ގައުމީ ޕާޓީގެ ނައިބު ލީޑަރު ޑރ. މުހައްމަދު ޖަމީލު އަހްމަދު ފުލުހުން ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލައާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހަކަށް އެކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ކޯޓަށް ވަޑައިގަތީ ގާނޫނީ ވަކީލު އާއިޝަތު އާޒިމާ ޝަކޫރުގެ ކާރުގައި ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ކުރާ ތުހުމަތުތަކަށް އާޒިމާ އިންކާރުކުރައްވައިފި އެވެ.
"ހަވީރަ"ށް ދެއްވި އިންޓަވިއުއެއްގައި ޑރ. ޖަމީލުގެ ގާނޫނީ ވަކީލު އާޒިމާ މިއަދު ވިދާޅުވީ އެ ބުނާ ޝަރީއަތުގެ މަޖިލީހަކަށް އޭނާގެ ކާރުގައި އަބްދުﷲ ގާޒީ ކޯޓަށް ނުގެންދަވާ ކަމަށާއި ދުވަހަކު ވެސް އޭނާގެ ކާރަށް އަބްދުﷲ ގާޒީ ނާރުއްވާ ކަމަށާއި އަދި އާޒިމާ ވެސް އެ ގާޒީގެ ކާރަށް ނާރުއްވާ ކަމަށެވެ.
"އަޅުގަނޑަކަށް އަބްދުﷲ ގާޒީގެ ކާރެއް އޮންނަ ކަމެއް ވެސް ނޭނގޭ،" ކުރީގެ ބަންޑާރަ ނައިބު އާޒިމާ ވިދާޅުވި އެވެ.
"އަޅުގަނޑަކީ ދުވަހަކު ވެސް އަބްދުﷲ ގާޒީއާ ގުޅުމެއް އޮންނަ މީހެއް ނޫން. ގުޅުމެއް ނުވެސް ބާއްވަން."
ޑރ. ޖަމީލާއި އަބްދުﷲ ގާޒީ ހައްޔަރުކުރުމަށް ފަހު، އާޒިމާގެ މައްޗަށް މި ތުހުމަތުކޮށް ވާހަކަދެއްކެވީ ރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި މަޑަވެލީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމެވެ.
އާޒިމާ ވިދާޅުވީ ޑރ. ޖަމީލު ފުރަތަމަ ހައްޔަރުކުރި ރޭ ޕޮލިސް ހެޑްކުއާޓާޒް ކައިރިން ކްރިމިނަލް ކޯޓަށް އޭނާ ވަޑައިގެންނެވިއިރު އަބްދުﷲ ގާޒީ ހުންނެވީ ކޯޓުގައި ކަމަށާއި އޭނާއާ އެކު އެރޭ ކާރުގައި ތިއްބެވީ ޑރ. ޖަމީލުގެ ތިމާގެ ދެ ބޭފުޅުން ކަމަށެވެ.
"އެ ގޮތަށް އަޅުގަނޑުގެ އަގު ވައްޓާލުމަށް އެ މީހުން [އެމްޑީޕީގެ މެމްބަރުން] އަބަދުވެސް އުޅޭ،" އާޒިމާ ވިދާޅުވި އެވެ.
މިކަމާ ގުޅޭ ގޮތުން ނާޒިމުގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
އަބްދުﷲ ގާޒީ ދުވަހަކު ވެސް އަޅުގަނޑުގެ ކާރަކަށް ނާރުއްވާ: އާޒިމާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ