މައުމޫނު ހަމީދަށްވުރެ ރަނގަޅަށް އަނިލް އާއި އާޒިމާއަށް ގާނޫނުއަސާސީ އެނގޭނެ: އަދުރޭ
ގާނޫނީ ވަކީލު މައުމޫނު ހަމީދަށްވުރެ ރަނގަޅަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް އާއި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރަށް ގާނޫނުއަސާސީ އެނގިވަޑައިގަންނަވާނެ ކަމަށް މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ. މައުމޫނު ހަމީދަކީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމާއި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނުގެވެސް ގާނޫނީ ވަކީލެވެ. ކުއްލި ނުރަކަލުގެ ހާލަތުގައި އަމަލުކުރަމުންދަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ވިދާޅުވެ ރޭ މައުމޫނު ހަމީދު ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވައި އަދުރޭ ވިދާޅުވީ "ގާނޫނުއަސާސީ އަކީ ހަމައެކަނި މައުމޫނު ހަމީދަށް އެނގޭ އެއްޗެއް ނޫން" ކަމަށެވެ. " މައުމޫނު ހަމީދަށްވުރެ މާ ރަނގަޅަށް ގާނޫނުއަސާސީ ދެނެވަޑައިގަންނަވާ ބޭފުޅުން ދިވެހި ސަރުކާރުގައި އެބަތިއްބެވި. ބަންޑާރަނައިބުވެސް މާ ރަނގަޅަށް ދެނެވަޑައިގަންވާނެ. އާޒިމާ ޝަކޫރުވެސް މާ ރަނގަޅަށް ދެނެވަޑައިގަންވާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ. ގާނޫނޫއަސާސީ އެނގޭނީ އިދިކޮޅުގައި ތިބޭ ވަކީލުންނަށް އެކަނި ނޫން ކަމަށާއި ގާނޫނުއަސާސީ ދިރާސާ ކުރެވޭނީވެސް ހަމައެކަނި އިދިކޮޅުގައި ތިބޭ ވަކީލުންނަށް ނޫން ކަމަށް އަދުރޭ ވިދާޅުވި އެވެ. " އެމީހުން (އިދިކޮޅު ވަކީލުން) ދައްކާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ހުރި ވާހަކަތަކެއް ނޫން،" އަދުރޭ ވިދާޅުވި އެވެ. ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބޭފުޅުން ތަހުގީގަށް އެއްބާރުލުން ނުދޭ ކަމަށް ފުލުހުން އިއްޔެ ވަނީ ބުނެފައެވެ. މައުމޫނު ހަމީދު ރޭ ވިދާޅުވީ ރައީސް މައުމޫނާވެސް ފާރިސް އާވެސް ނަދީމާވެސް މިހާތަނަށް ތަހުގީގުގައި އެސްވެސް ސުވާލެއް ކޮށްފައި ނުވާ ކަމަށެވެ. އަދުރޭ ވަނީ އެކަމާ ގުޅިގެންވެސް ވާހަކަފުޅުދައްކަވައިފައެވެ. ވިދާޅުވީ ފުލުހުން ދޮގު ނުހަދާނެ ކަމަށާއި ވަކީލުން އުޅެނީ އޮޅުވާކަން ކަމަށެވެ. އަދުރޭ ވަނީ ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒަށްވެސް ބަހުގެ ހަމަލާތަކެއް ރައްދުކޮށްފައެވެ. ރިޔާޒު މިވަގުތު ސިޔާސީ ހަރަކާތްތަކުން ނުފެންނަނީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރުންނަށް އުމަރު ނަސީރާއި ޑރ. މުހައްމަދު ޖަމީލް އަހުމަދު ހަމަ ޖެއްސެވުމުން ހިތްހަމަ ނުޖެހިގެން ކަމަށް އަދުރޭ ވިދާޅުވި އެވެ. އަދި ކުރިއަށް އޮތްތަނުގައި ރިޔާޒު ފެންނާނީ އަނެއްކާވެސް އެހެން ޕާޓީއަކުން ކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ