ޕީޕީއެމްގެ ވެރިކަމެއްގައި ޖީއެމްއާރާ އަލުން ވާހަކަ ދައްކާނަން: މައުމޫން

ޕްރޮގްރެސިވްޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ވެރިކަމެއްގައި އިންޑިއާގެ ޖީއެމްއާރްގްރޫޕުން އާ ޕްރޮޕޯސަލަކާ އެކު އަތުވެއްޖެ ނަަމަ ވާހަކަ ދައްކާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބުދުލް ގައްޔޫމު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ދަ ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އަށް ދެއްވި އިންޓަވިއުއެއްގައި މައުމޫނު ވިދާޅުވީ ޖީއެމްއާރް ކަމަށް ވިޔަސް ޓާޓާ ކަމަށް ވިޔަސް ރާއްޖޭގައި އިންވެސްޓް ކުރަން ބޭނުންވާ ހުރިހާ ފަރާތަކާ ވެސް ވާހަކަ ދައްކާނެ ކަމަށެވެ.
"ސެޕްޓެމްބަރު މަހު ބާއްވާ އިންތިހާބުގައި އޭނާގެ ޕާޓީ އަލުން ވެރިކަމަށް އަތުވެއްޖެ ނަމަ، އަދި ޖީއެމްއާރުން އާ ޕްރޮޕޯސަލްއަކާ އެކު އަތުވެއްޖެ ނަމަ ވާހަކަ ދައްކާނެތޯ ސުވާލުކުރުމުން އޭނާ ވިދާޅުވީ 'ހުރިހާ ކަމެއް ވެސް ވާނެ' ކަމަށެވެ،" މައުމޫނު ދެއްކެވި ވާހަކަފުޅާ ބެހޭ ގޮތުން ޕީީޓީއައިއާ ހަވާލާދީ ދަ އިކޮނޮމިކް ޓައިމްސްގައިވެ އެވެ.
މައުމޫނު އަދި ވިދާޅުވެފައި ވަނީ ދެ ފަރާތަށް ފައިދާވާ ގޮތަށް އަދި އެއްވެސް މީހަަކަށް ގެއްލުމެއް ނުވާ ގޮތަށް އޮންނަ އެއްބަސްވުމަކާ އެކު އަތުވެއްޖެ ނަމަ މަރުހަބާ ކިޔާނެ ކަމަށެވެ.
އިންޑިއާ އަށް ކުރައްވާ ދަތުރުފުޅުގައި އެ ގައުމުގެ "ދަ ހިންދޫ" ނޫހަށް މައުމޫން ވިދާޅުވެފައި ވަނީ
ހުޅުލޭ އެއާޕޯޓް ހިންގަން އިންޑިއާގެ ޖީއެމްއާރް އިންފްރާ ސްޓްރަކްޗާ ކުންފުންޏާ ހަވާލުކުރުމަށް ވެފައި އޮތް އެއްްބަސްވުން އުވާލާފައި ވަނީ ހިތްހަމަ ޖެހޭ ގޮތަކަށް ނޫން ކަމަށެވެ.
އޭނާ ވިދާޅުވެފައި ވަނީ ޕާޓީތަކާ މަޝްވަރާނުކޮށް، އެއްބަސްވުމުގައި ސޮއިކުރުމަކީ ރައީސް ނަޝީދުގެ ސަރުކާރުގައި ހެދި ގޯހެއް ކަމަށާއި އެ މައްސަލައިގާ މިހާރުގެ ސަރުކާރުން ޖީއެމްއާރާއި އިންޑިއާ ސަރުކާރާ އެކު މަޝްވަރާކޮށްގެން ގަބޫލުކުރެވޭ ފަދަ ހައްލެއް ހޯދުނީސް ކަމަށެވެ.
ހުޅުލޭ އެއާޕޯޓް ޖީއެމްއާރާ ހަވާލު ކުރި އެއްބަސްވުން އުވާލި ނަމަވެސް އަލުން އެފަދަ އެއްބަސްވުމެއް ރުޖޫއަކޮށްފާނެ ކަމަށް އިޝާރާތްކޮށް މައުމޫން ވާހަކަފުޅު ދެއްކެވި އިރު، ޖީއެމްއާރު އެގްރީމަންޓް ސަރުކާރުން ބާތިލުކުރުމުން ޕީޕީއެމް އިން ކުރިން ވަނީ ސަރުކާރަށް ތައުރީފުކޮށް މަރުހަބާ ވެސް ކިޔައިފަ އެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު 23ގައި ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމީން ވިދާޅުވީ ޕީޕީއެމްގެ ބަސް ހިނގާ ސަރުކާރެއް ނަމަ އިންޑިއާގެ ޖީއެމްއާރު ކުންފުނި ރާއްޖޭގައި އޭރު ނޯންނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ