ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ދަރިކަލުން އަދި ވިލާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ސިޔާދު ގާސިމްގެ މައްސަލަ ބައްލަވާ ގާޒީ ކުއްލިއަކަށް ބަދަލުކޮށްފިއެވެ.
ސިޔާދު ގާސިމަށް ކުރާ ރިޝްވަތު ދިނުމުގެ ދައުވާގެ ޝަރީއަތަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރީ މިއަދު މެންދުރުފަހު 3:00 ގައެވެ.
ސިޔާދުގެ ވަކީލު ހިސާން ހުސައިން ކޯޓުން ނުކުމެވަޑައިގެން މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަދަށް ތާވަލްކޮށްފައި އޮތީ އިބްތިދާއީ އަޑުއެހުމެއް ކަމަށެވެ.
ކުރިން މައްސަލަ ބައްލަވަމުން ގެންދެވި ފަނޑިޔާރު ބަދަލުވިކަން އެނގުނީ މިއަދުގެ އަޑުއެހުން ފެށުމުން ކަމަށް ހިސާން ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ ކްރިމިނަލް ކޯޓުގެ ގަވާއިދަކާއި ކޯޓުތަކާ ބެހޭ ގާނޫނާއި ފަނޑިޔާރުންގެ ގާނޫނުގައި ފަނޑިޔާރުން ބަދަލުކުރެވޭނެ ހާލަތްތައް ބަޔާންކޮށްފައިވާ ކަމަށާއި އެއިން ހާލަތެއް މެދުވެރިނުވެ ފަނޑިޔާރު ބަދަލުނުކުރެވޭނެ ކަމަށެވެ.
މައްސަލައެއް ބައްލަވަމުން ގެންދަވާ ފަނޑިޔާރު ބަދަލުކުރާނަމަ ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތަކެއް އޮންނައިރު އެކަންކަން ފުރިހަމަނުކޮށް މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަަމަށް ހިސާން ވިދާޅުވިއެވެ.
އިޖުރާއީ ނުކުތާއެއް ނަންގަވައި މިކަންކަން ޝަރީއަތުގެ މަޖިލީހުގައި ފާހަގަކުރައްވާފައިވާ ކަމަށް ވެސް ހިސާން ވިދާޅުވިއެވެ.
"ޖިނާއީ އިޖުރާއަތުގެ 152 ވަނަ މާއްދާގައި އޮންނަނީ މައްސަލަ ބައްލަވަމުން ގެންދަވާ ފަނޑިޔާރު އެއްވެސް ސަބަބަކާ ހުރެ ބަދަލުކޮށްފިނަމަ ކޯޓުގެ އިސް ފަނޑިޔާރު މައްސަލާގައި ހިމެނޭ ދެފަރާތަށް އެބަދަލުވި ސަބަބު ލިޔުމުން އަންގަންވާނެ ކަމަށް. އަޅުގަނޑުމެންނަށް އެސަބަބު އަންގާފައި ނެތީމަ އަޅުގަނޑުމެން އެދުނީ ގާނޫނާ އެއްގޮތަށް އިޖުރާއަތާ އެއްގޮތަށް ކުރިއަށް ގެންދިއުމަށްޓަކައި ޝަރީއަތް މެދުކަނޑާލުމަށް" ހިސާން ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ އެބޭފުޅުން ނެންގެވި އިޖުރާއީ ނުކުތާ ބަލައިގަނެ މިއަދުގެ އަޑުއެހުން އެހިސާބުން ގާޒީ ނިންމަވާލެއްވީ ކަމަށެވެ.
ސިޔާދުގެ މައްސަލާގައި މީގެ ކުރިން ބޭއްވި އަޑުއެހުމުގައި މައްސަލަ ބެއްލެވީ ކްރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ޝަހީދެވެ. ނަމަވެސް ސިޔާދުގެ މައްސަލަ ބައްލަވަން މިއަދު އިންނެވީ މިފަހުން ސިޔާސީ މީހުންގެ މައްސަލަތައް ބައްލަވާ ގާޒީ އަހުމަދު ހައިލަމެވެ.
ސިޔާދު މިއަދު ކޯޓަށް ހާޒިރުކުރިއިރު އޭނާ ހުންނެވީ ވަރަށް ހަމަޖެހިލައިގެން ހިނިތުންވެފައެވެ.
ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ސިޔާދު ހައްޔަރުކުރީ މިދިޔަ ފެބުރުއަރީ މަހުގެ ހަތްވަނަ ދުވަހުއެވެ. އަދި އޭގެފަހުން ސިޔާދުގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ އުފުލުމަށްފަހު މިދިޔަ މާޗު މަހުގެ 21 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން ސިޔާދު ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
ދުވަހަކުވެސް ސިޔާސީ ކަމެއްގައި ބައިވެރިވެވަޑައިގެންފައިނުވާ އިބްރާހީމް ސިޔާދު ގާސިމް ހައްޔަރުކުރީ ސިޔާދުގެ ބައްޕަ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހައްޔަރުކުރެވޭނެ އެއްވެސް ގޮތެއް ސަރުކާރަށް ނުފެނުމުން އެކަމުގެ ބަދަލުހިފުމެއްގެ ގޮތުގައި ކަމަށް އާންމު ރައްޔިތުންނާއި ސިޔާސީ ޕާޓީތަކުން ގެންދަނީ ބުނަމުންނެވެ.
ސިޔާދުގެ މައްސަލަ ބައްލަވާ ގާޒީ ނުވެސް އަންގާ ބަދަލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ