ސިޔާސީ ހައްޔަރިންނާއި ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ފެބްރުއަރީ 1 ގައި ނެރުނު އަމުރު ތަންފީޒުކުރުމަށް ގޮވާލައި ގިނަ ރަށްތަކެއްގައި މުޒާހަރާކޮށްފި އެވެ. މާލޭގައި ބޭއްވި އެއްވުމުގެ ތެރެއިން މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދު ވަނީ ހައްޔަރުކޮށްފަ އެވެ.
ހުކުރު ދުވަހު ހަވީރު އެމްޑީޕީ ހަރުގެ ކުރިމަތީގައި ބޭއްވި ބޮޑު އެއްވުމުގައި ހުކުމް ތަންފީޒުކުރަން ގޮވާލަމުން ދިޔައިރު، އެއްވުން ފެށިތާމާ ގިނައިރުތަކެއް ނުވެ، ރައްޔިތުން ދުރުކުރުމުގެ މަސައްކަތް ދަގަނޑުދަހަނާ އެޅި ފުލުހުން ކުރަން ފެށިއެވެ. އެއްވުމުގެ ބައިވެރިން މަޖީދީމަގަށް ނުކުތުމާއެކު ހެންވޭރު ދަނޑުކައިރުން ފުލުހުން ހުއްޓުވި އެވެ. މެމްބަރު އަމީތާއި މެމްބަރު އަބްދުﷲ އަހްމަދު ހައްޔަރުކުރީ އެ ސަރަހައްދުންނެވެ.
އަމީތާއި އަބްދުﷲގެ އިތުރުން އެހެން ބައެއް މީހުން ވެސް ހައްޔަރުކުރި އެވެ.
ހުކުމް ތަންފީޒުކުރަން ގޮވާލާއި މާލޭގެ އިތުރުން އައްޑޫގެ ރައްޔިތުންނާއި ގއ. ވިލިނގިލި، ޅ. ނައިފަރާއި ނ. ވެލިދޫގެ އިތުރުން ބައެއް އެހެން ރަށްރަށުގައި ވެސް ރައްޔިތުން އެއްވުންތައް ބޭއްވި އެވެ.
ސުޕްރީމް ކޯޓު ހުކުމް ތަންފީޒުކުރަން ރައްޔިތުން އަޑުއުފުލަމުންދާތާ 23 ދުވަސްވެފައިވާއިރު، ކުއްލި ހާލަތުގެ މުއްދަތު 45 ދުވަހަށް އިތުރުކުރުމަށް މަޖިލީހުން ނިންމި ނިންމުން ގާނޫނާ ހިލާފު ކަމަށް، ގުޅިފައިވާ ސިޔާސީ ޕާޓީތަކުންނާއި ޕްރޮސިކިއުޓަ ޖެނެރަލާއި އެޓާނީ ޖެނެރަލްގެ ގިނަ ވަކީލުން ވަނީ ބުނެފަ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު ގާނޫނާ ހިލާފު ކަމަށް ބުނަމުންދަނީ، ރައްޔިތުން އެ މައްޗަށް އަމަލުކުރަންޖެހޭ ކަމެއް ފާސްކުރަންޖެހޭނީ މަޖިލީހުގެ ޖަލްސާގައި 43 މެމްބަރުން ހާޒިރުވެ ތިބޭ ވަގުތެއްގައި ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާތީ އެވެ. އެ އަދަދު ސަރުކާރަށް ހަމަނުކުރެވުމުން، ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރަރާު ފާސްކުރަން، މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތުން 43 މެމްބަރުން ހާޒިރުވެ ނެތަސް ވޯޓަށް އެހޭނެ ކަމަށް މަޖިލީހުގެ ރިޔާސަތުން ނިންމައި، 40 މެމްބަރުންނާއެކު ވޯޓަށް އެހި އެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރަން ވޯޓް ދެއްްވީ ސަރުކާރަށް ތާއިދުކުރާ 38 މެމްބަރުންނެވެ. އިދިކޮޅު ޕާޓީތަކުން އެ ޖަލްސާ ވަނީ ބޮއިކަަޓްކޮށްފަ އެވެ.
އަމީތާއި އަބްދުﷲ މިއަދު ހައްޔަރުކޮށްފައިވާ އިރު ރޭގެ މުޒާހަރާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފް ވެސް ވަނީ ހައްޔަރުކޮށްފައެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރި ފަހުން ހައްޔަރުކުރި މެމްބަރުން
1. ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން
2. މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން
3. ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދު
4. ގަލޮޅު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް
5. މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު
6. ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ސުޕްރީމް ކޯޓް އަމުރު ތަންފީޒުކުރަން ގޮވާލައި ރައްޔިތުން ކުރި މުޒާހަރާގެ ތެރެއިން މެންބަރު އަމީތާއި އަބްދުﷲ ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ