މާކަނާ ޝޯގެ ކޮންޓެންޓް އިސްލާހު ކުރަން ޖެހޭނެ ކަމަށް ގަބޫލެއް ނުކުރަން: ރައީސް ނަޝީދު

ރާއްޖޭގެ ސިޔާސީ މަސްރަހުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅުންނާއި ސިޔާސީ މަސްރަހުގައި ހިނގާ ކަންކަން ހެއްވާ މަޖާ ގޮތަކަށް ގެނެސްދޭ "މާކަނާ ޝޯ"، އިޖުތިމާއީ ފޭރާމަށް ގެއްލުން ނުވާ ގޮތަށް ގެނެސްދޭން ބްރޯޑްކާސްޓިން ކޮމިޝަނުން އެންގުމުން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ޝޯގެ ދިފާއުގައި ނުކުންނަވައިފިއެވެ.
ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާކަނާ ޝޯ ގެނެސްދެނީ ކުޑަކުދިން ޓީވީ ބަލާ ގަޑީގައެއް ނޫން ކަމަށެވެ. އަދި އެ ޝޯގައި ބޭނުންކުރާ ބަސްތައް ބޭނުން ކުރަނީ، އެ ޝޯގެ ހަމަތަކުގެ ތެރެއިން ކަމަށްވެސް ވިދާޅުވިއެވެ.
"މީޑިއާ ސެންސަރު ކުރުމުގައި ވަރަށް ވިސްނާން ޖެހޭނެ" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ކުރެއްވި ޓްވީޓް..
"މާކަނާ ޝޯ" އެންމެ ފުރަތަމަ ދެއްކީ ރާއްޖެ ޓީވީންނެވެ. ފަހުން ޗެނަލް13 އިން ވެސް އެ ޝޯ ދެއްކިއެވެ. އަދި މިހާރު އަނެއްކާވެސް އެ ޝޯ ބެލުންތެރިންނަށް ގެނެސްދެނީ ރާއްޖެ ޓީވީންނެވެ.
ބްރޯޑްކޮމް އިން ވަނީ އިޖުތިމާއީ ފޭރާމަށް ގެއްލުން ނުވާނެ ގޮތަށް، މާކަނާ ޝޯގެ ކޮންޓެންޓް އިސްލާހު ކުރަން ރާއްޖެ ޓީވީއަށް އަންގައިފައެވެ.
ބްރޯޑްކޮމް އިން އެގޮތަށް އެންގީ، މިދިޔަ އޭޕްރީލް މަހާއި މާޗު މަހު ދެއްކި "މާކަނާ ޝޯ"ގެ ހަތަރު އެޕިސޯޑެއްގައި ހުތުރު ބަހުރުވައިން ކޮންޓެންޓު ގެނެސްދީފައިވާތީ އާއި އާންމު ގޮތެއްގައިވެސް މާކަނާ ޝޯގައި ހުތުރު ބަހުރުވަ ބޭނުންކުރާ ކަމަށް ފާހަގަވާތީ ކަމަށް ބްރޯޑްކޮމްއިން ބުނެއެވެ.
ބްރޯޑްކޮމް އިން މައްސަލަ ބެލުމަށްފަހު ބުނީ އޭޕްރީލް މަހު ގެނެސްދިން މާކަނާ ޝޯގެ ހަތަރު އެޕިސޯޑެއްގައި މުޖުތަމައުގައި އާންމުގޮތެއްގައި ބޭނުންކުރެވޭ އަދަބު އަހުލާގީ މިންގަނޑު ހިފެހެއްޓިފައި ނުވާކަމަށް ފާހަގަވެފައިވާ ކަމަށެވެ. އަދި އެ ކޮންޓެންޓްގައި އެފަދަ ބަސްތަކާއި އަޑުތައް ތަކުރާރުކޮށް ބްރޯޑްކާސްޓްކޮށްފައިވާކަން ފާހަގަކުރެވޭ ކަމަށާއި އެއީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގައި، އިޖުތިމާއީ މިންގަނޑުތަކަށް ނުފެތޭ ބަސްމަގު އަދި އިޝާރާތްތައް ބޭނުން ނުކުރުމަށް ބުނާ މާއްދާއާ ހިލާފު ކޮންޓެންޓެއް ކަމަށް ބްރޯޑްކޮމްއިން ބުނެފައިވެއެވެ.
އެފަދަ ކޮންޓެންޓް ބްރޯޑްކާސްޓް ކުރުމުގެ ސަބަބުން ގައުމުގެ އިޖުތިމާއީ ފޭރާމަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެތީ، މީގެ ފަހުން "މާކަނާ ޝޯ" ގެނެސްދޭ ނަމަ ގެނެސްދޭން ވާނީ ބްރޯޑްކާސްޓްކުރުމުގެ ގަވާއިދާއި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ އެއްގޮތަށް ކަމަށް ރާއްޖެ ޓީވީއަށް އަންގާފައިވާ ކަމަށް ބްރޯޑްކޮމްއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ