ސެނެގޯލްގެ އިދިކޮޅު ލީޑަރު އިންތިޚާބު ކާމިޔާބު ކުރައްވައިފި

ޑަކާރު (މާޗް 26): ސެނެގޯލްގެ އިދިކޮޅު ލީޑަރު މާކީ ސޯލް، އެޤައުމުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައިފި އެވެ.
އުމުރުން 50 އަހަރުގެ ސޯލް އަކީ ސެނެގޯލްގެ ބޮޑުވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގެ ގިނަ ވޯޓުތައް މިހާތަނަށް ގުނާފައިވާ ކަމަށާއި ގުނާފައިވާ ވޯޓުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ އިދިކޮޅު ލީޑަރު މާކީ ސޯލް އެވެ. ވޯޓްތަކުގެ ޓްރެންޑް ހުރި ގޮތުން މިނަތީޖާ އަށް މާބޮޑު ބަދަލުތަކެއް ނާންނާނެ ކަމަށް އެޤައުމުގެ އިންތިޚާބާ ބެހޭ އޮފިޝަލުން ވިދާޅުވެ އެވެ.
ސޯލް މިއިންތިޚާބު ކާމިޔާބު ކުރެއްވީ އިންތިޚާބުގައި ނާކާމިޔާބުވެ ވަޑައިގެންނެވި މިހާރުގެ ރައީސް ޢަބްދުﷲ ވާދް އާ ދެކޮޅަށް އިދިކޮޅު ހުރިހާ ޕާޓީތަކާއި މަދަނީ ޖަމްޢިއްޔާތައް ގުޅިއެކަތިގަނޑަކަށްވެގެން ހިންގި ވަރުގަދަ ކޭމްޕޭނެއްގެ ނަތީޖާއެއްގެ ގޮތުން ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ. މާކީ ސޯލް އިންތިޚާބު ކާމިޔާބުކުރެއްވުމުން ރައީސް ވާދު ވަނީ ބަލިޤަބޫލު ކުރައްވައި ސޯލްއަށް މަރްޙަބާ ދަންނަވާފަ އެވެ.
ސެނެގޯލްގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ބާއްވާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 26 ގައެވެ. މިއިންތިޚާބުގައި ރައީސް ވާދުގެ އިތުރުން 12 ކެންޑިޑޭޓަކު ވަދަކުރެއްވި އިރު ދެވަނަބުރަށް ދާވަރަށް ވޯޓު ލިބިފައި ވަނީ ރައީސް ވާދުއާއި އިންތިޚާބު ކާމިޔާބުކުރެއްވި މާކީ ސޯލް އަށެވެ.
ރިޔާސީ އިންތިޚާބު ކާމިޔާބުކުރެވިއްޖެކަން ކަށަވަރުވުމުން މިއަދު ދެއްވި ބަޔާނެއްގައި ސޯލް ވިދާޅުވީ ކެއިންބުއިމަށާއި ދިރިއުޅުމުގެ އަސާސީ ކަންކަމަށް ބޭނުންވާ މުދަލުން ޓެކްސްނަގާ މިންވަރު އޭނާގެ ވެރިކަމުގައި ކުޑަކުރާނެ ކަމުގަ އެވެ. ސެނެގޯލްގެ އިންފްލޭޝަން ރޭޓް މައްޗަށްދާމިންވަރުގެ ބޮޑުކަމުން ރައްޔިތުން ވަނީ ހާސްކަމެއްގެ ތެރޭގަ އެވެ.
ސެނެގޯލްގެ ގިނަ މީހުން ދުވާލު ހަތަރުދަމު ކުރާ މަސައްކަތުން ލިބޭއުޖޫރައިން ދެފަހަރު ކެވޭވަރުނުވާ ކަމަށް ޚަބަރުތައް ބުނެ އެވެ. ކާބޯތަކެއްޗާއި ދިރިއުޅުމުގެ އަސާސީ މުދަލުން ޓެކްސް ކުޑަކޮށްގެން ރައްޔިތުންގެ ހާސްކަން ކުޑަކުރުމަށް މަސައްކަތް ކޮށްދޭނެ ކަމަށް ސޯލް ވަނީ ވަޢްދުވެވަޑައިގެންފަ އެވެ.
ސެނެގޯލްގެ ރިޔާސީ އިންތިޚާބުގައި ބަލިވެވަޑައިގެންނެވި މިހާރުގެ ރައީސް ޢަބްދުﷲ ވާދު ވެރިކަމަށް އިންތިޚާބުވެވަޑައިގަތީ 2000 ވަނަ އަހަރު އެވެ. މިހާރު ނިމެމުން މިދަނީ ވާދުގެ ރިޔާސީ ދެވަނަ ދައުރެވެ. (އަލްޖަޒީރާ+ރޮއިޓާސް)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ