ޝަރުއީ ދާއިރާގެ އެންމެ ބޮޑު މައްސަލައަކީ ފަނޑިޔާރުން މަސައްކަތްކުރާނެ ގޮތުގެ ގާނޫނެއް ނެތުން: ޒާހިރު

ޝަރުއީ ދާއިރާ އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ފަނޑިޔާރުންގެ މަސައްކަތްތަކާ ގުޅޭ އެކަށީގެންވާ ގާނޫނެއް ނެތުން ކަމަށް ރައްޔިތުން މަޖިލީހުގެ ކުރީގެ ރައީސް އަހްމަދު ޒާހިރު (ސީނާ ޒާހިރު) ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ޝަރުއީ ނިޒާމްގެ ތާރީހާ ގުޅޭ ގޮތުން ކުރީގެ ބަންޑާރަނައިބު ހުސްނުއްސުއޫދު ލިޔުއްވި ފޮތެއް ނެރުއްވުމަށް ރޭ ނަސަންދުރަ ޕެލަސް ހޮޓަލްގައި ބޭއްވި ރަސްމިޔާތެއްގައި ސީނާ ޒާހިރު ވަނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމާ ގުޅޭ ގޮތުން ބައެއް ސިޔާސީ ފަރާތްތަކުން ދައްކަވާ ވާހަކަތަކަށް ރައްދު ދެއްވައިފަ އެވެ.
ޖަސްޓިސް މިނިސްޓަރުކަން ކުރައްވާފައިވާ ޒާހިރު ވިދާޅުވީ ޝަރުއީ ދާއިރާ އަށް ފާޑުވިދާޅުވާ ބޭފުޅުންނަށް އެކަން ހިނގާގޮތް "ކުޑަކޮށް ވެސް" އެނގިވަޑައިނުގަންވާ ކަމަށެވެ.
"ޝަރުއީ ދާއިރާއާ ބެހޭ ގޮތުން ގިނައިން ވާހަކަ ދައްކަވާ ބޭފުޅުންނަށް އަމަލީ މައިދާނުގައި އެ މަސައްކަތް ކުރާގޮތް އެނގިވަޑައިއެއް ނުގަންނަވާ. ހަމަ ކެރިގެން އަޅުގަނޑު ދަންނަވާފާނަން ހަމަ ކުޑަކޮށް ވެސް އެނގިވަޑައިނުގަންވާ. އެ ހީފުޅުވަނީ ސިޔާސީ ގޮތުން އައްޔަން ކޮށްފައި ހުރި މީހަކު ނެރިފައި އެހެން މީހަކު ގެނައިމާ އެކަން ރަނގަޅުވަނެ އޭ. އެކަން އެހެނެއް ނުވާނެ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގާޒީން އެއްތަނުން އަނެއް ތަނަށް ބަދަލުކުރިއަސް ޝަރުއީ ދާއިރާ އިސްލާހު ނުކުރެވޭނެ ކަމަށާއި ޝަރުއީ ދާއިރާ އަށް ބަދަލު ގެނެވޭނީ ފަނޑިޔާރުންނަށް އެކަށީގެންވާ ނިޒާމެއް ގާއިމުކޮށްދެވިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"ޝަރުއީ ދާއިރާގެ މައްސަލައަކަށް ވެގެން މިއުޅެނީ އެ ބޭފުޅުން މަސައްކަތްކުރައްވާނެ ގާނޫނެއް [ނެތުން]. އެކަށީގެންވާ ނިޒާމެއްގެ ތެރެއިން މަސައްކަތް ކުރެވޭނެ ގޮތެއް އެ ބޭފުޅުންނަށް ކަނޑައެޅިފައެއް ނެތް. ވީމާ އެބައި ވުޖޫދަށް ނާންނަހާ ހިނދަކު ޝަރުއީ ދާއިރާ ރަނގަޅެއް ނުވާނެ،" ޒާހިރު ވިދާޅުވި އެވެ.
ޝަރުއީ ދާއިރާ އިން ބަދަލުކުރަން ޖެހޭ ކަންކަމަށް ބައްލަވާލައްވައި އޭނާ ވިދާޅުވީ އިސް ގާޒީއަކަށް 70 އަހަރުގެ މީހަކު ބެހެއްޓުމަކީ ކުރަން "ހެޔޮވާރުގެ" ކަމެއް ނޫން ކަމަށާއި އެ އުސޫލު ބަދަލުކުރަން ޖެހޭ ކަމަށެވެ.
ޒާހިރު ވިދާޅުވީ ޝަރުއީ ދާއިރާ އަށް އިސްލާހުތަކެއް ގެންނަން ބޭނުން ނަމަ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އިސް ޕާޓީތަކުގެ މެންބަރުންގެ މެދުގައި މަޝްވަރާތައްކޮށް ބަދަލުތަކެއް ގެނެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ސުއޫދު ނެރުއްވި ފޮތަކީ ރާއްޖޭގެ ޝަރުއީ ނިޒާމު ފެށިގެން އައި ގޮތަކާ ބެހޭ ގޮތުން ތާރީހީ ދިރާސާއެއް ކުރެއްވުމަށް ފަހު ލިއުއްވާފައިވާ ފޮތެކެވެ. "މޯލްޑިވިއަން ލީގަލް ސިސްޓަމް"ގެ ނަމުގައި ނެރުއްވި ފޮތް ލިޔުއްވާފައި ވަނީ އިނގިރޭސި ބަހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ