މިހާރު އަމަލުކުރަމުން އަންނަ ގާނޫނު އަސާސީ އަށް އެއް އަހަރު ފުރޭއިރު އާ ކުރަންވީ އަޒުމަކީ، ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުން އެދޭ ފަދަ ނަތީޖާތަކެއް ނެރެދޭނެ އަދި ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ހޯދައިދޭނެ މަޖިލީހަކަށް ހެދުން ކަމަށާއި އެކަމަށް މަސައްކަތްކުރުމަށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އިއްޔެ ގޮވާލައްވައިފި އެވެ.
އޮގަސްޓް ،7 2008 ގައި ތަސްދީގުކޮށް މިހާރު އަމަލުކުރާ ފެހި ކުލައިގެ ގާނޫނު އަސާސީ އަށް އެއް އަހަރު ފުރުމާ ގުޅިގެން މަޖިލީހުގެ ރައީސް ދެއްވި ހިތޯބުގައި ވިދާޅުވީ ރައްޔިތުން އެދޭ ފަދަ ނަތީޖާތަކެއް ނެރެދޭ މަޖިލީހަށް ހެދޭނީ އެއީ އެކަކު އަނެކަކަށް އިހުތިރާމްކުރާ ތަނަކަށް ހަދައިގެން ކަމަށެވެ. އަދި އަޚުލާގީ ގޮތުންނާއި ސުލޫކީ ގޮތުން އެހެން މީހުންނަށް ނަމޫނާއަކަށް ވެގެން ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސް ވިދާޅުވީ ގާނޫނު އަސާސީގައި ވަރަށް ފުރިހަމަ އަށް އަސާސީ ހައްގުތައް ކަށަވަރު ކޮށްދިނުމުގެ އިތުރުން ވާޖިބުތަކެއް ވެސް ކަނޑައަޅާފައިވާ ކަމަށެވެ. އެހެން ގާނޫނު އަސާސީ އަށް އެއް އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން، އެ ހައްގުތަކަށް ރައްކާތެރިވުމަށާއި ވާޖިބުތައް އަދާކުރުމުގައި ފަސްޖެހޭ ބަޔަކަށް ނުވުމަށް މަޖިލީހުގެ ރައީސް އިލްތިމާސް ކުރެއްވި އެވެ.
ޝާހިދު ވިދާޅުވީ ގާނޫނު އަސާސީ އަށް އެއް އަހަރު ފުރޭއިރު އެ ގާނޫނު އަސާސީގެ ދަށުން ކުރަންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ދިވެހިރާއްޖޭގައި ގާއިމްކޮށްފައިވާ ޑިމޮކްރެސީގެ ބިންގާ ހަރުދަނާކޮށް އާރާސްތު ކުރުމަށްޓަކައި ކުރަން ހުރި ގިނަ ކަންތައްތަކެއް އެބަހުރިކަން ގަބޫލުކުރަން ޖެހޭ ކަމަށް ޝާހިދު ވިދާޅުވި އެވެ.
"މިއަދު ވެރިކަމުގެ ބާރުތައް އާ ގާނޫނު އަސާސީން ވަރަށް ފުރިހަމަ އަށް ވަކިވެފައިވާއިރު، ދައުލަތެއްގެ ގޮތުގައި، ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތެއްގައި މަސައްކަތް ކުރެވޭނީ، ގާނޫނަށް ތަބާވާ، ގާނޫނުގެ ވެރިކަމަށް އިހުތިރާމްކުރާ މުޖުތަމައެއް ގާއިމް ކުރެވި، އިހުލާސްތެރި މަސައްކަތްތަކެއް ކުރެވިގެން ކަމަށް ގަބޫލުކުރަންޖެހެ އެވެ. އަޅުގަނޑުމެންގެ އަޒުމަކަށް ވާންވާނީ ފަރުދީ ހިޔާލު ތަފާތުވުންތަކުން އެއް ކިބާވެ، ގައުމީ ރޫހެއްގައި ރައްޔިތުންގެ ލާބަ އާއި މަންފާއަށްޓަކައި މަސައްކަތް ކުރުމެވެ،" މަޖިލީހުގެ ރައީސް ވިދާޅުވި އެވެ. އެގޮތުން ތަފާތުކުރުންތަކުން ދުރުހެލިވެ ކޮންމެ ކަމެއްގައި ވެސް ވާހަކަ ދައްކައިގެން ހައްލުކުރުމުގެ ގާބިލްކަމް އަށަގަންނުވަން ދަސްކުރަން އެބަޖެހެ އެވެ. ހިޔާލު ތަފާތުވުމަކީ މައްސަލައެއް ކަމުގައި ނުދެކި ތަފާތު ހިޔާލުތަކާ އެކު ވެސް މަސައްކަތް ކުރުމުގެ ހިތްވަރު އަޅުގަނޑުގަނޑުމެންގެ ކިބައިގައި އެބަހުރިކަން ސާބިތުކޮށްދޭން މިއަދު ވަނީ ޖެހިފަ އެވެ."
ގާނޫނު އަސާސީ އަށް އަހަރު ފުރުން: ރައްޔިތުން އެދޭ ފަދަ ނަތީޖާތަކެއް ނެރޭ މަޖިލީހަކަށް ހެދުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ގޮވާލައްވ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ