މެމްބަރު އިލްހާމްގެ އަނބިކަނބަލުން ހައްޔަރުކޮށްފި

ފުލުހުން ހޯދަން އިއުލާން ކޮށްފައިވާ، ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ އަނބިކަނބަލުން މީގެ އިރުކޮޅެއް ކުރިން ހައްޔަރުކޮށްފި އެވެ.
އިލްހާމްގެ އަނބިކަނބަލުން މި ހައްޔަރުކުރީ، އިލްހާމް ހޯދުމަށް ފުލުހުން މިދިޔަ ހުކުރު ދުވަހު އިއުލާން ކޮށްފައި ވަނިކޮށެވެ. ނަމަވެސް މިހާތަނަށް އިލްހާމެއް ފުލުހުންނަކަށް ނުހޯދެ އެވެ.
އެނގިފައިވާ ގޮތުގައި އިލްހާމްގެ އަނބިކަނބަލުން ހައްޔަރުކުރީ، ބަޔާނެއް ނެގުމަށް ފުލުހުންގެ އިދާރާ އަށް ހާޒިރުކުރުމަށް ފަހު އެވެ. އެކަމަކު ހައްޔަރުކުރި ސަބަބެއް ނޭނގެ އެވެ.
އިލްހާމްގެ އިތުރުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން ވަނީ އޭނާ ހޯދަން މިދިޔަ ހުކުރު ދުވަހު އިއުލާން ކުރިތާ މާ ގިނައިރުތަކެއް ނުވަނީސް ފުލުސް އޮފީހަށް ވަޑައިގެން އަމިއްލަ އަށް ފުލުހުންގެ ބެލުމުގެ ދަށަށް ގޮސްފަ އެވެ.
ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓުން ކުރާ ތަހުގީގަކަށް ސިނާން ހައްޔަރުކޮށްފައިވާއިރު، އޭނާގެ މައްޗަށް ކުރަނީ ރިޝްވަތު ހިފުމުގެ ތުހުމަތެވެ.
ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެ އިން ބޭރުގައި އުޅުއްވުމަށް ފަހު، އިލްހާމާއި ސިނާން މި މަހުގެ ހަތަރު ވަނަ ދުވަހު ރާއްޖެ ވަޑައިގަތުމުން ހައްޔަރުކުރީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަށް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ރިޝްވަތު ދިން ކަމަށް ބުނާ މައްސަލައިގެ ތަހުގީގަށެވެ. އެކަމަކު ބަންދުގެ މުއްދަތު ޖެހުމަށް ޖެހިގެން އައި ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އިލްހާމާއި ސިނާން ވަނީ ދޫކޮށްލައިފަ އެވެ.
އެ މައްސަލައިގެ ތަހުގީގަށް އެ ދެބޭފުޅުން ހޯދަން މިދިޔަ ޖެނުއަރީ 31 ވަނަ ދުވަހު ވެސް ފުލުހުން އިއުލާންކުރި އެވެ. އޭރު އެ ދެބޭފުޅުން ތިއްބެވީ، ރައީސް އަބްދުﷲ ޔާމީން އަދި ވެރިކަން ކުރާ ޕާޓީ، ޕީޕީއެމާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކާ ގުޅިގެން ރާއްޖެ ދޫކުރައްވައި ވަޑައިގެންނެވި ގޮތަށް ތައިލެންޑުގައި ކަމަށް ވެ އެވެ. އިލްހާމާއި ސިނާން މި ފަހަރު ރާއްޖެ ވަޑައިގަތީ އަށެއްކަ މަސް ވަންދެން ރާއްޖެ އިން ބޭރުގައި އުޅުއްވުމަށް ފަހު އެވެ.
އިލްހާމާއި ސިނާނަކީ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި އިދިކޮޅު 12 މެމްބަރުންގެ ތެރޭގައި ހިމެނޭ ދެ ބޭފުޅުންނެވެ. ނަމަވެސް އެ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިހާރު ވަނީ ކަނޑައަޅައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ