ސޯމާލިއާގެ ފޭރޭ މީހުން ރާއްޖެއާ 700 ވަރަކަށް މޭލު ބޭރުން މެލޭޝިޔާގެ ބޯޓެއް ފޭރިގެންފި

ރާއްޖޭގެ ހުޅަނގުން ގާތްގަނޑަކަށް 700 ވަރަކަށް މޭލު ބޭރުން ދަތުރުކުރި މެލޭޝިއާގެ ބޯޓެއް ސޯމާލިއާގެ ފޭރޭ މީހުން ހުކުރު ދުވަހު އަތުލައިގެންފައިވާ ކަމަށް އިންޓަނޭޝަނަލް މެރިޓައިމް ބިއުރޯ (އައިއެމްބީ) އިން އިއްޔެ ބުނެފި އެވެ.
ސޯމާލިއާ ސަރަހައްދުގައި ހިނގާ ކަނޑު ފޭރުމުގެ ކަންކަމަށް ފާރަވެރިވާ ތިމާވެއްޓާ ބެހޭ ޖަމާއަތެއް ކަމަށްވާ އީކޮޓެރާ އިންޓަނޭޝަނަލް އިން ބުނީ އެމްވީ އަލްބެޑޯ ނަމަކަށް ކިޔާ ބޯޓު އަތުލައިގެންފައި ވަނީ ޔުނައިޓެޑް އަރަބި އެމިރޭޓްސް އިން ފުރައިގެން ކެންޔާ އަށް ދަނިކޮށް ކަމަށެވެ. އަދި ބޯޓު އަތުލައިގެންފައި ވަނީ ސީޝެލްއާ ކައިރިން ކަމަށް ވެސް ބުންޏެވެ.
އައިއެމްބީ އިން ބުނީ ބޯޓު އަތުލައިގެންފައި ވަނީ ސޯމާލިއާއާ ދިމާލަށް ދަތުރުކުރަނިކޮށް ކަމަށެވެ. އަދި އެ ބޯޓުގައި 23 ފަޅުވެރިން ތިބިއިރު އޭގެ ތެރޭގައި ހިމެނެނީ ޕާކިސްތާނާއި ސްރީ ލަންކާ އާއި ބަންގްލާދޭޝް އަދި އީރާން މީހުން ކަމަށް އައިއެމްބީން ބުނެފައިވެ އެވެ.
"އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ ބޯޓު ދަތުރުކުރީ ސޯމާލިއާއާ ދިމާލަށް ކަމަށް. ކަނޑުގެ ސިފައިން މިހާރު ދަނީ އެ ބޯޓުގެ ކަންތައް ބަލަމުން،" އައިއެމްބީގެ ވެރިޔާ ނޯލް ޗޫންގް އޭއެފްޕީ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.
ޗޫންގް ވިދާޅުވީ ފޭރޭ މީހުންގެ އަތްދަށުގައި މިހާރު ވެސް 23 އުޅަނދެއް އެބަ އޮތް ކަމަށާއި އެ ބޯޓުތަކުން 531 މީހަކު ރަހީނުކޮށްފައި އެބަތިބި ކަމަށެވެ.
ސޯމާލިއާގެ ފޭރޭ މީހުންގެ ހަރަކާތްތައް ވަރަށް ބޮޑަށް އިތުރުވެގެން ދިއުމާ އެކު ކަނޑުގެ ސިފައިންގެ ލަޝްކަރުތަކުން ވަނީ އެ ސަރަހައްދުގެ ސަލާމަތީ ކަންކަމުގައި ހަރަކާތްތެރިވާން ފަށައިފަ އެވެ. ނަމަވެސް ފޭރޭ މީހުންގެ ހަރަކާތްތަކަށް އެއްވެސް ބަދަލެއް ނާދެ އެވެ. އަދި ސިފައިން ކަނޑުގެ ސަރަހައްދު ބެލެހެއްޓުން އިތުރުކުރުމާ އެކު ފޭރޭ މީހުންގެ ހަރަކާތްތައް މިހާރު ބޮޑަށް ހިންގަމުން ދަނީ އިންޑިއާ ކަނޑުގެ ތެރޭގައި ސޯމާލިއާއާ ވަރަށް ދުރުންނެވެ. --އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ