ސިވިލް ކޯޓުން ޕާސްޕޯޓް ހިފަހައްޓާފައިވާ ޗައިނާ މީހަކު ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ރޭ ފުރުވާލައިފި އެވެ.
ޕާސްޕޯޓް ހިފަހައްޓާފައި އޮއްވާ ފުރުވާލާފައި ވަނީ ޗައިނާގެ ރައްޔިތެއް ކަމަށްވާ ޒޭންގް ޔަންގެވެ. ސިވިލް ކޯޓުން އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް އިމިގްރޭޝަންގެ މައްޗަށް ނެރެފައި ވަނީ އައިރިސް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ގޯލްޑަން ބްރިޖް ޓްރެވަލްސް (ޖީބީޓީ)ގެ މައްޗަށް ދައުވާކޮށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެންނެވެ. ޒޭންގަކީ ޖީބީޓީގެ ވެރިމީހާ އެވެ.
ޖީބީޓީގެ މައްޗަށް އައިރިސް އިންޓަނޭޝަނަލުން ދައުވާ ކުރަނީ ޓޫރިސްޓުން ރާއްޖެ ގެނައުމަށް ވެފައިވާ އެއްބަސްވުމެއްގެ ދަށުން ދައްކަންޖެހޭ 263،672 ޑޮލަރު ( 4،065،822ރ.) ހޯދުމަށެވެ.
އައިރިސްގެ ވަކީލު ހަސަން ފަލާހު މިއަދު ވިދާޅުވީ ޒޭންގް ފުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ރޭ އިމިގްރޭޝަނަށް ގުޅައި އެ މައުލޫމާތު ދީފައިވާނެ ކަމަށެވެ. އަދި އޭނާ ފުރުވާލުމުން އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން ފުރުވާފައި ވަނީ ސިވިލް ކޯޓުން ނެރުނު އަމުރު ބާތިލްކޮށްފައި އޮތުމުން ކަމަށް އިމިގްރޭޝަނުން ބުނެފައިވާ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
"އިމިގްރޭޝަނުން ބުނީ ކްރިމިނަލް ކޯޓުން އަމުރެއް ނެރެފައި އެބަ އޮތޭ އޭނާ ދޫކޮށްލަން. އެކަމަކު ކްރިމިނަލް ކޯޓުގައި އޮތީ މުޅިން ތަފާތު އެހެން މައްސަލައެއްގައި ނެރެފައި އޮތް އަމުރެއް،" ވަކީލު ވިދާޅުވި އެވެ. "ދެން ބުނީ ކްރިމިނަލް ކޯޓުން ބާތިލްކޮށްފައޭ އޮތީ ސިވިލް ކޯޓުގެ އަމުރު."
އިމިގްރޭޝަނުން ބުނީ އެތަނުން މީޑިއާއަށް މައުލޫމާތު ދިނުމަށް ހަމަޖައްސާފައިވާ މުވައްޒަފު ހުންނެވީ ޗުއްޓީގައި ކަމަށެވެ. އަދި މީޑިއާއަށް މައުލޫމާތު ދިނުމަށް މިހާތަނަށް އިތުރު މީހަކު ހަމަޖައްސާފައި ނެތް ކަމަށް ވެސް ބުންޏެވެ.
ކޯޓުން ޕާސްޕޯޓް ހިފަހައްޓާފައިވާ ޗައިނާ މީހަކު އިމިގްރޭޝަނުން ފުރުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ