޑަޝިޕަށް ސާފު ޕްލޭންތަކެއް އެކުލަވާލުމަށެވެ. މީގެ ތެރޭގައި ގާޒާގެ މުސްތަގުބަލުގެ ސަރުކާރުން ހަމާސް ވަކިކުރުން ހިމެނެއެވެ. މިއީ އަރަބި އާ ހުށަހެޅުންތަކުގެ ދަށުން ހަމާސްއިން މިހާރުވެސް ގަބޫލުކުރެވިދާނެ ކަމެއްކަމަށްވެ އެވެ.
ފްރާންސުން އުންމީދު ކުރަނީ ފަލަސްތީނަށް ހުޅަނގުން ބަލައިގަތުން ހަމަހަމ ކުރެވޭނީ އަރަބި ގައުމުތަކުން އިސްރާއީލާ ގުޅުން އާންމު ކުރުމުންނެވެ. އެކަމަކު ސައުދީ އަރަބިއްޔާއިން ބުނަނީ ގާޒާގެ ހަނގުރާމަ ކުރިއަށްދާއިރު އިސްރާއީލު ބަލައިނުގަންނާނެ ކަމަށެވެ. ސައުދީ ވަލީއަހުދު ވަނީ އިސްރާއީލަށް ނަސްލު ނައްތާލުމުގެ ތުހުމަތު ކުރައްވައިފަ އެވެ.
ނިއުޔޯކް ސުލްހައިގެ ކޮންފަރެންސްގައި ޔޫރަޕްގެ ބައެއް ގައުމުތަކުން ފަލަސްތީނު ބަލައިގަތުމުގެ އުއްމީދެއް ނެތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ