ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތަށް ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ފައިސާ ދެއްކުމަށް މިއަދު ސިވިލް ކޯޓަށް ދިއުމުން އެ ފައިސާ ކޯޓުން ބަލައެއްނުގަތެވެ.
މުސްތަފާގެ ކެމްޕެއިން އޭޖެންޓް އަބްދުﷲ ޖަމީލް ވިދާޅުވީ އެ ފައިސާ ކޯޓަށް ދައްކަން ދިއުމުން، ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން ސިވިލް ކޯޓަށް ދައްކަން ޖެހޭ ދަރަންޏެއް މުސްތަފާގެ ނެތް ކަމަށް ކޯޓުން ބުނެފައިވާ ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން މުސްތަފާ އާއި ސިވިލް ކޯޓުގެ ރެޖިސްޓްރާއާ ދެ ބޭފުޅުން މިހާރު ބައްދަލުކުރައްވަމުން ގެންދަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސްޕްރީމް ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައި ވަނީ ބޭންކް އޮފް ކްރެޑިޓް އެންޑް ކޮމާސް އިންޓަނޭޝަނަލް އިން ނަގާފައިވާ ލޯނަކީ މުސްތަފާ ޒިންމާވާންޖެހޭ އެއްޗެއް ކަމަށެވެ. އެ މައްސަލައިގައި އެ ދަރަނި އަދާނުކޮށް އޮތްކަން ސާބިތުވުމުން އޭނާ ކުރިން ފުރުއްވަމުން ގެންދެވި ތިމަރަފުށީ ދާއިރާގެ މެމްބަރުކަމުން އޭނާ ވަކިވެއްޖެ ކަމަށް ސްޕްރީމް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.
މުސްތަފާ އެ ދުވަހު ވިދާޅުވީ ސްޕްރީމް ކޯޓުގެ ހުކުމަކީ ސިޔާސީ ހުކުމެއް ކަމަށާއި އެ ފައިސާ އެމްއެމްއޭ އަށް ދެއްކުމަށްފަހު އަލުން އެ ދާއިރާގެ ގޮނޑިއަށް ކުރިމަތިލައްވާނެ ކަމަށެވެ. އެހެން ނަމަވެސް އެމްއެމްއޭ އަށް ފައިސާ ދެއްކުމުގެ ބަދަލުގައި ސިވިލް ކޯޓަށް އޭނާ ފައިސާ ދައްކަން ދިޔައީ ކީއްވެގެންތޯ އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.
މުސްތަފާގެ ސާބިތު ދަރަނީގެ ފައިސާ ދައްކަން ކޯޓަށް ދިއުމުން ކޯޓުން ފައިސާ ބަލައެއް ނުގަތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ