ޕީޕީއެމްގެ ބާރުތައް ހޯދަން މައުމޫން ކޯޓަށް ވެއްދި މައްސަލަ ބަލައިނުގަތް

ޕީޕީއެމް ހިންގުމުގެ ބާރުތައް އަނބުރާ ހޯއްދަވަން ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބަަލައިގަނެވެން ނެތް ކަމަށް ސިވިލް ކޯޓުން އަންގައިފި އެވެ.
މައުމޫން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގެ ދައުވާގައި އެދިފައި ވާނީ ޕާޓީ ހިންގުމުގެ ބާރުތައް ޕީޕީއެމްގެ މުސްތަޝާރާ ހަވާލުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށެވެ.
މި މައްސަލަ މައުމޫން ހުށަހަޅުއްވާފައިވަނީ ސިވިލް ކޯޓުގެ އިދާރީ މައްސަލަ ބަލާ ޑިވިޝަނަށެވެ. މައްސަލަ ބަލައިގަނެވެން ނެތް ކަމަށް އަންގައި މައުމޫނަށް ސިވިލް ކޯޓުން ފޮނުވި ލިޔުމުގައި ބުނެފައިވަނީ، ޕީޕީއެމް އަކީ ދައުލަތުގެ މުއައްސަސާއަކަށް ނުވުމުން އެ މައްސަލަ އެޑިވިޝަނަށް ހުށަނޭޅޭނެ ކަމަށެވެ. އެހެންކަމުން މައްސަލަ ރަޖިސްޓްރީކޮށްދެވެން ނެތް ކަމަށެވެ.
ޕީޕީއެމް ހިންގުމުގެ ބާރުތައް ރައީސް ޔާމީންއާ ހަވާލުކޮށްފައި ވަނީ ވެސް ޕީޖީ ގްރޫޕުގެ ދެ މެންބަރުން ހުށަހެޅު މައްސަލައަކާ ގުޅިގެންނެވެ. އެގޮތުން ސިވިލް ކޯޓުން ވަނީ މުސްތަޝާރު އިސްވެ 24 ގަޑިއިރު ތެރޭގައި ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށާއި ޕާޓީ ހިންގުން ވެސް ރައީސް ޔާމީނާ ހަވާލު ކުރުމަށެވެ. ޕާޓީގެ ކައުންސިލުން ނިންމީ ގައުމީ އާންމު ޖަލްސާ ބާއްވަންދެން ޕާޓީ ހިންގުމުގެ ކަންކަން ބަލަހައްޓަވާ ބޭފުޅަކަށް ރައީސް ޔާމީން ހަމަޖެއްސެވުމަށެވެ. އެ ނިންމުމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް ވަނީ ތާއީދުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ