ކޮރަޕްޝަންގެ ތުހުމަތުތަކަށް އުމަރު ނަސީރު އިންކާރު!

މީގެ ދެ އަހަރު ކުރިން ރާއްޖޭގެ 50 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް ހިންގި ހަރަކާތްތަކުގައި ކޮރަޕްޝަން ހިމެނޭ ކަމަށްބުނެ އޮޑިޓް އޮފީހުން ނެރުނު ރިޕޯޓަކީ އޭރުގެ ހޯމް މިނިސްޓަރަކަށް ހުންނެވި އުމަރު ނަސީރަށް ރައްދުވާނެ ތުހުމަތުތަކެއް ނޫން ކަމަށް އުމަރު ވިދާޅުވެއްޖެ އެވެ.
އޮންލައިން ނޫސް "މިހާރު" އަށް އުމަރު ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައި ވަނީ މިިނިވަން 50ގެ ހުރިހާ ހަރަކާތްތަކަކީވެސް ރައީސް އޮފީހުން އައްޔަން ކުރި ޚާއްސަ ކޮމިޓީއަކުން ހިންގި ހަރަކާތްތަކެއް ކަމަށެވެ. އަދި އެ ކޮމިޓީއަކީ މިނިސްޓަރ ލެވެލްގެ ކޮމިޓީއެއް ކަމަށާއި ކޮމިޓީގައި އޮޑިޓަ ޖެނެރަލްގެ އޮފީހާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ބޭފުޅުންވެސް ކޮމިޓީގައި ތިބިކަން އުމަރު ވަނީ ފާހަގަކޮށްފައެވެ.
އުމަރު ވިދާޅުވެފައިވަނީ ފުރިހަމަ ޔަގީންކަމާއެކު ކޮރަޕްޝަނުގެ އެއްވެސް އަމަލެއް އޭނާގެ ކިބައިން ފެނިފައިނުވާނެ ކަމަށް ބުނަން ކެރޭނެ ކަމަށެވެ. އަދި ކޮރަޕްޝަނަށް މަގުފަހިވާ ކަމެއްވެސް ކޮށްފައިނުވާނެ ކަމުގެ ޔަގީންކަން އުމަރުވަނީ ވަރަށް ސާބިތުކަމާއެކު އަރުވާފައެވެ. މީގެ ކުރިންވެސް މިނިވަން ފަންސާހުގެ ކޮރަޕްޝަނުގެ ވާހަކަތައް ދެކެވިފައިވާއިރު އޭރުވެސް އުމަރުވަނީ މިފަދައިން ވިދާޅުވެފައެވެ.
އުމަރުގެ ބަސް އަނެއްކާވެސް ތަކުރާރުކުރަން ޖެހިފައިވަނީ އޮޑިޓާ ޖެނެރަލް ހޯމް މިނިސްޓްރީ އޮޑިޓް ކުރެއްވުމަށްފަހު ނެރުނު ރިޕޯޓާއި ގުޅިގެންނެވެ. އޮޑިޓާ ޖެނެރަލް ނެރުއްވި ރިޕޯޓުގައި ބުނެފައިވަނީ މިނިވަން ފަންސާހުގެ ހަރަކާތްތައް ހިންގުމުގައި 66 މިލިއަން ރުފިޔާ ހޭދަކޮށްފައިވަނީ ގަވާއިދާއި ޚިލާފަށް ކަމަށެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ޕޮއިންޓުތަކުގެ ތެރޭގައި ދައުލަތުގެ ތަންތަނަށް ޚަރަދުކުރާއިރު 1.5 މިލިއަން ރުފިޔާއަށްވުރެ ގިނައިން ޚަރަދުކުރަން ޖެހިއްޖެނަމަ ކަން ކުރާނެ ބަޔަކު ހޯދަން ޖެހޭނީ ޓެންޑާ އިވެލުއޭޝަން ބޯޑަށް ލައިގެން ކަމަށެވެ. ނަމަވެސް 66 މިލިއަން ރުފިޔާ ހޭދަކޮށްފައިވަނީ އެގޮތަށް އަމަލުކުރުމެއް ނެތި ކަމަށް އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
މިކަމާއި ގުޅިގެން އުމަރު ވިދާޅުވެފައިވަނީ މިނިވަން ފަންސާހުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ އޭރު ފިނޭންސް މިނިސްޓަރަކަށް ހުންނެވި މިހާރުގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ ބެއްލެވުމުގެ ދަށުން ކަމަށެވެ. ޚަރަދުތައް ހިންގުމަށް ފިނޭންސް މިނިސްޓަރުގެ ޚާއްސަ ހުއްދައެއްވެސް އޭރު ދޫކޮށްފައިވާނެ ކަމަށާއި ޓެންޑަ އިވެލުއޭޝަން ބޯޑަށް ލައިގެން ކަންކުރުމަށްވުރެ އޭރު ވަގުތުގެ ދަތިކަން މާބޮޑަށް ކުރިމަތިވެގެން ދިޔަ ކަމަށް އުމަރު ވިދާޅުވެފައިވެއެވެ.
އަދި ޚަރަދުތައް ހިންގާފައިވަނީ ހަމައެކަނި ހޯމް މިނިސްޓްރީން ނޫން ކަމަށާއި ރައީސް އޮފީހާއި އެމްއެންޑީއެފްއިންވެސް ޚަރަދުތައް ކުރި ކަމަށް އުމަރު ވިދާޅުވެފައިވެއެވެ. އަދި ވަގުތު ކުޑަތަންވުމާއި ގުޅިގެން ޓެންޑަ އިވެލުއޭޝަން ބޯޑާއި ހަމައަށް ނުގެނެސް މަސައްކަތް ކޮށްފައިވިނަމަވެސް އެއްވެސް ކަމެއް ފޮރުވައިގެން "ވަގަށް" ކޮށްފައި ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ ކުރީ ސަރުކާރު ތަކުގައިވެސް ފިނޭންސް މިނިސްޓްރީގެ ޚާއްސަ ހުއްދައެއް ލިބިއްޖެނަމަ ޚަރަދުކުރާއިރު ޓެންޑާ އިވެލުއޭޝަން ބޯޑާއި ހަމައަށް ނުގެންނަ ކަމަށާއި މިހާރު ކުއްލިއަކަށް އެއީ ބޮޑު މައްސަލަގަނޑަކަށް ހަދަން ޖެހޭ ސަބަބެއް ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެއްވެސް ކަމެއް ގަވާއިދާއި ގާނޫނާއި ޚިލާފަށް ކުރިތޯ ބަލަން ހުރިހާ ލިޔެކިޔުންތައް ރަނގަޅަށް ބަލަން ޖެހޭނެ ކަމަށް އުމަރު ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ