އިދިކޮޅު ފަރާތްތަކުން މި އަހަރު އެންމެ ބޮޑު އިސްކަމެއް ދޭނީ ރައްޔިތުންގެ މަޖިލިސް މިނިވަން ކުރަން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
އާ އަހަރުގެ މުނާސަބަތުގައި އެމަނިކުފާނު ނެރުއްވި ބަޔާނުގައި، ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިއުއްވަމުން، ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ މަގާމު ކަށަވަރުކޮށްދީ ގޮނޑިތައް ހިމާޔަތްކުރުމަކީ ވެސް، އެ މަސައްކަތުގެ ބައެއް ކަމަށެވެ.
ރައްޔިތުންގެ މަޖިލިސް މިނިވަންކުރުމުގެ ވާހަކަ މައުމޫން މި ގެންނެވީ ވެރިކަންކުރާ ޕީޕީއެމުން ކެނޑި، އިދިކޮޅު ފަރާތްތަކާ ގުޅުނު މަޖިލިހުގެ މެމްބަރުންގެ ތެރެއިން 10 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނިކޮށެވެ.
ތިން އަހަރު ވަންދެން ސަރުކާރުގެ ކޯލިޝަނުން ކޮންޓްރޯލްކުރަމުން ގެންދިޔަ މަޖިލިހުގެ މެޖޯރިޓީ މިދިއަ ޖުލައި މަހު ގެއްލި، އިދިކޮޅު ހަރަކާތުގެ ބާރު ގަދަވި ދަނޑިވަޅު ސުޕްރީމް ކޯޓުން ވަނީ، ސަރުކާރުން އެދުނު ގޮތަށް، ހުކުމެއް ނެރެފަ އެވެ.
ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ގާނޫނުއަސާސީގައި ވެސް ބުނެފައި ނެތް ޝަރުތުތަކެއް ކަނޑައަޅާ ސުޕްރީމް ކޯޓުން ނެރުނު ހުކުމާ އެކު، އިލެކްޝަންސް އިން ފުލުފުލުގައި 10 މެމްބަރުންގެ ގޮނޑި ގެއްލިއްޖެކަން އިއުލާންކުރި އެވެ. އެކަމަކު އޭގެ ފަހުން ދެ މަހަށް ވުރެ ގިނަ ދުވަސް ވީ އިރު ވެސް އެއިން ދާއިރާއެއްގެ ބައި އިލެކްޝަން ބާއްވާފައެއް ނުވެ އެވެ.
ގާނޫނުއަސާސީ ބުނާ ގޮތުގައި މަޖިލިހުގެ ގޮނޑިއެއް ގެއްލިއްޖެ ނަމަ 60 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހޭނެ އެވެ.
މައުމޫންގެ ބަޔާނުގައި ވިދާޅުވީ ގާނޫނާއި ގަވާއިދުގެ ދަށުން ކަންކަން ނިންމުމުގެ ހުރިހާ ބާރެއް ރައްޔިތުންގެ މަޖިލިހަށް އަލުން މި އަހަރު ހޯދައިދޭން ޖެހޭނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގެ ވެރިކަން މިނިވަން، ޑިމޮކްރަޓިކް އަދި ގާނޫނީ ވެރިކަމަށް ބަދަލުކުރަން ގާނޫނުތަކަށް ބަދަލުތައް ގެނައުމަކީ ވެސް އަމާޒެކެވެ.
މިދިޔަ އަހަރަކީ ގިނަ ދަތިތަކަކާއި ވަރަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު އަހަރެއް ކަމަށް މައުމޫން ވިދާޅުވި އެވެ. އެގޮތުން ރައްޔިތުންގެ މަޖިލިސް ހިސޯރު ކުރިކަމާއި ސަލާމަތީ ބާރުތަކުގެ ޝިކާރައަކަށް ވެސް ވި ކަމަށް ބަޔާނުގައިވެ އެވެ. އޭގެ ސަބަބުން، އެމަނިކުފާނު ވިދާޅުވީ، މެމްބަރުންގެ ގާނޫނީ ހިމާޔަތް އުވާލެވިފައިވާ ކަމަށެވެ.
"އޭގެ ކުރީގެ ދެތިން އަހަރު ކުރިން ފެށިގެން އައި ވައްކަމާއި، ކޮރަޕްޝަނާއި، ހިޔާނާތުގެ އަމަލުތައް އިތުރަށް ފުޅާވެ މުޅި ގައުމު ފަސާދައިގެ ހާއްޔަކަން ވެގެން ދިޔަ އަހަރެއް،" މައުމޫން ވިދާޅުވި އެވެ.
މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ޖަލުގައި ބަންދުކޮށްފައިވާއިރު ބަޔާނުގައި ވިދާޅުވެފައިވަނީ ޝަރުއީ އުސޫލުތަކާއި ގާނޫނާ ހިލާފަށް ޝަރީއަތް ކޮށް ނުހައްގުން ހުކުމްކޮށްފައިވާ ސިޔާސީ ލީޑަރުން މިނިވަންކުރުމަކީ ވެސް އާ އަހަރުގެ އަމާޒެއް ކަމަށެވެ.
އެކަމަކު އިދިކޮޅު ފަރާތްތަކުން، މި އަހަރުގެ ރިޔާސީ އިންތިހާބަށް އެއް ކެންޑިޑޭޓެއް ނެރުމާ މެދު ދެކެވޭ ވާހަކަތަކަށް މައުމޫންގެ ބަޔާނުގައި އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ. އޭގެ ބަދަލުގައި ވިދާޅުވީ ދިވެހި ރައްޔިތުންނަށްޓަކައި "ފަރިވެ ފޮޅެމުން ދާ" އުއްމީދުތައް މި އަހަރު ބޮޑު ކަމަށެވެ.
މި އަހަރު އެންމެ އިސްކަންދޭނީ މަޖިލިސް މިނިވަންކުރަން: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ