ގިނަ ޕާޓީތަކެއް ބައިވެރިވާ ގޮތަށް ފުރަތަމަ ފަހަރަށް އަންނަ ބުދަ ދުވަހު ރާއްޖޭގައި ބާއްވާ އިންތިހާބުގައި ވޯޓު ދިނުމުގެ ޝަރުތު ހަމަވާ މީހުންގެ ލިސްޓްގައި ވަރަށް ބޮޑެތި އޮޅުންތަކެއް އެބަހުރި ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.
"އަޅުގަނޑުމެން ގެންގުޅޭ ލިސްޓަކީ ނެޝެނަލް ރަޖިސްޓްރޭޝަނުން އަދި މުނިސިޕަލްޓީން ވެސް ކޮންމެ ވެސް ވަރަކަށް ބަލައިގެން ގެންގުޅޭ ލިސްޓެއް. އެ ލިސްޓުގައި ވަރަށް ބޮޑެތި އޮޅުންތަކެއް އެބަހުރި ކަމަށް އަޅުގަނޑުމެންނަށް މިހާރު އެނގެނީ. އޭގެއިން ފާހަގަ ކުރެވޭ އެއް ކަމަކީ އޮޅުންބޮޅުންތަކެއްގެ ތެރެއަށް އަޅުގަނޑުމެންނަށް ކޮންމެ ވެސް ވަރަކަށް މިއޮތީ ވަދެވިފައޭ،"އިންތިހާބުގެ ތައްޔާރީތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ މެމްބަރު އަލީ ފާއިޒު ވިދާޅުވި އެވެ.
ދަރުބާރުގޭ ފަންސަވީހުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ފާއިޒު ވިދާޅުވީ އެ ލިސްޓުގައި ހުރި މައްސަލަތައް ހައްލު ކުރުމަށް ދިގު މުއްދަތެއް ނަގާނެ ކަމަށެވެ. ވޯޓު ލުމަށް މިހާ ކުރު މުއްދަތަކަށް ވެފައިވާ އިރު އެ ލިސްޓާ ދޭތެރޭ ވަރަށް ބޮޑަށް ކަންބޮޑުވެލައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ލިސްޓުގައި މަރުވެފައި ތިބި މީހުންގެ ނަމާއި އެކަކުގެ ނަން ތަކުރާރުވުން ފަދަ ބޮޑެތި މައްސަލަތައް ހިމެނެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިންތިހާބާ ގުޅޭގޮތުން މިހާތަނަށް ފެނުނު މައްސަލަތަކުގެ ތެރެއިން މީހުންގެ ހިތުގައި އިންތިހާބާ ބެހޭ ގޮތުންނާއި އެ ކޮމިޝަނުން ކުރާ މަސައްކަތާ ދޭތެރޭ ޔަގީންކަން އުފެދުމުގެ ބަދަލުގައި ޝައްކު އުފެދުމުގެ ޖާގަ އެބަ އޮތެވެ. އެ ކޮމިޝަންގެ ފަރާތުން ރަނގަޅު ނިޔަތެއްގައި މަސައްކަތް ކުރި ނަމަވެސް އެހެން ދިމަދިމާއިން އެ ކޮމިޝަނާ ގުޅިފައިވާ މަސައްކަތްތަކުގެ ތެރެއިން މައްސަލަތަކެއް އުފެދުމުން ވެސް މީހުންގެ ހިތުގައި އެ ޝައްކު އުފެދޭނެ ކަމަށް ފާއިޒު ވިދާޅުވި އެވެ.
އެހެން ނަމަވެސް އިންތިހާބަށް ތައްޔާރުވުމަށް އެ ކޮމިޝަނަށް ލިބުނު މުއްދަތަށް ބަލައި އެ ކޮމިޝަނުން ވަރަށް ރަނގަޅަށް މަސައްކަތްކޮށްފައިވާ ކަމަށް އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ބޭރުގެ އޮބްޒާވަރުން ފާހަގަކޮށްފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުހަންމަދު އިބްރާހީމް ވިދާޅުވީ ވޯޓުލާ މީހުންގެ ރަޖިސްޓްރީ ސައްހަ ކުރުމަށް ނެޝެނަލް ރަޖިސްޓްރޭޝަންގެ އިތުރުން ރަށްރަށަށް ވެސް ލިސްޓް ފޮނުވައިގެން މަސައްކަތްތަކެއް އެ ކޮމިޝަނުން ކުރި ކަމަށެވެ.
"އެހެން ނަމަވެސް ހަގީގަތާ ދުރަކަށް އަޅުގަނޑުވެސް ދާކަށް ނެތިން. ހަމަ އަލީ ފާއިޒު ވެސް އެ ވިދާޅުވި ހެން ލިސްޓްތަކުގައި އެބަހުއްޓޭ އަޅުގަނޑުމެންގެ ލޮލަށް ފެންނަން ހުރި މައުލޫމާތުތަކެއް. އެހެން ނަމަވެސް އެ ލޮލަށް ފެންނަން ހުރި މައުލޫމާތުން ދޭހަކޮށްދޭ މާނަ ކަމާ ބެހޭ ބޭފުޅުން ވަޑައިގެން ކިޔާދެއްވީމަ އަޅުގަނޑުމެންނަށް ހީވާގޮތާ ތަފާތު ވެގެން ވެސް އެބަދޭ،" ފާއިޒުގެ ވާހަކަ އަށް ތާއީދު ކުރައްވައި މުހަންމަދު އިބްރާހިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ލިސްޓުގައި އެކެއްގެ ނަން ތަކުރާރުވެފައި ނޯންނާނެ ކަމަށް ކުރިން ދަންނަވަމުން އަޔަސް ކަނޑައެޅިގެން މިހާރު އެގޮތަށް ނުދެންނެވޭނެ އެވެ. އެހެން ކަމުން މިހާރު އޮތް ގޮތަކީ އިނގިލީގެ ނިޝާން ކަމަށާއި އެ ނިޝާނުގެ ސަބަބުން އެކަކަށް ދެ ފަހަރަށް ވޯޓު ނުލެވޭނެ ކަމުގެ ޔަގީންކަން މުހަންމަދު އިބްރާހީމް އެ ބައްދަލުވުމުގައި ދެއްވި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން، އިންތިހާބުގައި އަތޮޅުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުންނާއި އިދާރީ ގޮތުން ބޭނުންވާ ތަކެތި އަތޮޅުތަކަށް މިހާރު ވަނީ ފޮނުވައިފަ އެވެ. އަދި އިންތިހާބަށް ހާއްސަކޮށް ހުރިހާ އަތޮޅުތަކެއްގައި ވެސް ތަމްރީނު ޕްރޮގްރާމްތައް ހިންގަމުން އަންނަ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
މީގެ އިތުރުން ވެސް އެ ކޮމިޝަންގެ ރައީސް ވިދާޅުވީ ގައުމީ ފެންވަރުގަ އާއި އަތޮޅު ފެންވަރުގައި އަދި ރަށު ފެންވަރުގައި ކޮމްޕްލެއިންސް ބިއުރޯތަކެއް މިއަދު ގާއިމްކޮށްފައިވާ ކަމަށެވެ.
"ކޮމްޕްލެއިންސް ބިއުރޯތަކަށް މެމްބަރުން އައްޔަންކޮށްފައި ވަނީ އަތޮޅު ކުރިއަރުވާ ކޮމެޓީ އާއި ރަށް ކުރިއަރުވާ ކޮމެޓީތަކުން އައްޔަން ކުރެއްވި ބަޔަކު ވެސް ޝާމިލު ކުރެވިގެން. އަދި މި ކޮމެޓީތަކަށް އަތޮޅު ކޯޑިނޭޓިން ކޮމެޓީގެ ރުހުން ހޯދިފައި ވަނީ،" މުހަންމަދު އިބްރާހީމް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބު: ވޯޓު ދިނުމުގެ ޝަރުތު ހަމަވާ މީހުންގެ ލިސްޓްގައި ވަރަށް ބޮޑެތި އޮޅުންތަކެއް އެބަހުރި: އިލެކްޝަންސް ކޮމިޝަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ