ދެފަނޑިޔާރުން ފަސް ދުވަސް ވަންދެން އަވަހާރަފުޅުލެއްޕެވީ ސުޕްރީމް ކޯޓުގައި

ފެބްރުއަރީ މަހުގެ 01 ވަނަ ދުވަހު ސުޕްރީމް ކޯޓުން އާދަޔާއި ހިލާފު އަމުރެއް ނެރުއްވުމަށް ފަހު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ފެބްރުއަރީ މަހުގެ 05 ވަނަ ދުވަހުގެ ރޭ ހައްޔަރު ކުރުމާއި ހަމަައަށް ސުޕްރީމް ކޯޓުން އެއްވެސް ވަރަކަށް ނިކުމެވަޑައިގެންފައި ނުވާކަން "ވަގުތު" އަށް ކަށަވަރު ވެއްޖެއެވެ.
"ވަގުތު" އަށް މައުލޫމާތު ދެއްވި ފުލުހުންގެ ތަޙްޤީޤާއި ގުޅޭ މައުލޫމާތު އެނގިވަޑައިގަންނަވާ ސަރުކާރުގެ މަތީ ފެންވަރުގެ އޮފިޝަލަކު ވިދާޅުވީ ސުޕްރީމް ކޯޓުން ފެބްރުއަރީ 01 ގައި އަމުރު ނެރުއްވި ފަހުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު އަވަހާރަފުޅުލެއްޕެވީ ވެސް އަދި ކޭންބެއްލެވީ ވެސް ސުޕްރީމް ކޯޓުގެ ތެރޭގައި ތިއްބަވައިގެންނެވެ.
"ފެބްރުއަރީ 01 ގެ އަމުރަށް ފަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ދެބޭފުޅުން ހައްޔަރު ކުރުމާއި ހަމައަށް ދެބޭފުޅުން ކުރެ އެއްވެސް ބޭފުޅަކު ސުޕްރީމް ކޯޓުގެ އިމާރާތުން ބޭރަށް ނިކުމެ ވަޑައެއް ނުގަންނަވާ. ނަމަވެސް އެބޭފުޅުންގެ ސަލާމަތީ ކަންތައްތައް އެދުވަސްތަކުގައި ވެސް ސިފައިން ގެންދެވީ ބަލަހައްޓަވަމުން." މައުލޫމާތު ދިން އޮފިޝަލް ވިދާޅުވިއެވެ.
މައުލޫމާތު ދިން އޮފިޝަލް ވިދާޅުވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ކޯޓުން ބޭރަށް ނިކުމެވަޑައިނުގެން ތިއްބެވީ އެބޭފުޅުން ކުރައްވާފައި ވަނީ ކިހައި ބޮޑު ކަމެއްކަން އަމިއްލަފުޅަށް ވެސް ގަބޫލުފުޅު ކުރެއްވެވިގެންނެވެ.
ސުޕްރީމް ކޯޓު ހުންނަ އިމާރާތުގައި ކުރިން ވެސް ފަނޑިޔާރުންނަށް އަވަހާރަފުޅުލެއްޕެވޭނެ އިންތިޒާމްތައް ހަމަޖައްސާފައި ހުންނަ ކަމަށް ވެއެވެ. އަދި ކެއިން ބުއިމުގެ ކަންތައްތައް ވެސް އެތަނުގައި ކުރިން ވެސް އޮންނަނީ ހަމަޖައްސަވާފައެވެ. ނަމަވެސް މީގެ ކުރިން ކޯޓުތެރޭގައި ފަނޑިޔާރުން އަވަހާރަފުޅު ލައްޕަވާފައެއް ނުވެއެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ކޯޓުން ނިކުމެ ވަޑައިނުގެންނެވި ނަމަވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމަށްވާ އަބްދުﷲ އަރީފާއި، އާދަމް މުހައްމަދު އަބްދުﷲ އާއި، ޑރ.އަހްމަދު އަބްދުﷲ ދީދީ ކޮންމެ ދުވަހަކު ވެސް ކޯޓަށް ވަޑައިގެން އޮފީސް ވަގުތު ނިމުމުން އެނބުރި ގެއަށް ވަޑައިގެންނެވިއެވެ.
ފެބްރުއަރީ ފަސް ވަނަ ދުވަހުގެ ރޭ ފަތިސް ވާން އުޅެނިކޮށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފައި ވަނީ ރިޝްވަތުގެ ގޮތުގައި ފައިސާ ހިފުމަށްފަހު ޝަރުޢީ ޙުކުމްތައް ވަކި ގޮތަކަށް ކުރުމާއި، ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ޤާނޫނާއި ޚިލާފަށް ބަދަލުކުރުމަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން މަސައްކަތްކުރުމާއި ދަޢުލަތް ހިންގުމަށް ހުރަސްއެޅުމާއި، ޖިނާޢީ އަދުލުގެ ނިޒާމު ހިންގުމަށް ޤަސްދުގައި ހުރަސް އެޅުމުގެ ތުހުމަތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ