ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

އަށްވަނަ ބަޔާ ގުޅޭ
"މައި އެބައިންތަ؟ އަދިވެސް؟ އަހަރެން ހީކުރީ މައި ގެއަށް ލާފަކަމަށް ރޫމީ ގެނައީ" މައިރާ އަދިވެސް ގެއަށްނުގޮސް އިން ވާހަކަ ބުނުމުން އިވާން ހައިރާންވި އެވެ.
"އަހަރެން ބުނީމޭ ހިނގާށޭ. އޭނަ ހަމަ ހިލާ ނުދިޔަ އިވާން އެބަ އާދެޔޯ ކިޔާފަ. ކަލޭ މިހާ އަވަހަށް އެ މަންޖެއަށް ކޮން ހިތެއް ޖައްސައިގެންތަ ތި އުޅެނީ. އަދި ކަލެއަށްވެސް އެހާ ވަރު ވެޔޭ. ކުރީ ދުވަހު ދޯނީގަ ހުރިއިރުވެސް އަހަރެން ހުރީ ހަމަ ކިރިޔާ އެއްޗެކޭ ނުބުނެ" ޝާވިން ބުންޏެވެ.
"ކީކޭ ކިޔަން ތިއުޅެނީ. ބޭކާރު ވާހަކަ ނުދައްކާ ދެން ހިނގާ ކޮފީއަށް. ކޮފީ ނުލިބިގެން އުޅުނު މީހާއެއްނު ތީ" އިވާން ހިނގައިގަތީ ހޮސްޕިޓަލުގެ ގޯތިތެރޭގައި ހަދާފައިވާ ބަގީޗާ ރެސްޓޯރެންޓާ ދިމާލަށެވެ. އެއީ އެ ހޮސްޕިޓަލުގެ ކެންޓީނުގެ ގޮތުގައި ބޭނުންކުރާ ރެސްޓޯރެންޓެކެވެ.
"އަވަހެއްނު ބޭކާރު ވާހަކައޭ ބުނީލެ. މައިރާ ނަށާލަން އެރީމަ ކަލެއަށް ވީވަރުގެ ވާހަކަވެސް މަ މިހިރީ ނުދައްކަންވެގެން" ޝާވިންގެ ދިމާކުރުމެއް ނުހުއްޓުނެވެ.
"މިހާރު މާ އަނގަގަދަ ވަނީ އެނގޭ ތިއީ. ޝޯންއަށް ހަމަ ރަނގަޅަށް އެނގޭނެ އަހަރެން އަދި ތިކަހަލަ ހިޔާލެއްވެސް ނުގެންގުޅޭކަން. މިވަގުތަށް އަހަރެންގެ ހުރިހާވެސް ފޯކަސްއަކީ މާމައާއި ލީން. ދެން އަހަރެންގެ ވަޒީފާ. އެ ދެ އަންހެނުން ފިޔަވާ އިތުރު އަންހެނަކަށް ދެވޭނެ ވަގުތެއް އަހަރެންނަކަށް ނެތް. އެއީ އަދި ރަހްމަތްތެރިއެއްގެ ގޮތުން ކަމަށްވިޔަސް ލޯބީގެ ގޮތުން ކަމަށްވިޔަސް. ރަހްމަތްތެރިކަމާއި ލޯތްބަށް ވަގުތު ހުސްކުރާ ވަރަށް ވުރެން މުހިއްމު ކަމެއްގަކަން އަހަރެން މިއުޅެނީ ޝޯންއަށްވެސް އޮޅިފައެއް ނޯންނާނެ. މިއީ ސަމާސާ ކުޅިވަރެއް ނޫން. ދެން އެންމެ އަވަހަށް ލިބޭ ރޭންކާއެކު އަހަރެން ބަލާނަން މާލެ ބަދަލުވެވޭތޯ... އޭރުން އިރާދަކުރެއްވިއްޔާ އަހަރެން ކުރަން މި އުޅޭ ކަންތައް ފަސޭހައިން ވާނީ" އެވާހަކަ ދައްކަމުންދިޔައިރު އިވާންގެ މޫނުމަތީގައިހުރި ސީރިއަސްކަން ފެނުނު މީހަކު ބިރުގަންނާނޭކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.
"ވަން ބޭޑް މޫވް ޝޯން.. ވަން ބޭޑް މޫވް އެންޑް މި ހުރިހާދުވަހު އަހަރެން މި ކުރި ހުރިހާކަމެއް ފަނުފުލުން ގޮސްދާނެ. ދަ ލާސްޓް ތިންގް އައި ނީޑް ރައިޓް ނައު އިޒް އަ ޑިސްޓްރެކްޝަން! އަ ވުމަން!" ކުޑައެއް ޖަހާފައިހުރި މޭޒެއްގެ ދޮށުގައި އިށީނަމުން އިވާން ބުންޏެވެ. އެހެނަސް އެ ހުރިހާ ވާހަކައެއް ދެއްކިއިރުވެސް މައިރާގެ ތަސްވީރު އޭނާގެ ހިޔާލުގައި ރަސްކަން ކުރަމުންދިޔަ އެވެ.
"އޯކޭ އޯކޭ. ކާމް ޑައުން ޝަރލޮކް. އެ އަހަރެން މަޖަލަކަށް ބުނެލި އެއްޗެކޭ" އިވާންއަށް ހަމަޖެހެން އިޝާރާތްކުރަމުން ޝާވިންވެސް ގޮނޑީގައި އިށީނެވެ. "އެކަމަކު ބުނަން މީހަކަށް ހިތް ކިޔަންވީމަކާ ވަކި ވަގުތެއް އަދި ޞާއަތެއް ނޯންނާނެ. އިވާންއަށް ހީވަނީދޯ ލޯތްބަކީ އަމިއްލަ އިޙްތިޔާރުގަ ވެވޭ އެއްޗެކޭ؟" ޝާވިން އަހައިލި އެވެ.
"ތިއީ ޝައްކެއްވެސް އޮތްކަމެއް ނޫނެއްނު. ލޯތްބާއި އެކުވެރިކަންކަހަލަ ކަންކަމަކީ ހަމަ އަމިއްލައަށް ތަދުބީރުކުރާ ކަންކަން. މީހެއް ރަނގަޅަށް އެނގި ދަސްކޮށްގެން ނޫނީ މީހަކަށް ހިތް ކިޔާނީ ކިހިނެއްތަ؟ ދިރިއުޅުމެއް ފަށަން ތައްޔާރުވެ ކައިވެނިކުރަން ބޭނުންވީމަ މީހެއްދެކެ ލޯބިވާންވީ. ޝޯންވެސް މި ހުރިހާ ދުވަހު މީހަކުދެކެ ލޯތްބެއް ނުވޭނު؟ އަމިއްލަ ފައިމައްޗަށް ތެދުވެވި ކައިވެނި ކުރަން ބޭނުންވީމަތާ ލީންދެކެވެސް ތިބުނާ ލޯތްބެއް ވެވިގެން ތިއުޅެނީ؟ އަހަރެންވެސް އަދި ތަންކޮޅެއް ފަހުން މީހަކުދެކެ ލޯބިވާނަމޭ.." އިވާންގެ ވާހަކައިން ޝާވިންގެ ސިކުނޑި ސުމަކަށްދިޔަ އެވެ. އިވާންފަދަ ތޫނުފިލި މީހެއްގެ ވިސްނުން މި މައުޟޫއަށް ހަމަ މިހާ ކޮށިވެދާނެބާއޭ ހިތުގައި ސުވާލު އުފެދުނެވެ. އޭނާ ނޫން މީހަކު އެވާހަކަ އަޑުއަހަން އިންނަމަ އެމީހެއްގެ ގާތަށް ހިނިއަންނާނެކަން ޔަގީނެވެ. އިތުރަށް އިވާންއާއެކު އެ މައުޟޫއު މަޝްވަރާނުކޮށް ޝާވިން ވާހަކައިގެ މިސްރާބު ބަދަލުކޮށްލި އެވެ.
"އިވާންއާ މިވާހަކަ އިތުރަށް ދައްކަންވިއްޔާ މަގޭ ސިކުނޑި ގޮވާނީ.. ދެން އަޅާނުލާ.. އިރާދަކުރެއްވިއްޔާ ތި ހޯދާ ކަންތައްގަނޑުގެ އަލިމަގެއް ފެންނާނެ.. އެރޭ އެކަންތައް ކުރި މީހުންގެ އެއްވެސް ހަބަރެއް އަދިވެސް ނުލިބޭތަ؟" ދުރުގައި އުޅުނު ވެއިޓަރަކަށް އަތުން އިޝާރާތެއް ކޮށްލުމަށްފަހު ޝާވިން ވާހަކަ ދެއްކީ އިވާންއާ އެވެ.
"އާނ،، ވަރަށް ގޮތްގޮތަށް ބަލައިފިން.. ޝައްކުވާ ދެތިން ގްރޫޕެއް އެބަ އުޅޭ.. ސީދާ ޔަގީންވާނީ އޭނަގެ އަނގައިން އެއްޗެކޭ ބުނެގެނެއްނު. އޭނައަށް އެކަނި ވިއްޔާ އެބަޔަކު ފެނުނަސް ފެނިފަ ހުންނާނީ.. އެކަމަކު އެރެއެކޭ މިހާރެކޭ އޭނަގެ ހާލު ހަމަ އެއްގޮތް. އެއްވެސް ކުރިއެރުމެއް ނާދޭ.. ދިރިހުއްޓަސް މައްޔިތެއް ފަދަ" ވެއިޓަރު ގެނެސް މޭޒުމަތީގައި ބެހެއްޓި ފެންފުޅި ކަނޑާލައި އަނގަޔަށް ކޯވަރެއް އޮއްސައިލަމުން އިވާން ބުންޏެވެ.
"ކީއްކުރާނީ.. ޤައުމުގެ އަދުލުއިންސާފުގެ ކަންތައްތައް ގޮސްފަ އޮތް ހިސާބު ދޯ. އޭރު އުޅުނު ބަޔަކު ތިކަންތައް ފޮރުވަން ނޫޅުނު ނަމަ އިވާންމެން ތިކަމުގަ މާގިނަ މަސައްކަތްތަކެއް ކުރާކަށް ނުޖެހޭނެ" ޝާވިން ބުންޏެވެ.
"އެހެންވެގެނޭ އަހަރުމެންވެސް ޝޯންމެން ކަހަލަ ކޮންމެވެސް އަގަލެއްހުރި ޕޮލިޓިޝަނުން ބޭނުންވަނީ. ސިސްޓަމް ބަދަލުކުރަން ކެރޭ ބަޔަކު ބޭނުންވާތީ.. ތިހެން އަބަދު ފަރުދާގެ ފުރަގަހުގަ ކެމްޕޭން ކުރަން ނޫޅެ ފާޅުގަ ނުކުމެބަލަ. ބުނީމެއްނު މިއަހަރު ޝޯންގެ ދޮންބެ މެންބަރު ކަމަށް ވާދަކުރަން ކައުންސިލުން އިސްތިއުފާދޭ ވާހަކަ. ބައި-އިލެކްޝަންގަ ކުރިމަތިލާންވީނު. އަތޮޅު ކައުންސިލަކީ ރަނގަޅުތަނެކޭ ސިޔާސީ ކެރިއަރ ފަށަން” އިވާން ހިޔާލުދިނެވެ.
"ތިކަހަލަ ހިޔާލެއްވެސް އެބަ ގެންގުޅެން." އިވާންގެ ހިޔާލަށް ތަރުހީބު ދިނުމަށްފަހު ޝާވިން އަވަސްވެގަތީ އޯޑަރު ދޭށެވެ. ބައި ގަޑިއެއްހާއިރު އެކި ވާހަކަތަކުގައި ތިބެ ކޮފީ ނިންމައިލުމާ ގާތްވި ވަގުތު ޝާވިންގެ ލޮލުގައި އެތަނަށް ވަތް މައިރާ އަޅައިގަތެވެ. މައިރާގޮސް އެތަނުގައިހުރި ކައުންޓަރު ކައިރިއަށް މަޑުކޮށްލުމާއެކުހެން ޝާވިން ބާރުބާރަށް މައިރާއަށް ގޮވާލައިފި އެވެ.
"މައީ. އާދޭ އާދޭ މިކޮޅަށް" ޝާވިންގެ އަޑަށް ރެސްޓޯރަންޓްގައި ތިބި ގިނަބައެއްގެ ސަމާލުކަން މައިރާއަށް ހުއްޓުނެވެ. ލަދުންހުރެ މައިރާ ކުރިއަށް ހިނގައިގަތްއިރު އިވާންވެސް ސިއްސައިގެންގޮސް ފަހަތް ބަލައިލި އެވެ. ވާނީވެސް އެހެންތާ އެވެ. މައިރާ އެތަނަށް އައިކަން އޭނާ ނުވެސް ދެނެހުއްޓެވެ. އިވާންއަށް ފެނުނުއިރު މައިރާ އައިސް އެމީހުންތިބި މޭޒުދޮށުގައި އިށީންނަނީ އެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވި ވަގުތު މައިރާ އިވާންއަށް ހަދިޔާކޮށްލި ހިނިތުންވުމާއެކު އިވާންގެ ހިތް ހިނދުކޮޅަކަށް މަޑުޖެހިލި އެވެ. ވަށައިގެންވި މާހައުލުވެސް ހިނދުކޮޅަކަށް ހިމޭންވެގެންދިޔަ އެވެ. މައިރާގެ ކޮންމެ ހަރަކާތަކާ އެއްވަރަށް އިވާންގެ ކަޅި ހަރަކާތްކުރަމުން ދިޔައީ އިހުތިޔާރުން ބޭރުގަ އެވެ.
"ޖައްސާލާ ޖައްސާލާ މިތާ. ބަނޑުހައިވެގެންތަ ތި އައީ؟" ޝާވިންގެ އަޑާއެކު އިވާންއަށް ހޭވެރިކަމެއްވެ އަވަސްއަވަހަށް އިސްޖަހައިލި އެވެ. ޝާވިން އެވަގުތު ވާހަކަދެއްކީތީ ހިތާހިތުން ޝާވިންއަށް ޝުކުރު އަދާކުރެވުނެވެ. ނޫންނަމަ އޭނާއަށް އަދިވެސް އިނދެވުނީހީ މައިރާގެ ހަރަކާތްތަކަށް ގެއްލިފަ އެވެ. އެހެންވިނަމަ މައިރާއަށްވެސް އެކަން ފާހަގަވީސްކަން ގައިމެވެ.
"ބަނޑުހައެއް ނޫން.. ނިދި އަންނަން ފެށީމަ ކޮފީއެއް ގަންނަން ނުކުތީ. މާމަ އިރުކޮޅަކުން ދޫކޮށްލާނޭ ބުނީމަ އިވާންއަށް ގުޅާލާށާ އެއްކޮށް. އެބަ އުޅެން ދޯ އެކަމް މިތާ" މައިރާ ބުންޏެވެ.
"އުހޫން ދެން މިރޭ ކައިގެން ދާންވާނީ. ކޯއްޗެއް ކާނީ؟" ޝާވިން ސުވާލުކޮށްލި ގޮތުން ހީވީ މިއީ އޭނާ ދޭ ކެއުމެއްހެނެވެ. އިވާންއަށް ދެފަރާތަށް ބޯ ހޫރައިލެވުނެވެ. އޭނާއަށް ލައްވަވާފައި މި ހުރި ރައްޓެއްސެއްތާ އެވެ. ކޮފީއެއް ދޭން ހިނގާށޭ ކިޔާފައި އައިސް މިހާރުވެސް އެއިނީ ހަބަނޑަށް ކާށެވެ.
"ނުކާނަން. ވަރަށް ފުލްއޭ" މައިރާގެ ޖަވާބު އިވި ޝާވިން ޕަކަޕަކަލާފައި ހޭންފެށި އެވެ.
"ހަހަހަ. އާން ކިހާ ފުލްވާނެ. މިއަދު ހެނދުނުއްސުރެން ބަނޑަށް ކުޅު ޖަހައިގެން ނޫންތަ ތި ހުންނަނީކީ؟" ޝާވިންގެ ޖުމްލައާއެކު އިވާންއަށްވެސް މައިރާ އެދުވަހު ހުރީ އެއްޗެއް ނުކައިކަން ހަނދާންވި އެވެ.
"އެ ތެދެއް. ކޮންމެވެސް އެއްޗެއް ކާންވާނެ" އެ ހުރިހާއިރު ދައްކާނެ ވާހަކައެއް ނޭނގިފައި އިން އިވާން ބުންޏެވެ.
"ނޯ ތޭންކްސް ރިއަލީ. އަހަރެން ގެއަށް ގޮސްފަ ކާނީ" މައިރާ މިފަހަރުވެސް އިންކާރުކުރި އެވެ.
"އޭ އޯކޭ. އެހެންވީމަ އަހަރެން މި ނައްޓާލީއޭ ގެއަށް. މިރޭ ވިއްސާރަކޮށް އުޅެނީވެސް. ތިމީހުން ދެން އާޒިމާއްތަ ދޫކޮށްލީމަ ކާރަކަށް އަރައިގެން ދޭ" ޝާވިން ކައި ނިންމައިލުމަށްފަހު މޭޒުމަތީގައިހުރި ފެންތަށި އެއްނޭވައިން ދަމައިލި އެވެ. އަދި ގޮނޑިން ތެދުވެ އިވާންގެ ކޮނޑުގައި ދެފަހަރަކު ޖަހައިލުމަށްފަހު އެތަނުން ދިޔަ އެވެ.
"ލެޓްސް ގެޓް ޔޫ ކޮފީ. އަހަރެންގެ ޓްރީޓް" ޝާވިން ދިޔުމުން ތަނަށް ވެރިވި ހިމޭންކަން ނައްތައިލީ އިވާން އެވެ.
"މްމްމް. އޯކޭ. ކޮފީ ހިފައިގެން ބޭރަށް ދޯ ނުކުންނާނީ" ވަށައިގެން ތިބި މީހުން ހުލިކުރަމުންދިޔަ ސިނގިރޭޓުތަކުގެ ވަހުން އުނދަގޫވެފައި އިނދެ މައިރާ ބުންޏެވެ. އިވާންއަށްވެސް އެއީ އެންމެ ރަނގަޅުގޮތް ކަމުގައި ވިސްނި އެކަމާ އެއްބަސްވި އެވެ. ކޮފީ ހިފައިގެން ދެޒުވާނުން ނުކުމެ ލަސްހިނގުމެއްގައި ހޮސްޕިޓަލުގެ އިމާރާތާ ދިމާލަށް ހިނގައިގަތެވެ. ޝާވިން ބުނިފަދައިން އޭރުވެސް އުޑުމަތި ބަނަކޮށްލައި ހިމަފޮދުވާރޭ ވެހެމުންދިޔަ އެވެ. ތެމޭވަރަށް ނުވެހޭތީ އެކަކުވެސް އެކަމަށް މާބޮޑު ފަރުވާލެއްނުދިނެވެ.
"މައި؟" އިވާން އާދައިގެ މަތިން ގޮވައިލިއެވެ. މައިރާ އަތުގައި ހުރި ކަރުދާސް ކޮފީތަށި ތުންފަތުން ވަކިކޮށްލުމަކާ ނުލައި "ހޫމް" ލައްވައިލި އެވެ.
"ތެންކްޔޫ ފޯރ ޓުޑޭ" އިވާންއަށް ހެނދުނުއްސުރެން އޭނާގެ ހިތުގައިވި ޝުކުރު ދުލާ ހިސާބަށް ގެނެވޭވަރު ވެއްޖެ އެވެ.
"ނޯ ޕްރޮބްލެމް. މާމަ ވަރަށް އެހި އިވާން ކޮބާތޯ" މައިރާ ބުންޏެވެ.
"އެގަޑީގަ ދިޔައިރު އަސްލުވެސް އަހަރެން ހީކުރީ އަވަހަށް ނިމޭނެކަމަށް. އަހަރެން.. އަހަރެން—"
"އިޓްސް އޯކޭއޭ އިވާން. އަހަރެންނަށް އަންޑަރސްޓޭންޑް ވެޔޭ. އިވާން ތިއީ މިރަށުގެ ޕޮލިސް އިންޗާޖެއްނު. އިވާން ބިޒީނުވެ ދެން ކާކު ބިޒީ ވާނީ؟ އިވާން އަހަރެންނަށް މެސެޖްކުރީމަވެސް އަހަރެން ބުނީމެއްނު ޓޭކް ޔޯރ ޓައިމް އޭ" މައިރާގެ ވާހަކަ ނިމުނުއިރު އިވާންގެ ދެބުމަ ވަނީ ގޮށްޖެހިފަ އެވެ. ކަމެއް ފަހުމުކުރަން އުޅޭ ފަދައިންނެވެ.
"މަޑު... އަހަރެން މެސެޖުކުރީ؟ މައިއަށް؟" އިވާން ޖީބުގައި އޮތް ފޯނު އަތުޖެހޭތޯ މަސައްކަތް ކުރަމުން ބުންޏެވެ.
“ހްމްމް. މެންދުރު ދަމުން މެސެޖް ކުރީމެއްނު؟” މައިރާ ދެވަނަ ފަހަރަށް އެ މެސެޖުގެ ވާހަކަދެއްކިއިރު އިވާން ހުރީ ފޯނު ހުޅުވައިލައިގެނެވެ. އޭރު އޭނާއަށްވެސް އެ ބުނާ މެސެޖެއް ފެނިއްޖެކަން އެ މޫނުމަތީގައިހުރި ކުލަވަރުން ހާމަވެއެވެ.
"ގޮއިންގް ޓު ދަ ސްޓޭޝަން ރައިޓް ނައު. ވެއިޓް ފޯރ މީ އޯކޭ؟" އެގަޑީގައި ނާއިލްއަށް ފޮނުވަން އުޅުނު މެސެޖު އިވާންއަށް ފޮނުވިފައި މިއޮތީ މައިރާއަށްތާ އެވެ. ރައްދުގައި މައިރާ ހިނިތުންވެފައިވާ އިމޯޖީއަކާއެކު "އޯކޭ ޓޭކް ކެއަރ" ޖަހާފައި އޮތް ނަމަވެސް އެ މެސެޖް އޭނާއަށް ބަލައިލެވިފައެއް ނުވެ އެވެ. އިވާންއަށް ފޯނު ހިފަހައްޓައިގެން ހުރި އަތްނޫން އަނެއް އަތުން ނިތްކުރީގައި ފިރުމައިލެވުނެވެ. މައިރާގާތު ޝާވިން އެވަރަށް ގެއަށްދާން އެދުމުންވެސް ނުދިޔައީ މިހެންވެތާ އެވެ. އޭނާއަށް މިއޮތީ އޭނާ އަންނަންދެން މަޑުކުރުމަށް މައިރާގާތު ބުނެވިފަ އެވެ.
"ލީން ބުނި މާދަމާ މިކޮޅަށް އަންނަ ވާހަކަ. އިވާންއަށް ގުޅިތަ؟"
"އޭން—ކީކޭ—މިއީ— އާން ލީން ދޯ.. ނޭނގެ ނުގުޅާ ކަމެއްވެސް.. މިއަދު ބިޒީކަމުން ފޯނު ބަލާނުލާ މި އުޅެވެނީ. ލީން ގާތު ބުނީތަ މާމަ ބަލި ވާހަކަ؟" އިވާން އަހައިލި އެވެ.
"ނޫން.. ކީއްކުރަން ދުރުގަ ހުއްޓާ ލީން ހާސްކުރުވަނީ؟" މައިރާ އެވަރު ކުޑަކަމަކާވެސް އެހާ ފުންކޮށް ވިސްނައިލީތީ އިވާންއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. މީހަކު ނުބުނި ކަމުގައިވިޔަސް މައިރާއަކީ ރީތި ސިފަ އާއި އެއްވަރުގެ ތޫނުފިލި ސިކުނޑިއެއްވެސް ދެއްވާފައިވާ ކުއްޖެއްކަން އޭނާއަށް ޔަގީން ކުރެވުނެވެ.
"އިވާން ކޮން އިރަކު—" މައިރާގެ ސުވާލު ފުރިހަމަ ނުކުރެވެނީސް ކުއްލިއަކަށް އިވާން މައިރާގެ އުނަގަނޑުގައި ހިފައި އޭނާއާ ގާތަށް ދަމައިލި އެވެ. މައިރާގެ އަތުގައި އޮތް ކޮފީތަށި ދިޔައީ ދުރަށް ވިއްސައިގެނެވެ. ވީނުވީއެއް ރޭކައިލީ ގަޔާ ކައިރިން ވައި ކަފާލައިފައި ދިޔަ އެމްބިއުލޭންސް ފެނުމުންނެވެ. މައިރާގެ ހިތް އަވަސްވާން ފެށީ އެ ހާލަތުގެ ބިރުވެރިކަމާމެދު ވިސްނައިލުމުން ކަމުގައި ވެދާނެ އެވެ. ނުވަތަ އިވާންއާ އެހާ ގާތުގައި ހުންނަން ޖެހުމުން ކުރެވެންފެށި ބީރައްޓެހި އިހުސާސުން ކަމުގައިވެސް ވެދާނެ އެވެ. އެނގޭހާވެސް އެއްޗަކީ މިފަހަރު މައިރާ އިވާންއަށް ބަލައިލި ނަޒަރުގައި ތަފާތުކަމެއް ހުރިކަމެވެ. އެހާ ގާތުން އިވާންގެ މޫނު ފެނުމުން ދުރަށް ބަލައިލަން ނޭނގިފައި ހުރެވުނެވެ. އެހެނަސް އެ ބެލުމުގައިވި ގާތްކަމުގެ ހިލަމެއް އިވާންއަށް ވިހެނެއް ހިއެއްނުވެ އެވެ. ރުޅިވެރި ނަޒަރަކުން އެމްބިއުލާންސް ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުރި އިވާންގެ ކަތުރުކަށިގަނޑަށް ވަނީ އިތުރު ބާރެއްލެވިފަ އެވެ.
"ކޮންކަހަލަ މޮޔައެއްތަ އޭތި ދުއްވަން އިނީ؟" އިވާންގެ ގާތަށް އައީ ކުއްލި ރުޅިއެކެވެ. މައިރާގެ ގައިން ދޫކޮށްލުމަށްފަހު ދިމާކުރީ އެ އެމްބިއުލާންސްގެ ފަހަތުން ދާށެވެ.
"އިވާން.. އިވާން މަޑުކޮށްބަލަ!! ނޭނގެއެއްނު އޭގަ އޮތް މީހެއްގެ ހާލެއް! ވެދާނެއެއްނު ލައިފް އޯ ޑެތު ސިޗުއޭޝަނަކަށްވެސް" މައިރާ ހުށިޔާރުކަމާއެކު އިވާންގެ އަތުގައި ހިފައި ހުއްޓުވި އެވެ.
"އެކެއްގެ ފުރާނަ ސަލާމަތް ކުރަންޖެހެނީ އަނެއްކެއްގެ ފުރާނަ ދުއްވާލާފަތަ؟ މައި އަހަރެން ދޫކޮށްބަލަ. އެމީހަކަށް ދެން ލާހިކެއްނޫން މިރަށުގަ ބަރޯގަނޑެއްގެ ހިސާބުވެސް ދުއްވާކަށް" އިވާންގެ ރުޅި ފިންޏެއްނުވި އެވެ. އެހެނަސް މައިރާ ދެފަހަރަކު އަކުރުތަކަށް ދަމާލާފައި އިވާންއަށް ގޮވައިލުމުން އިވާންއަށް ހަމަޖެހެން މަޖުބޫރުވިއެވެ. "އިވާން ދެން އަޅާނުލާބަލަ.. އިވާން.."
"ހްމްމް ދެން މައްސަލައެއްނެތް. ޔޫ އޯކޭ؟" މައިރާގެ ކޮނޑުގައި ހިފަހައްޓައިލަމުން އިވާން މައިރާގެ ބޮލުން ފެށިގެން ފަޔާ ހަމައަށް ނަޒަރު ހިންގައިލީ އެއްވެސް އަނިޔާއެއްގެ ލިސާނެއް ހޯދުމަށެވެ.
"ޔާހް.. އައިމް.. އައިމް އޯކޭ.. އެކަމަކު ކޮފީ" މައިރާއަށް ބުނެވުނެވެ.
"ހިނގާ އެހެން ކޮފީއެއް ގަނެދޭނަން" އިވާން ބުންޏެވެ.
"ނޫން ދެން ހިނގާ މާމަ ކައިރިއަށް. މިހާރުވެސް މާ ލަސްވެއްޖެއެއްނު. ވާރޭވެސް ބޯކޮށްލަނީ އެ" އިވާންގެ ހުށަހެޅުމަށް އިންކާރު ކުރަމުން މައިރާ އެތަނުން ހިނގައިގަތެވެ.
-------
"އޭރުވެސް ބުނީމެއްނު ވާރޭ ބޯކޮށްލާނެއޭ މިރޭ ނުކުންނާނެ ކަމެއްނެތޭ. ބުނީމަވެސް ނަދާލް ހަމަ ގަބޫލުނުކުރީ" ވިޔެފައިވާ ފަންގިން ހިޔާކޮށްފައިވާ ހޮޅުއަށްޓެއް ފާޑުގެ ތަނެއްގައި މަޑުކޮށްލައިގެންހުރި އައިލީން ވާރޭގެ ތެރެއަށް އަތް ދިއްކޮށްލަމުން އަށީގައި އިށިނދެއިން ނަދާލްއަށް ބަލައިލިއެވެ. އެއީ ރިސޯޓުގެ އެކި ހިސާބުތަކުގައި ފަތުރުވެރިން މަޑުކޮށްލުމަށް ހަދާދައިވާ އަށިތަކުގެ ތެރެއިން އަށްޓެކެވެ.
"ޗިލް ލޫނާ.. އެ ހުއްޓާލަނީއޭ މިހާރު" ނަދާލްގެ މޫނުމަތިން އެއްވެސް ހާސްކަމެއް ނުފެނެ އެވެ.
"ތިހެން ބުނި މީގެ ގަޑިއެއްހާއިރު ކުރިންވެސް. ނަދާލްއަށް އެނގޭތަ އަހަރުމެންނަށް އާދެވިފަ މިހިރަ ހިސާބު؟ މިއީ ރަށުގެ އެއްފަޅިއޭ. އަހަރެން މި އުޅެނީ ރަށުގެ އަނެއް ފަޅީގަ. މާދަމާ ހެނދުނަށް އެއްޗެހި ޕެކް ކުރަންވެސް ޖެހޭ. ބަގީއެއްވެސް ނައި ދޯ؟" އައިލީން ގޮތްހުސްވި އެވެ.
"ފޯނުގަ ޗާޖެއްނެތް ގުޅާކަށް" ނިވިފައި އޮތް ނަދާލްގެ ފޯނު އައިލީންއަށް ދައްކައިލި އެވެ.
"ވާއު ގްރޭޓް. ދެން މުޅި ރޭ މިތާ ސްޓަކްވެފަ ތިބެން ޖެހޭނީ" އައިލީން މޭމަތިން ދެއަތް ހުރަސްކޮށްލިއެވެ.
"ހައު އިޒް ދެޓް ސަޗް އަ ބޭޑް އައިޑިއާ" ހިނިއައިސްފައި އިނދެ ނަދާލް މަޑުމަޑުން ބުންޏެވެ.
"ކީކޭ؟" އައިލީންއަށް ނަދާލް ބުނިއެއްޗެއް ސާފުނުވުމުން އަހައިލި އެވެ.
"އެއްޗެކޭ ނޫން. ލޫނާ މިރޭ ހާދަ ރުޅިއެކޭ ތި އަންނަނީ. ހަނދާންވަނީ ފުރަތަމަ އަހަރުމެން ދިމާވި ދުވަހު ހަމްއަށް ގުޅައިގެން ނިކަން ރުޅިއައިސްފަހުރެ އަހަރެންނަށް އެއްޗެހި ކިޔާލިގޮތް. އެކަމަކު ވަރަށް ކިއުޓް އެނގޭ ރުޅިއައިމަ" ނަދާލް އިށީނދެ އިންތަނުން ތެދުވެގެން އައިސް އައިލީންގެ ކޮލުގައި ހިފައިލި އެވެ. ފާއިތުވެދިޔަ ދެތިން ދުވަހުގެ ތެރޭގައި އެދެމެދުގައި އުފެދިފައިވި ގާތް ރަހްމަތްތެރިކަމުގެ ސަބަބުން އެކަހަލަ ކުދި ސަމާސާތައް މިހާރު ދެމީހުންގެ ފަރާތުން މަދުން ނަމަވެސް ދަނީ ފެންނަމުންނެވެ. އައިލީން މޫނު ކުނިކޮށްލަމުން ނަދާލްގެ އަތް ދުރަށް ޖައްސައިލި އެވެ.
"މިރޭ ހިއެއްނުވޭ އަވަހަށް ހުއްޓާނެހެނެއް" އައިލީން މާ ސީރިއަސްވާން ފެށިހެން ހީވުމުން ނަދާލް ކަންބޮޑުވި އެވެ.
"އޯހް. ރިއަލީ. ކޮންގްރެޓްސް އޮން ދެޓް އައުޓްސްޓޭންޑިންގް އޮބަޒަރވޭޝަން ބްރޯ" އައިލީން ކަޅި އަނބުރައިލިއެވެ. ނަދާލް ހީކުރަނީ ފެންނަމުންދިޔަ ހާލަތަށް ބަލައި އައިލީންއަށް އެވަރު ވަކިކުރަން ނޭނގޭނެ ކަމަށް ހެއްޔެވެ؟
"ކޭން ޔޫ ރަން؟" އައިލީން ރުއްސާނެ ގޮތެއް ނޭނގިފައިހުރެ ނަދާލް އެއްސެވެ. އައިލީން ކީކޭހޭ އަހާ ފަދައަކުން ނަދާލްގެ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ.
"ލޫނާއަށް ދުވެވޭނެހޭ" ނަދާލްގެ ސުވާލު ތަކުރާރުކޮށްލި އެވެ.
"ދުވެފަ އެހާ ދުރަށް ދާންވީ؟" އައިލީން އެއްސެވެ. އެމީހުންނަށް ތިބީ ރިސޯޓުގެ މުވައްޒަފުން ތިބޭ ހިސާބަށް އާދެވިފައި ކަމަށްވާއިރު ރަށުގެ އަނެއްފަރާތުގައި ފަތުރުވެރިން އުޅޭ ހިސާބުގައިހުރި އައިލީންގެ ވިލާއާ ހިސާބަށް ދާންވީ ދުވެފައި ހެއްޔެވެ؟
"އަހަރެން އުޅެނީ މިތާ ކައިރީގައޭ" ނަދާލްގެ ޖަވާބުން އައިލީންގެ މޫނުމަތީގައި ސުވާލުމާކު ޖެހުނެވެ.
"މި ރިސޯޓްގެ އޯނަރަކީ އަހަރެންގެ ދޮންތަބެގެ ބިޒްނަސް ޕާރޓްނަރެއް. އެންޑް މިތަނުގެ ޖެނެރަލް މެނޭޖަރަކީ އަހަރެންގެ ވަރަށް ގާތް ރައްޓެއްސެއް. އޭނާއަށް ހާއްސަކޮށްފަ ހުންނަ ޑުޕްލެކްސް ހުންނާނީ މިދިމާލުގަ. ސްޓާފް ކުއަޓަރޒްއާ ކައިރީގަ. މިދުވަސްކޮޅު އަހަރެން މިއުޅެނީ އެތަނުގެ އެއްބައި ނަގައިގެން. ލޫނާ ބޭނުމިއްޔާ އަހަރެންނާއެކު ގޮސް ފޯނު ޗާޖު ކޮށްލައިގެން ބަގީއަކަށް ގުޅިދާނެ. އަނެއްހެން އޭނަ އޯކޭވާނެ އަހަރެން އުޅޭ ބަޔަށް ކޮންމެ މީހެއް ގެންދިޔަސް" ނަދާލް ހުށަހެޅި އެވެ.
"ދެން ކީއްވެތަ ތިވާހަކަ ކުރިން ނުބުނީ؟" އައިލީން ހުރީ ނަދާލްގެ މޮޔަކަމާމެދު ބުނާނެ އެއްޗެއް ނޭނގިފަ އެވެ.
"އަހަރެންނަކަށް ނޭނގޭނެ ދޯ އަހަރެން އުޅޭތާކަށް ދާން ބުނީމަ ލޫނާ ރިއެކްޓް ކުރާނެގޮތެއް. ފުރަތަމަރޭ ޑިނަރއަކަށް ދާން ބުނީމަވެސް ނެގީ މުޅީން ގޯސް މާނައެއްވިއްޔަ" ނަދާލް ދެކޮނޑު އަރުވައިލަމުން ބުންޏެވެ.
"ދެން ކޮންމެ މާނައެއް ނެގިޔަސް އަހަރެންނަކަށް ހިއެއްނުވޭ މިރެއަށް މާގިނަ ޗޮއިސަސްތަކެއް ހުރިހެނެއް. އިތުރަށް ވާރޭ ބޯ ނުކުރަންދެން ތިބުނާ ތަނަކަށް ދާންވީނު" އައިލީން އެއްބަސްވި އެވެ.
ނަދާލް އެންމެ ރަނގަޅޭބުނެ އެތަނުން ދުއްވައިގަތުމަށްޓަކައި ތައްޔާރީތައް ވާންފެށިއެވެ. ފައިވާން އަތަށް ނެގުމަށްފަހު ލައިގެންހުރި ކަޅު ޖީންސްގެ ފައިކުރި މައްޗަށް އޮޅައިލިއެވެ. އެންމެ ފަހުކަމަކަށް އޭނާގެ އަތުގައި ހިފާށޭ ބުނާ ފަދައަކުން އައިލީންއަށް އަތްދިއްކޮށްލި އެވެ. އައިލީންވެސް ފައިވާން އަތަށް ނެގުމަށްފަހު ނަދާލް ދިއްކޮށްލި އަތުގައި ހިފައި ދެމީހުން އެކުގައި ވާރޭގެ ތެރެއަށް ދުއްވައިގަތެވެ. އިސާހިތަކު ބޯ ވާރޭގެ ތިކިތަކުން އެ ދެމީހުން ތެންމާލައިފި އެވެ.
ފެންގަނޑުގެ ތެރޭގައި ދުވުމަކީ އައިލީން ހީކުރިހާ ފަސޭހަ ކަމަކަށް ނުވި އެވެ. އޭނާ ދެތިން ފަހަރަކު ފަސްގަނޑުގެ ތެރެއަށް ގަނބައިގަނެ ވެއްޓެންދިޔަ އެވެ. އެންމެފަހުން ނަދާލް އައިލީންގެ އަތުން ދޫކޮށްލުމަށްފަހު ކުއްލިއެއްޖަހައި އައިލީންގެ ހަށިގަނޑު އޭނާގެ ކޮނޑުމައްޗަށް އެއްލި އެވެ. އެފަދަ ކަމަކާމެދު ވިސްނާނުލައިހުރި އައިލީންއަށް ކުޑަކޮށް ހަޅޭއްލަވައިގަންނަމުން ދެފަހަރު ނަދާލްގެ ބުރަކަށީގައި ތަޅައިގަނެވުނެވެ. އެކަމަށް ފަރުވާލެއްނުދީ އައިލީން ކޮނޑަށް ލައިގެން ދުވެފައި އައިސް ނަދާލް އެބުނާ ޑުޕްލެކްސެއްގެ އަސްކަނީގެ ދަށަށްވަނެވެ. ބިންމަތީގައި އައިލީން ބަހައްޓައިލިއިރު ނަދާލްއަށް ދިޔައީ ކަކުލުގައި ދެއަތް އަޅުވާލައިގެންއޮވެ މާނޭވާ ލެވެމުންނެވެ. ނަދާލްއަށް ވެފައިހުރި ގޮތްފެނި އައިލީންއަށް ފެށުނީ ހޭށެވެ. ނަދާލް ކިހިނެއްވީހޭ އަހައިލާ ފަދައަކުން ބޯ ހޫރައިލިއިރު އަދިވެސް އޭނާގެ ނޭވާ ހަމައަކަށް ނޭޅެ އެވެ. އޭނާ ހުރީ ވާހަކަވެސް ދެއްކޭފަދަ ހާލަތެއްގައެއް ނޫނެވެ. ޗަކަ ފަސްގަނޑެއްމަތިން އިތުރު ބަރަކާއެކު ދުވެފައި އަންނަން ޖެހުމުން އެފަކީރަށް ވާނޭވަރު ނިކަން ވިސްނައިލާށެވެ. ފަލަ މީހަކަށް ނުކީ ކަމުގައިވިޔަސް އައިލީންއަކީ ހެޔޮވަރުގެ ރޫފައެއް ލިބިފައިވާ ކުއްޖެކެވެ.
ނަދާލްގެ ހާލަތަށް ވިސްނައިލުމަށްފަހު އައިލީން ގަދަކަމުން ހިނިގަނޑު ހިފެހެއްޓޭތޯ މަސައްކަތްކުރި ނަމަވެސް އެކަން ނާކަމިޔާބުވެ، އޭނާގެ ހިނިގަނޑުވީ އިހުނަށްވުރެން ބާރެވެ. އެ މަންޒަރަށް ގެއްލިފައި ހުރެވުނު ނަދާލްއަށް ކަކުލުން އަތްދޫކޮށްލަމުން ހަށިގަނޑު ސީދާ ކޮށްލެވުނެވެ. އައިލީންއަށް ނޭނގުނުކަމުގައި ވިޔަސް އައިލީންގެ ހިނިތުންވުމަކީ ނަދާލްގެ ހިތަށް ގޮތްނޭނގޭ އެތައް ބާރެއްފޯރުވާ ރީތި ހިނިތުންވުމެކެވެ.
ނަދާލްއަށް ބޭއިޙްތިޔާރުގައި އައިލީންއާ ގާތަށް ފިޔަވަޅެއް އަޅައިލެވުނެވެ. ތުރުތުރުއަޅަމުންދިޔަ އަތަކުން އައިލީންގެ މޫނުމަތީގައި ތަތްލާފައިވާ ތެތް އިސްތަށިތައް އެ މޫނާ ދުރުކޮށްލިހިނދު އައިލީން ސިހިފައި އިސް އުފުލައިލި އެވެ. ނަދާލްގެ ތޫނު ދެލޯ އެހާ ގާތުން ފެނުނުމުން އޭނާގެ ހުނުން މެދުކެނޑުމަކަށް އައެވެ. އޭރު އެދެމީހުންނަށްވަނީ އެކެއް އަނެކެއްގެ ހޫނު ނޭވާ އިހުސާސްވާހާ ގާތަށް ކައިރިވެވިފަ އެވެ. ކުރެވޭ ކުޑަކުޑަ ހަރަކާތަކުންވެސް އެ ދެމެދުގައި ހިނގަން ނުޖެހޭފަދަ ކަމެއް ހިނގައިފާނެކަމަށް ދެ މީހުންގެ ސިކުނޑިންވެސް އިންޒާރު ދެމުންދިޔަ އެވެ. ނަމަވެސް އައިލީންގެ ބެލުމުގައިވާ މައުސޫމުކަން ފެނި ނަދާލްއަށް އޭނާގެ އަމަލިތަކުގެ ލަގަން ހިފަހައްޓަން ޖެހިއްޖެކަން އެނގުނެވެ. ކުރިމަތީގައި ހުރި އައިލީންގެ ތަސްވީރު ހިނދުކޮޅަކަށް ނަމަވެސް ސިކުނޑިން ބޭރުކޮށްލުމަށްޓަކައި ދެލޯ މަރައިލައި ކަތުރު ކަށިގަނޑަށް ބާރުލަމުން ފުންނޭވާއެއް ދޫކޮށްލި އެވެ.
"ލެޓްސް ގޯ އިންސައިޑް ލޫނާ" ނެތް ހިތްވަރުން ފަހަތައް އަޅައިލި ފިޔަވަޅާއެކު ނަދާލްގެ ދެލޯ ހުޅުވައިލި އެވެ. ދެވަނަ ސިކުންތުގައި އެދެލޯ އަނެއްކާވެސް މެރުނީ އައިލީން އޭނާގެ ކަނދުރާގައި އެލިގަތުމަށްފަހު އެދެމެދުގައިވި ހަނި ޖާގަ ނައްތައިލުމުންނެވެ. މި ހުރިހާއިރު ނަދާލް އެކަމަކުން ދުވެ ފިލަންއުޅުން ކަންތަކުގައި އައިލީން އިސްނެގުމުން ނަދާލްއަކަށްވެސް އިތުރަށް ފަހަތަކަށް ނުޖެހެވުނެވެ. ހަމަކައްސައިލި ފައި އަލުން ސާބިތުކޮށްލުމަށްޓަކައި ކައިރީގައިހުރި ދޮރުގައި އެއް އަތް ވިއްދައިލެވުނުއިރު އަނެއް އަތުން އައިލީންގެ އުނަގަނޑުގައި ހިފައި އިތުރަށް އޭނާއާ ގާތަށް ދަމައިލެވުނެވެ.
ނަދާލް ދުރަށްޖެހިލިއިރު އައިލީންގެ މޫނުވަނީ ލަދުން އިސްޖެހިފަ އެވެ. އެޕަރޓްމެންޓަށް ވަނުމަށް ނަދާލް ހުޅުވައިލައިދިން ދޮރުން ހަލުވިކަމާއެކު އެތެރެއަށް ދެމިގަތީ އިތުރަށް ނަދާލްގެ ކުރިމަތީގައި ހުންނަން އުނދަގޫ ވުމުންނެވެ. ނަދާލް ކައިރީގައިހުރި ސްވިޗްބޯޑުގެ މަތިން އަތް ހިންގައިލުމާއެކު މަޑު ރީނދޫ ކުލައިގެ އައްޔަކުން މުޅިތަން އަލިވެގެންދިޔަ އެވެ. ދެ ފަންގިފިލާއަށް ވާގޮތަށް ހަދައިފައިވާ އެ އެޕާޓްމެންޓްގެ ތިރީގައި ސިޓިންގްރޫމަކާއި ޒަމާނީ ސްޓައިލެއްގެ ބަދިގެއެއްގެ އިތުރުން ލޯންޑްރީއެއް އަދި ވަލު ދޮރާއްޓަކުން ނުކުމެވޭ ކުޑަކުޑަ ބަގީޗާއެއް ހުއްޓެވެ. އެ ބަގީޗާގައި ވަނީ ކާމޭޒެއް ބަހައްޓައި އައުޓްޑޯ ޑައިނިންގް އޭރިއާއެއްގެ ގޮތަށް ޑިޒައިން ކުރެވިފަ އެވެ. މަތީ ފަންގިފިލާގައި ހުންނަނީ މާސްޓަރ ބެޑްރޫމަކާއި ގެސްޓްރޫމެއްގެ އިތުރުން ދެ ފާހަނާ އެވެ. އައިލީންއަށް އެތަނުގެ ފުރިހަމަކަމާމެދު ހިތާހިތުން ތައުރީފު ކުރެވުނު ނަމަވެސް ދުލުން ބަހެއް ބުނާވަރަށް ވުރެން އައިލީން ހުރީ މާ ބޮޑަށްވެސް ލަދުގަނެފަ އެވެ.
"މިއީ.. ތެމިފައެއްނު ތިހިރީ.. މަތީގަ ހުންނާނެ ފާހަނަ.. އޯކޭ ފްރެޝް ވެލައިގެން އަޔަސް"
އައިލީން ހީވީ ނަދާލް އެހެން ނުބުނެގެން ހުރިހެނެވެ. އަވަސްއަވަހަށް ނަދާލްއަށް ފިލަން ދުއްވައިގަތް ގޮތުން އައިލީން ސިޑިމަތިން ކައްސައިލައިފާނެ ކަމާމެދުވެސް ނަދާލް ބިރުގަތެވެ. އޭނާއަށް ހަމަޖެހިލެވުނީ އައިލީން މައްޗަށްގޮސް ކޮޓަރީގެ ދޮރު ލައްޕައިލި އަޑު އިވުމުންނެވެ. އެއާއެކު ލައިގެންހުރި ތެތްގަމީސް ލޯންޑްރީއަށް ލުމަށްފަހު އޭނާ ހިނގައިގަތީ ސިޓިންގްރޫމާއި އިންވެގެންހުރި ބަދިގެއާ ދިމާލަށެވެ. ހީ ފިލުވައިލުމަށްޓަކައި ދެއަތަށް ފުމެލުމަށްފަހު ދެއަތް ދެއަތާ އުނގުޅައިލިއިރު ވިސްނަމުންދިޔައީ އެރޭ އައިލީންއަށް ކާން ތައްޔާރުކޮށްދޭނެ އެއްޗަކާ މެދުގަ އެވެ. އެހެން ހުރެފައި ކުއްލިއަކަށް ނަދާލް އެތަނުގައިހުރި ކަބަޑުސެޓުގެ މަތީ ކެބިނެޓެއް ހުޅުވައިލި އެވެ. އަދި އެ ކެބިނެޓުން ނެގި ތަވަލެއްގެ އަތްގަނޑުގައި ހިފައި ރީތި ގޮތަކަށް އަތުތެރޭގައި އަނބުރައިލުމަށްފަހު އުނދުންމަތީގައި ބެހެއްޓި އެވެ. ޖީންސުގެ ޖީބުން ނެގި ފޯނުން ރީތި ލަވައެއް އަޅުވައިލުމަށްފަހު އުނދުނާ ތަންކޮޅެއް ދުރުގައި ފޯނު ބާއްވާލާފައި ދެން ނެގީ އޭޕްރަނަކާއި ވަޅިއެއް އަދި ކަޓިންގްބޯޑެކެވެ.
ނަދާލްގެ ކޮންމެ ހަރަކާތެއްގައިވަނީ ފަރިތަކަމެވެ. ބައެއްފަހަރު ފޯނުން އިވެމުންދާ ލަވައާ އެއްވަރަށް ހަރަކާތް ކޮށްލާތަންވެސް ފެނެ އެވެ. ފެންވަރައި ނިމުނުގޮތަށް ތިރިއަށް އައި އައިލީންއަށް އެ މަންޒަރުފެނި ސިޑީގެ މެދަކާ ހިސާބުގައި ހުއްޓިލެވުނެވެ. އޭނާ ފެނިއްޖެނަމަ ނަދާލްއަށް އެވަގުތުކޮޅުގެ އުފާވެރިކަން ގެއްލިދާނެކަމާމެދު ކަންބޮޑުވި އެވެ. ނަމަވެސް އެގޮތުގައި އޭނާއަށް އިނދެވުނީ މަދު އިރުކޮޅެކެވެ. ނަދާލްގެ ތޫނު ލޮލުގައި އައިލީން އަޅައިގަތުމާއެކު އޭޕްރަން ބާލައި ކުރަންހުރި މަސައްކަތުން އަތް ދޫކޮށްލުމަށްފަހު އައިލީންއާ ދިމާލަށް ހިނގައިގަތެވެ. ފަޅާއަރައިފިކަން އެނގުމުން އައިލީންވެސް އޭނާ އިށީނދެއިން ސިޑީގެ ހަރުފަތުން ތެދުވެ ސިޑީގެ އެންމެ ތިރިއަށް ފޭބި އެވެ. ނަދާލް މަޑުމަޑުން އައިލީންގެ ދެއަތް ގެނެސް އޭނާގެ ކޮނޑުގައި އަޅުވައިލުމަށްފަހު އައިލީންގެ އުނަގަނޑުގައި ދެއަތުން ހިފަހައްޓައިލި އެވެ.
"ނަ.. ނަދާލް އައި ކާންޓް ޑާންސް" އައިލީންއަށް ނަދާލް ކުރަން އުޅެނީ ކީއްކަން އެނގުމުން ހާސްވި އެވެ. އޭރުވެސް ފޯނުން ނަދާލް ޖަހާފައިވާ މިއުޒިކްގެ އަޑު ހުއްޓުމެއްނެތި އިވެމުންދިޔަ އެވެ. އެ އަޑަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެނީ އެޕަރޓްމެންޓްގެ ތެރެއަށް ފަނޑު ފަނޑުކޮށް ފޭދިގެން އަންނަ ބޯ ވާރޭގެ އަޑުންނެވެ.
"ކޮންމެ ކަމެއްވެސް އެނގޭނޭ ދަސްކުރީމަ" ނަދާލް ކުޑަކުޑަކޮށް އައިލީން ހިއްލައިލުމަށްފަހު އައިލީންގެ ދެފައި ނަދާލްގެ ދެފައިތިލަ މަތީގައި ބެހެއްޓި އެވެ. އަދި ލަވައިގެ ރާގާ އެއްވަރަށް ފައި ހަމަ ކުރަންފެށި އެވެ. ވަކި ހިސާބަކުން އައިލީންވެސް ނަދާލްގެ ހަރަކާތްތައް ނަގައިގަނެ ނަދާލްގެ ފައިތިލަ މަތިން ފޭބުމަށްފަހު އަމިއްލައަށް ހަރަކާތްކުރަން ފެށި އެވެ. އުފަލާއި ހުނުމުގައިތިބެ ދެމީހުން ނަށަމުންގޮސް ބަދިގެއާ ގާތްވުމުން ނަދާލް ކުޑަކޮށް އައިލީން އަނބުރާލާފައި އައިލީންގެ ގައިން ދޫކޮށްލި އެވެ. އޭނާ އަވަސްވެގަތީ ކައްކާފައިހުރި އެއްޗެހި ތަށިތައްޓަށް އަޅައި ނިންމައިލުމަށެވެ.
"ކޯއްޗެއް ތި ކައްކަނީ. އަހަރެންވެސް ބޭނުމޭ ހެލްޕްވާން" އައިލީން ބުންޏެވެ.
"މިރޭ ދެން މި ނިމުނީނު.. އެހެންވީމަ މިރޭ.." ނަދާލް އައިލީންގެ އުނަގަނޑުގައި ހިފައި ހިއްލައިލި އެވެ. "މިތާ ތިއްތިކޮށް އިއްތާލައިގެން އިނދޭ" ކައުންޓަރުމަތީގައި އައިލީން ބައިންދައިލަމުން ނަދާލް ބުންޏެވެ.
"އަދިވެސް ވާރޭ ހުއްޓާލާކަށް ނޫޅޭ ދޯ.." އައިލީންގެ ނަޒަރު ހުއްޓުނީ ބަގީޗާއަށް ނުކުތުމަށްޓަކައި ހުންނަ ބިއްލޫރި ދޮރަށެވެ. ދޮރުފޮތިގަނޑު ކަހާލައިފައި ހުރުމުން އެ ދޮރުގެ ބިއްލޫރިގަނޑުން ތިރިއަށް ފައިބަމުންދާ ފެންތިކިތައް ސާފުކޮށް ފެނެ އެވެ.
"ލޫނާ ބޭނުމިއްޔާ.. ކައިގެން ބަގީއަކަށް ގުޅާނީ.." ނަދާލްގެ އަޑުގައި މާޔޫސްކަމެއް ހުއްޓެވެ. އޭނާ އެދެނީ އެރޭ އައިލީން އޭނާގެ ގާތުގައި ހުންނާށެވެ.
"އޯކޭ. އެހާ އިރަށް ހެދުންވެސް ހިކޭނީ. މި ލައިގެން ކިހިނެއްދޯ ދާނީ" އައިލީން ލައިގެންހުރި ރޯބަށް އިޝާރާތްކޮށްލަމުން ބުންޏެވެ.
"ލުކްސް ގުޑް އޮން ޔޫ.. ކޮންމެ އެއްޗެއްވެސް ލޫނާއާގުޅޭ" ނަދާލް ގެނައި ތަށިތައް އައިލީން އިށީނދެ އިން ކައުންޓަރުގެ މަތީގައިވާ ހުސްޖާގައިގައި އަތުރައިލި އެވެ.
"ސްޕެގެޓީ ބޮލޮގްނީޒް. ބޭނުންތަ ރަހަބަލަން؟" ނަދާލްގެ ސުވާލަށް އައިލީން ބޯޖަހައިލުމުން އުލެއްގެ އެހީގައި ތަށިން ނެގި އެތިކޮޅެއް އައިލީންގެ އަނގަޔަށް ލަވައިދިނެވެ.
"ކެއަރފުލް.. ހޫނުވާނެ.. ކޯއްޗެއް މީރީ.. ކުރީރޭ ރެސްޓޯރަންޓްގަ ކެއި އެތިތަ ނޫނިއްޔާ މީތި ތަ؟" ކޮށްޓެއްގެ ތެރޭގައި އައިލީން ގައިދުކޮށްލާ ފަދައިން އައިލީންގެ ދެފަރާތުން އަތް ގެންގޮސް ކައުންޓަރުގައި އަޅުވައިލަމުން ނަދާލް އަހައިލިއެވެ.
"އަހަރެންގެ ރެސިޕީ މީރޭ ބުންޏަސް އަހަރެން ނުބުނާނަމޭ އެލްބަރތޯ ކައިރިއަކު" ނަދާލް ދެއްކީ އެމީހުން އެންމެ ފުރަތަމަރޭ ކާންދިޔަ ރެސްޓޯރަންޓްގެ ޝެފްގެ ވާހަކަ އެވެ. އޭނާ މިރޭ އައިލީންއަށްޓަކައި އެ ތައްޔާރުކޮށްދިނީ އެރޭ ކެއި އެއްޗެހީގެ ތެރެއިން އައިލީންއަށް އެންމެ މީރުވެގެން އުޅުނު އެއްޗެވެ.
"ހްމްމް. އެލްބަރޓޯ އެބަޖެހޭ އަދި ކުޑަތަންކޮޅެއް ކުރިއަށް ޖައްސާލަން" އައިލީން ދިން ނުސީދާ ޖަވާބާއެކު ނަދާލް މަޑުމަޑުން 'ޔެސް' އޭ ބުނެލައި އުފާފާޅު ކޮށްލިއެވެ. އައިލީންގެ ފަރާތުންވެސް ލުއި ހީނލުމެއްގެ އަޑު އިވުނެވެ. އާދައިގެމަތިން މިފަހަރުވެސް ނަދާލް އެ ހިނިތުންވުމުގެ ތެރެއަށް ގެއްލުނެވެ.
"ދެން ކޮންއިރަކުން ކާނީ.. އެވްރީތިންގް ލުކްސް ސޯ.. އެޕެޓައިޒިންގް" ކާ އެއްޗެއްސަށް ބަލައިލުމުން އައިލީންގެ ކުޅުދިޔާވި އެވެ. ނަމަވެސް ނަދާލްގެ ނަޒަރު އެ ކާއެއްޗެއްސާ ދިމާލަށް ދަތުރެއް ނުކުރި އެވެ.
"އައި ސީ ސަމްތިންގް ދެޓްސް އިވަން މޯރ އެޕެޓައިޒިންގް. ރެވިޝިންގް.. އިން ފެކްޓް.." ދެމީހުންގެ ހަތަރުކަޅި ހަމަވިހިނދު ނަދާލްގެ އަޑަށް މަޑުމައިތިރިކަމާއެކު އިތުރު ރާޅުކަމެއް އައިހެން އައިލީންއަށް ހީވި އެވެ. އޭނާގެ މުޅި ގައިން ހީބިހި ހިލުވައިލި އެވެ.
"ދެން ނަދާލް..." ނަދާލް ބުނި އެއްޗެއް ފަހުމުވުމާއެކު އައިލީންއަށް ލަދުން އިސްޖަހައިލެވުނެވެ.
"ލޫނާ ހީކުރަނީތަ އަހަރެން ސަމާސާ ކުރަނީއޭ.؟ އައި ސްވެއާ.. ޔޫ މޭކް މީ ސޯ.. ސޯ.. ސޯ.. ސްޓާވިންގް..." ނަދާލް އިނގިލީގެ ކުރިން އައިލީންގެ ތުންފަތުގައި ބީހިލި ހިނދު އައިލީންއަށް އިސްއުފުލައިލެވުނެވެ. އެ ބީހިލުމުން އައިލީންގެ ހިތާއި ހަށިގަނޑުގައިވާ އެންމެ ހިމަ ނާރާވެސް ވާހަކަދެއްކިފަދަ އެވެ. އައިލީން އިތުރަށް ނަދާލްއާ ކައިރިވެލަމުން ނަދާލްގެ ކަނދުރާގައި އަތް އަޅުވައިލިއެވެ.
"އިން ދެޓް ކޭސް.. ބޮން އެޕެޓިޓް" އައިލީންގެ އިޒްނަ ލިބުމުން ނަދާލްގެ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ. އެންމެ ސިކުންތެއްވެސް ބޭކާރު ކުރުމެއްނެތި އައިލީން އުފުލާލައިގެން ސިޑިއާ ދިމާލަށް ހިނގައިގަތެވެ. އޭރު އެދެމެދުގައި ވައިރޯޅިއަކަށްވެސް ދަތުރު ކުރެވޭނެހާ ޖާގައެއް ނެތެވެ.
ނަދާލްގެ ކޮންމެ ބީހުމަކަށް އައިލީން މަރުހަބާ ކިޔަމުންދިޔައީ ބިރެއްނެތި އެވެ. ފަހަރުގައި އެއީ އެރެއާއި އޭގެ ކުރިންވެސް އޭނާއަށް ނަދާލްގެ ފަރާތުން ފެނިފައިވާ އޯގާތެރިކަމުގެ ސަބަބުން ކަމަށްވެދާނެ އެވެ. އުމުރުގެ މިވީހާތަނަށް އޭނާއަށް މަދުވެފައިވި ލޯތްބާއި އަޅާލުން އިހުސާސްކުރެވުނީ ނަދާލްގެ ފަރާތުން ކަމަށްވީތީ ކަމުގައި ވެދާނެއެވެ. އެ ގާތްކަމާއި ހާއްސަކަމަށް ފެންބޮވައިގެންފައިވާ އައިލީން ދެތިން ދުވަހުގެ މެހެމާނަކަށް އޭނާގެ ހަށިގަނޑު ހިބައިން ދިނީ ފަހުން ވެދާނެ ގޮތަކާމެދު ވިސްނައިލުމަކާނުލަ އެވެ. އެދެމެދުގައިވި ބީރައްޓެހިކަމާއި އިއްފަތްތެރިކަމުގެ ފަރުދާ ކެހިގެން ދިޔައިރު ކުޑައިރުއްސުރެން މާމަ ދިން ނަސޭހަތާއި ތަރުބިއްޔަތުގެ އެންމެ އަކުރެއްވެސް އައިލީންގެ ސިކުނޑީގައި ނެތްކަހަލަ އެވެ. މިވަގުތު އޭނާއާއެކު މިހިރީ މުޅި އުމުރުގައިވެސް އޭނާ އެކަންތައް ތަކަކުން މަހްރޫމްވެފައިވި ހިމާޔަތާއި ލޯބި ދޭނޭ އިންސާނާ ކަމުގައި ޔަގީން ކުރެވުނެވެ. ނަމަވެސް އެ ޔަގީންކަމަކީ ހަމަ ހަގީގަތެއްބާ އެވެ؟ ނުވަތަ އެއީ ކިހާ ދުވަހަކަށް ދެމި އޮންނާނޭ ހަގީގަތެއްބާ އެވެ؟
---------
ހުޅުވާލެވިފައިވާ ބެލްކަނިން ކޮޓަރި ތެރެއަށް ފުރޭނިގެންއައި އިރުގެ އަލި މޫނުގައި ބޮސްދިންހިނދު އައިލީންއަށް ލޯމަތިން އެއް އަތް ހުރަސްކޮށްލެވުނެވެ. ލަސްލަހުން ދެލޯ ހުޅުވައިލިއިރު ކައިރީގައި އޮތް ނަދާލްފެނި އެ މޫނަށް ވެރިވީ ހިނިތުންވުމެކެވެ. ފުންހިޔާލެއްގެ ތެރެއަށް ގެއްލިފައިއޮވެ ތަރުތީބުކަން ގެއްލިފައިވާ ނަދާލްގެ އިސްތަށިގަނޑުގައި އަތްފުނާ އަޅައިލުމަށްފަހު އަތުގެ ނުފުށުން އެ މޫނުގައި ބީހިލި އެވެ.
"ހާއި" ނަދާލް ލަސްލަހުން އެސްފިޔަތައް ތަޅުވާލައި ލޯ ހުޅުވައިލިތަންފެނި އައިލީން ގޮވައިލި އެވެ.
"ގު..ގުޑް މޯނިންގް ލޫނާ.. ގަޑިން ކިހާއިރެއް" ނަދާލް އައިލީންގެ ބޯދަށަށް ލައްވާލެވިފައިވާ އަތް ނޫން އަނެއް އަތުގެ އެހީގައި ތެދުވެ ހެޑްބޯޑުގައި ލެގިލި އެވެ.
"އަށެއް ޖެހީ.. އެގާރަގަޑި ބައިގަ ލާންޗު އޮތީ" އައިލީން ބުންޏެވެ.
"ރޭގަ ޕެކްވެސް ނުކުރެވޭ ދޯ. ނުވެސް ކެވުނެއްނު އެންމެފަހުން.. ސޯ ބްރެކްފަސްޓް ނަގައިގެން ޕެކްކުރަން ދާންވާނީ" ނަދާލްގެ ވާހަކައަށް އައިލީން ބޯ ޖަހައިލި އެވެ.
"ނަދާލް.. އަހަރެން ސުވާލެއް ކޮށްލަންތަ؟" އައިލީން ވިސްނަމުންދިޔަ ސުވާލު ދުލާ ހިސާބަށް ގެންނަން މަސައްކަތްކުރި އެވެ. ނަދާލް އާނއެކޭބުނެ މަޑުމަޑުން ބޯ ޖަހައިލި އެވެ. އައިލީން ކުރަން އުޅެނީ ކޮންކަހަލަ ސުވާލެއްކަން އޭނާއަށް އެނގޭކަހަލަ އެވެ.
"މިއީ.. އަމްމް. ވަޓް އާރ ވީ ނައު؟ އައި މީން.. ރޭގަ މި ހިނގައިދިޔަ ކަންތައް... މިއީ ކުޑަކަމެއް ނޫން ދޯ. އަހަރެންނަށް ނަދާލްއާމެދު ފީލްވާގޮތަށް.. ނަދާލްއަށްވެސް އަހަރެންނާމެދު ފީލްވޭތަ؟" އައިލީން ސުވާލުކުރި އެވެ. ނަދާލްއަށް ހިނދުކޮޅަކަށް އައިލީންގެ މޫނަށް ބަލަހައްޓައިގެން އިނދެވުނެވެ. އެ ސުވާލުކުރުމަކީ އައިލީންއަށް އޮތް ހައްގެއް ކަމުގައި ނަދާލް ދެކުނެވެ. އަދި އައިލީން އޭނާގެ ފަރާތުން އެ އުއްމީދު ކުރަނީ ކޮން ޖަވާބަކަށްކަންވެސް ނަދާލްއަށް އެނގެ އެވެ. ފާއިތުވެދިޔަ ބާރަ ގަޑިއެއްހާއިރުގެ ތެރޭގައި އެދެމީހުންނަށް އެވަނީ ފަހަނައަޅައިދާން ނުޖެހޭފަދަ އެތައް އިމެއް ފަހަނައަޅައި ދެވިފަ އެވެ.
"ލޫނާ.. ޔޫ އަރ ސްޕެޝަލް.. ވެރީ ސްޕެޝަލް.. ސޯ ތިކަހަލަ ބޭކާރު ކަންކަމާ ނުވިސްނާ ދެން އަވަހަށް ހިނގާ ރެޑީވާން. ވަގުތެއް ނެތެއްނު.. ފަހުން ތި ވާހަކަ ދައްކާނީ އޯކޭއި؟" ނަދާލް ލޯތްބާއެކު އައިލީންގެ ނިތުގައި ބޮސްދިނެވެ. "އަހަރެން މިދަނީ އަނެއް ކޮޓަރީގެ ފާހަނައަށް.. އަވަސް ކޮށްލައްޗޭ" އެނދުން ތެދުވެ އުނުގައި ތުވާލި އޮޅާލައިގެން ކޮޓަރިން ނުކުތުމުގެ ކުރިން އޭނާ ބުންޏެވެ.
ނަދާލް ދިޔުމުންވެސް އައިލީންއަށް އެތައް އިރަކު އެނދުގައި ވިސްނަން އިނދެވުނެވެ. ނަދާލްގެ އަމަލުތަކުން އޭނާއަށް ލޯތްބާއި އަޅާލުން އިހުސާސްވިޔަސް ނަދާލްގެ ދުލުން އެފަދަ ކަމަށް އިއުތިރާފު ނުވަނީ ކީއްވެ ހެއްޔެވެ؟
ނުނިމޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ