އަބްދުﷲ ސައީދަށް ކޮށްފައިވާ ދެ ހުކުމާއި އަލީ ހަމީދަށް އިއްވި ހުކުމް އިސްތިއުނާފަށް ހުށަހަޅައިފި
އުއްތަމަ ފަޑިޔާރު އަބްދުﷲ ސައީދަށް އިއްވި ދެ ހުކުމާއި ސުޕްރީމް ކޯޓުގެ ފަޑިޔާރު އަލީ ހަމީދު މުހައްމަދަށް އިއްވާފައިވާ ހުކުމް އިސްތިއުނާފަށް ހުށަހަޅައިފިއެވެ. ގާނޫނީ ވަކީލު މަހްފޫޒް ސައީދު މިރޭ "ސަން" އަށް ވިދާޅުވީ އަބްދުﷲ ސައީދާއި އެ ހުކުމްތައް މިދިޔަ އަންގާރަ ދުވަހު އިސްތިއުނާފަށް ހުށަހަޅާފައިވާކަމަށެވެ. ސުޕްރީމް ކޯޓުން ހަމަޖައްސާފައިވާ އުސޫލުގެ ދަށުން ހައިކޯޓުގައި އިސްތިއުނާފު ކުރާ މައްސަލަތައް ހުށަހަޅަންޖެހެނީ އެ މައްސަލައެއް ނިންމި ކޯޓަކަށެވެ. އަދި އެ ކޯޓުން އެ މައްސަލައެއްގެ ލިޔުންތައް ހައިކޯޓަށް ފޮނުވާނެއެވެ. އުއްތަމަ ފަޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އުފުލި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާ ސާބިތުވެ، އެ ދެ ބޭފުޅުން އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފައެވެ. އެ ހުކުމް ކޮށްފައިވަނީ 2016 ވަނަ އަހަރުން ފެށިގެން މިއަހަރުގެ ފެބްރުއަރީ ފަސް ވަަނަ ދުވަހާ ހަމައަށް ދަށު ކޯޓުތަކުގައި ހިނގަމުންދާ ޝަރީއަތްތަކާ ގުޅިގެން ނެރޭ އަމުރުތަކާއި ހުކުމްތައް ވަކިގޮތަކަށް ނިންމުމަށް ފަނޑިޔާރުންނަށް އަންގާފައިވާކަން ޝަރީއަތަށް ސާބިތުވުމުންނެވެ. މީގެ އިތުރުން ދައުލަތުގެ މަސައްކަތަށް ހުރަސް އެޅިކަމުގެ ދައުވާ އަބްދުﷲ ސައީދުގެ މައްޗަށް ސާބިތުވެ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމަށް ވަނީ ހުކުމް ކޮށްފައެވެ. އެ ހުކުމް ކޮށްފައިވަނީ އެކި އެކި އިދާރާތަކުން ފޮނުވަންޖެހޭ ލިޔުންތައް ސުޕްރީމް ކޯޓަށް އެކްސެސް ވިޔަ ނުދިނުމަށް "ގަވަރުމެންޓް އީ-ލެޓަރ މެނޭޖްމަންޓު ސިސްޓަމް (ޖެމްސް) ގެ ޚިދުމަތް ކަނޑާލުމަށް އެ ކޯޓުގެ އިދާރީ މުވައްޒަފުންނަށް އަންގާފައިވާތީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ